ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްޞީލުތައް ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހާމަކުރައްވައިފިއެވެ.
މި މަޢުލޫމާތުތައް ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ. މިއީ މިހާތަނަށް ސަރުކާރުން އިސްވެ މިގޮތަށް ރައީސްގެ ދަތުރުފުޅުގެ ޚަރަދުތައް މިހާ ތަފްޞީލުކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށާއި ކޮޕް 28 ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްޞީލުތައް ދެއްވަމުން ޝަހީބު ވަނީ އެ ދެޤައުމަށް ކުރެއްވި ދަތުރުފުޅުތަކުގެ ޚަރަދުގެ ޖުމްލައަކީ 3،489،165.12 ކަން ހާމަކުރައްވާފައެވެ. އަދި ޝަހީބު ވަނީ ތުރުކީގެ ދަތުރުފުޅާއި ޔޫ.އޭ.އީގެ ދަތުރުފުޅުގެ ޚަރަދުތައް ވަކިވަކިން ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން ދުބާއިއަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވެފައިވަނީ 775،232.71 ރުފިޔާއެވެ. އަދި ތުރުކީ ދަތުރުފުޅަށް ޚަރަދުކުރެއްވީ 259،376.80 ރުފިޔާއެވެ.
އޭގެ ތެރޭގައި ޓިކެޓް ޚަރަދާއި ޕޮކެޓްމަނީ އަދި އެނޫންވެސް ޚަރަދުތަކާއި އެޤައުމުތަކުން ހަމަޖައްސައި ދެއްވި ކަންކަމުގެ ތަފްޞީލުތައް ވެސް ދެއްވިއެވެ.
ދުބާއީ ދަތުރުގެ ހަރަދު ތަފްސީލު:
- ޕޮކެޓް މަނީ (19 ބޭފުޅުން) – 182،546 ރުފިޔާ
- ފަރިއްކޮޅު ހަރަދު (19 ބޭފުޅުން) – 145،944.76 ރުފިޔާ
- އެތެރޭގެ ދަތުރުގެ ހަރަދު – 75،488.38 ރުފިޔާ
- އެކޮމޮޑޭޝަން ހަރަދު – (ނުވަ ބޭފުޅުން) – 168،892.06 ރުފިޔާ
- ސިމްކާޑު ހަރަދު – 26،412.59 ރުފިޔާ
- ދުބާއީ ގައި ދިވެހީންނާއި ބައްދަލު ކުރުން – 155،182.21 ރުފިޔާ
- އިންސިޑެންޓަލް ހަރަދު – 20،766.72 ރުފިޔާ
މާލެ-ތުރުކީ ދުބާއީ-މާލެ ދަތުރުފުޅަށް ފަސްޓް ކްލާހުން ހަތަރު ޓިކެޓް، ބިޒްނަސް ކްލާހުން 12 ޓިކެޓް އަދި އިކޮނޮމީ ކްލާހުން 12 ޓިކެޓް ނަގާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދިހަމައެހެންމެ ރައީސްގެ އަރިހުގައި 22 ބޭފުޅުން ވަޑައިގެންނެވިއިރު، އެބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 217،828 ރުފިޔާ ދީފައިވާއިރު، އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 41،548.80 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ޓިކެޓު ހަރަދު:
- • ފަސްޓް ކްލާސް ހަތަރު ޓިކެޓް – 683،229.36 ރުފިޔާ
- • ބިޒްނަސް ކްލާސް 12 ޓިކެޓް – 1،539،239.82 ރުފިޔާ
- • އިކޮނޮމީ ކްލާސް 12 ޓިކެޓް – 232،086.42 ރުފިޔާ .
- ޓިކެޓަށް މުޅި ޖުމްލަ – 2،454،555.60 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭރު ދަތުރުފުޅުތަކުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ނުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްޞީލުތައް ހާމަކުރައްވާފައިވާއިރު މި ދަތުރުފުޅުތަކުގައި ބޮޑެތި އިންވެސްޓްމަންޓް ފުރުޞަތުތައް ރާއްޖެއަށް ތަނަވަސްވެ، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ އެތަކެއް ކަންތައްތަކެއް ފަހިވެގެން ގޮސްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

