ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރުބަލިކަން މަތީ އެހުރީ އޮއްސުމެއް ނެތް ވަރުގަދަ ތަރިއެއް!

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟
ވަތަން އެދޭ މިގޮތަށް އިޖާބަ ދީ ދަމާ ހިނގާ، މުވާތިނުންނޭ އަތާއި އަތް ގުޅުވާލަމާ
    ހިތާއި ނަފުސާ ދަރިންގެ ދިރިއުޅުމަށްޓަކާ، ފިސާރި ކެރިގެން އަތާއި އަތް ގުޅުވާލަމާ
ފިސާރި ކެރިގެން ބަދަލެއް މިފަހަރު ގެންނަމާ، ދިރިއުޅުމުގެ އަގުތައް ތިރި ކުރުމަށް،
    އަތް ފޯރާ ފަށާ ބޯހިވާހިކަން ހޯދާ ދިނުމަށް، ހިތްތަކުގައި ވާ ހާސްކަން ފިލުވާލުމަށް

މިއީ ސްކޫލު ދައުރުގެ އެންމެ ޅަ ދުވަސްވަރު ރިޔާސީ އިންތިހާބުގެ ފޯރި ނަގަމުން ދިޔައިރު މީގެ 15 އަހަރު ކުރިން އަޑުއިވުނު ލަވައެކެވެ. އުމުރުން ބޮޑުވަމުން އައި ވަރަކަށް، ރައީސް ނަޝީދުގެ ސިޔާސީ ހަޔާތަށް އުފެދެމުން ދިޔަ ޝައުގުވެރިކަމާއި އެމަނިކުފާނުގެ ވެރިކަމަށް ވީ ކިހިނެއްތޯ އަދި ސިޔާސީ މަސައްކަތް ފެއްޓެވި ގޮތް ވެެސް އެނގޭނެ ގޮތްތަކެއް ހުރިތޯ ބެލީމެވެ.

ހުރިހާކަމެއްގައި ރައީސް ނަޝީދަކީ މިއަދު އަޅުގަނޑަށް މާ ކަމުދާ ޝަހުސެއް ނޫން ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީގެ ވަރުގަދަ ނިޒާމެއް ގެނައުމަށް ކުރެއްވި މަސައްކަތާއި ރާއްޖެ މިއަދު ދެކެމުން މިދާ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމަކީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތެއްގެ ނަތީޖާއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިދޭން ޖެހޭކަމަށާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ގޮވާލައި މަސައްކަތް ފެއްޓެވި ހިސާބުން ރައީސް ނަޝީދަށް ގިނަ ދަތިތަކާއި ހުރަސްތައް ކުރިމަތިވި އެވެ. އެތައް ފަހަރެއްގެ މަތީން ޓިނުން ހަދާފައި ހުރި ކުޑަ ޖަލު ގޮޅިއެއްގައި ބަންދު ކުރި އެވެ. މި ބުނާ ކުޑަގޮޅީގެ ފުޅާ މިނުގައި 4 ފޫޓުކަމަށްވާއިރު، ދިގު މިނުގައި ހުރީ 06 ފޫޓެވެ. އަދި އުސް މިނުގައި 06 ފޫޓު ހުއްޓެވެ. މި ދުވަސްތަކުގައި ނިދަން އުނދަގޫ ކުރުމާއި، ކާން ނުދީ ބޭއްވުން އަދި ފެން ނުދިނުން އަދި ކަސްތޮޅު އެޅުވުން  ނޫންނަމަމަ އަނދަގޮނޑި ޖެހުން ހިމެނެ އެވެ.

ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސްނުން ރައީސް ނަޝީދުގެ ހުރި ނަމަވެސް، ރާއްޖޭގައި 30 އަހަރުގެ ދިގު ވަރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލް ދެކުނު ގޮތުން އެއީ ކުށްވެރިއެކެވެ. އެހެނަސް 1990ގެ އަހަރުތަކުން ފެށިގެން “ސަންގު” ގެ ނަމުގައި ނެރެމުން އައި ނޫސް މަޖައްލާއެއްގައި އިސްކޮށް ހުންނަވައި ރައީސް ނަޝީދު ގެންދެވީ ސަރުކާރުގެ ގޯސްތައް ފާހަގަކޮށް ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ބުނެދެމުންނެވެ.

ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަށް ފަށުވި އިބާރާތުން ހަބަރުތައް ނުގެނެސް، ދެކޮޅު ވާހަކަތައް ދައްކައި ސަރުކާރު މާބޮޑަށް ނުރުހޭ ގޮތަށް އެކްޓިވްކޮށް އުޅުއްވަން ފެއްޓެވުމުގެ ސަބަބުން ބުނީ އެއީ ރައްޔިތުންގެ މެދުގައި ފިތުނަ ފެތުރުން ކަމަށެވެ.

ސަރުކާރުން ސަންގު މަޖައްލާ އުވާލުމުން، ދެން ރައީސް ނަޝީދު މަސައްކަތް ކުރީ އެއީ ނޫސްވެރިކަމަށް ދިން ގެއްލުމެއްކަމަށާއި، ގަލަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގެނަފައިވާ ކަމަށެވެ. އެ މައްސަލަ ދިމާވި ހިސާބަކީ، ނޫސް މަޖައްލާ އުފެއްދުމަށް ފަހު މާ ގިނަ ދުވަހެއް ނުވެ ރައީސް ނަޝީދު ލިޔުއްވި ލިއުމެއްގެ ސަބަބުންނެވެ. 1989 ގައި ސަރުކާރުން އާންމު އިންތިހާބު އޮޅުވާލިކަމުގެ ތުހުމަތު ކުރެއްވުމުން ބަންދުގައި ބަހައްޓައި އަނިޔާތަކެއް ކުރި އެވެ.

ބަންދުން ދޫކުރުމުން ދެން ލިޔުއްވީ، ބޮން ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތެއް ސިއްރުކޮށް ސަރުކާރުން ހިފެހެއްޓިކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގައި 1992، އޭޕްރިލް 08 ގައި ތިން އަހަރުގެ ޖަލު ހުކުމެއް އައެވެ. އެކަމަކު އަހަރެއް ނުވަނީސް ބަންދުން ދޫކުރުމަށް ފަހު އޭގެ ޖެހިގެން އައި ދެ އަހަރު ވެސް އަލުން ހައްޔަރު ކުރި އެވެ. އަދި އިންތިހާބާއި ގުޅޭގޮތުން ލިއުނު ހަބަރެއްގެ ސަބަބުން އަނެއްކާ ވެސް ދެ އަހަރުގެ ޖަލު ހުކުމެއް އައެވެ. ބަންދުން ދޫކުރި ނަމަވެސް، ދިރިއުޅުއްވާ ގެ ސަރަހައްދުގައި ފުލުހުން އަބަދުވެސް އުޅުނެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެކި ފަހަރު މަތީން، ތަފާތު ތުހުމަތުތަކުގައި ރައީސް ނަޝީދު ހައްޔަރު ކުރި އަދަދު ވިއްސަށް ވުރެ މަތިވާނެ އެވެ. އެ ސަބަބާއި ހުރެ ދެ ދަރިން އުފަންވި އިރު، ރައީސް ނަޝީ ހުންނަވަން ޖެހުނީ ދުރުގަ އެވެ. އެ ހިތްދަތިކަމާ އުދާސްތައް ވެގެން ދިޔައީ ރައީސް ނަޝީދުގެ ހިތްވަރަކަށެވެ. ފަސްޖެހުމެއް ނެތި ކުރެއްވި މަސައްކަތުން “އަންނި” ގެ ނަމުން ވަތުގަދަ ކެމްޕެއިންއެއް ކުރައްވައި މާލޭގެ މެމްބަރުކަން ހޯއްދެވިއެވެ.

މާލޭގެ މެމްބަރަކަށް ހުންނެވަނިކޮށް ދައުލަތުގެ ލިޔެކިޔުންތަކެއް ވަގަށް ނެގި ކަމަށް ބުނެ ދައުވާ އުފުލައި ބަންދުކޮށް އަރުވާލަން 2001 ގައި ހުކުމް ކުރި އެވެ. އެ މައްސަލައާއި އެކު މެމްބަރުކަން ގެއްލި 2003 ގައި ރާއްޖެ ދޫކޮށް ވަޑައިގެން 2005 ގެ ނިޔަލަށް އުޅުއްވީ ރާއްޖެއިން ބޭރުގައި ސްރީލަންކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގަ އެވެ. މިހާރުގެ ބަހުން ނަމަ އަމިއްލަފުޅަށް އަރުވާލެވިގެންނެވެ.

މި ފާހަގަ ކުރި ދުވަސްވަރަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އުފެދިގެން އައި ދުވަސްވަރެވެ. އޭރު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ ރާއްޖޭގައި އޮތް ޚުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކޮށް ޑިމޮކްރެޓިކް ހަމަތަކުވެރި ވެރިކަމެއް ގެނަން ޖެހިފައިވާކަމަށާއި، “30 އަހަރު ފުދިއްޖެ” ކަމަށެވެ.

ދެން އޮތީ ރިޔާސީ މަސައްކަތްތަކަށް ޖާގަ ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތެވެ. މި ރިޕޯޓު ފައްޓަމުން ގެނެސްދީފައިވާ ލަވައިގައި ވާ ހުރިހާ ވާހަކަތަކެއް ފެއްޓެވީ އެހާ ހިސާބުންނެވެ. ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލަން ޖެހޭކަމަށާއި، ޑްރަގަށް ހުޅުވި ދޮރުތައް ބަންދުކޮށް، ފޮތް ފަންސޫރު ހިލޭ ކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ހަމަ މި މައްސަލައިގެ ތެރެއިން ބަންދެއް އައިސް ގާތްގަނޑަކަށް އަހަރެއް ހާ ދުވަސް ޖަލުގައި ހޭދަކުރެއްވި އެވެ.

ސެޕްޓެމްބަރު 03، 2003 ގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި އެ ހާދިސާއާއި ގުޅިގެން މާފުށީ ޖަލުގައި ހިނގާ ދިޔަ ބަޑި ޖެހުމުގެ ހާދިސާގައި ރައީސް މައުމޫނަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިލާންޖެހި  އެތެރެއިންނާއި ބޭރުން އައި ފާޑުކިއުންތަކާއި، ސަރުކާރާއި ދެކޮޅަށް ފާޅުގައި އެންމެން ނިކުތުމުން ވެރިކަން ހިންގުމުގެ ނިޒާމަށް ބަަދަލު ގެނައުމަށް ރައީސް މައުމޫނަށް މަޖުބޫރު ވިއެވެ.

 ޖޫން 09، 2004 ގައި ރައީސް މައުމޫން އިސްލާހީ އެޖެންޑާ އިއުލާނު ކުރުމަށް ފަހު، އިސްލާހު ކުރެވޭ ގާނޫނު އަސާސީގެ ދަށުން ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފް ކުރައްވާނެކަން ހާމަކުރެއްވި އެވެ. ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ފަހުން ފެށުނު އަސްލު ހިސާބަކީ މިއީ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް 2008 ގައި ބޭއްވި ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވި އެވެ. އެހެން ނަމަވެސް ހާލަތު ނިޔާކުރި ގޮތުން ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވި ނިންމާލަން ޖެހުނެވެ. އެ ދޮޅު އަހަރުގައި ކަންކަން ހިނގައިދިޔައީ އުންމީދު ކުރި ގޮތަށްކަމަށް ނުވެ ހިނގައިދާނެ އެވެ.

ރައީސް ނަޝީދު ވަރުބަލިކޮށްލައި، ދެރަކޮށްލަން އެފަހުން ހިނގައިދިޔަ ކަންކަން އަދި މާގިނަ އެވެ.

ރައީސް ނަޝީދަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އެންމެ ތާއީދު އޮތް އެއް ލީޑަރު ވެސް މެ އެވެ. ނަމަވެސް، އެ ހާލަތު މިއަދު ބަދަލުވީ ގޮތާއި މެދު ހިތުގެ ތެރޭގައި އުފެދިފައި ހުރި ސުވާލުތައް މަދެއް ނޫނެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގި ހުރިހާކަމެއް އެއީ އިއްޔެ ވީކަމެއް ހެން އެންމެންގެ ހަނދާނުގައި ހަރުލާފައި ހުރި ވާހަކަތަކެއްކަމުން އެ ވާހަކަ ގެނައުމުގެ ބޭނުމެއް ނެތެވެ.

ބައެއް މީހުންގެ ނަޒަރުގައި ރައީސް ނަޝީދަކީ، ގޮތް ދޫކުރުމެއް އަދި ބަލި ގަބޫލު ކުރުމުގެ ވިސްނުމެއް ވެސް ހުންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ސިޔާސީ ގޮތުން ކުރިޔަށް ދާން ބޭނުންވާ ގޮތަކަށް ރައީސް ނަޝީދު ކުރިޔަށް ދާން ކުރާ މަސައްކަތަކީ އެއީ ”ފުކެއް ބޮޑުވަރު“ ކަމަށް ދެކެން ޖެހޭކަމަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނުކުރެ އެވެ. ކުރާ އުންމީދަކާއި ވިސްނުމަކަށް ދޫދީ، އަދި ހާއްސަކޮށް ތިމާ ބޮލުގައި އަތް އަޅައި ވައްޓާލަން ބަޔަކު ރެއާއި ދުވާލު މަސައްކަތް ކުރާކަން އެނގޭނަމަ އަމުދުން އިސް ޖަހައި ފަހަތަށް ޖެހުން އެއީ އަޅުގަނޑު ދަންނަ ވިސްނުމެއް ނޫނެވެ. ގަބޫލުކުރާ ހަމައެއް ވެސް ނޫނެވެ.

ޑިމޮކްރަސީ ދަސްކުރުމުގެ މަގުމަތީގައި އޮތް މި ރާއްޖޭގެ ތާރީހުގައި ކަޅު ދުވަސްތައް ފެނިގެން ދިޔައިރު އެ އަނިޔާތަކާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެކަކީ ރައީސް ނަޝީދެވެ. އެއީ 90 އަހުތަކުގައި އާއި، 2000 ގެ ފަހުކޮޅު ގައި ވެސް ކަން ހިނގާފައިވާ ގޮތެވެ.

2012 ގައި ރައީސް ނަޝީދު ވެރިކަމުން ދުރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އަދި އޭގެ ކުރީގައި ވެސް ކެނޑިނޭޅި ކުރި އިހުތިޖާޖުތަކުގައި ބުނަމުން ދިޔައީ އެއީ ލާދީނީ ވެރިއެއްކަމަށާއި، ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމަށް އާދެވުމާއި އެކު ރާއްޖޭގައި އެހެން ދީންތަކަށް ހުއްދަ ދޭނެ ކަމަށެވެ. ހުޅަނގުގެ ފަދިރީން ފަންޑު ކުރާކަމަށް ބުނެ އެ ޓެގު ދެއްވީ ވެސް ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ.

ޓެރަރިޒަމްގެ ދައުވާއެއް އުފުލި، އިއްވި 13 އަހަރުގެ ޖަލު ހުކުމަށް ރާއްޖެއިން ބޭރުގައި އަމިއްލަޔަށް އަރުވާލެވިގެން ހުންނަވައި އިސްލާހަށް ކުރެއްވި މަސައްކަތް އެއީ ފާހަގަކުރެވޭ ކަންކަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖޭގައި ވެރިކަން ކުރަން ލިބުމުގެ އަސްލެވެ. އެކަމަށް އެމްޑީޕީގައި މިއަދު ތިބި ބަޔަކު ކިތަންމެ ދެކޮޅު ހެދިޔަސް ހަގީގަތަކީ އެއީ އެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން މިއަދާއި ހަމައަށް ދަސްކޮށްދެއްވީ އަގުހުރި ފިލާވަޅުތަކެކެވެ. އެހެނީ، ”ނާކާމިޔާބީގައި ހިތްވަރު ކުރުމެވެ“.

”އިހަށް“ ސިޔާސީ މައިދާނުން ދުރަށް ޖެހުނަސް މަނިކުފާނު ހަމަ ޔަގީނަށް ވެސް އެނބުރި އަންނާނީ މާ ވަރުގަދަކޮށް، ގަދަކޮށެވެ. އެކަމަށް ދެބަސް ވާނެ އެއްވެސް މީހެއް ނުހުންނާނެ އެވެ. ހަގީގަތަކީ މިއަދު ވަރުބަލިވެފައި ހުރިތަން ފެންނަ އެހުރީ އޮއްސުމެއް ނެތް ތަރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: