ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބައެއް ބިދޭސީން މިހާރު ފޮނުވާލާފައިވާކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަންސްގެ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީގެ ދަށުން މަސައްކަތް ކުރާ އިދާރާތަކާއިއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ޗެކް ކުރެވި، ބޭރުން ތިބި މީހުން އިމިގްރޭޝަނަށް ގެނެވި، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ފުރުވާލާފައިކަމަށެވެ.
ޝަމްއާން ވިދާޅުވީ ގޮތުގައި އިމިގްރޭޝަނުން ދޫކޮށްފައި އޮންނަ ހުއްދައިގައި ބަޔާންކޮށްފައިވާ ވޯކް ސައިޓް ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންވެސް އަންނަނީ ފާހަގަކުރެވެމުންނެވެ. އަދި އެ ހިސާބުން އެ މީހުން އިމިގްރޭޝަންގެ ދަށަށް ގެންނަން މަޖުބޫރުވާކަމަށް ވިދާޅުވިއެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި 1،000 އަށްވުރެ ގިނަ އެކްޓިވް ވޯކް ވިސާ ދީފައިވާ ކުންފުނިތައް މިހާރު ވަނީ އުވާލާފައެވެ. ދެ ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
މި އޮޕަރޭޝަންއާއި ގުޅިގެން މައުލޫމާތު ދެމުން އިމިގްރޭޝަން އިން ބުނީ މި އޮޕަރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރާމައިއެކު، މަސައްކަތްކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާއި އެއްގޮތަށް ބައްޓަން ކުރުންކަމަށެވެ. އަދި މަސައްކަތްތަކުގައި ބިދޭސީއިން ގެންގުޅޭ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި، ރައްޔިތުންނާއި އަދި މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލުކޮށްގެން ހަރުދަނާކުރުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.

