ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.
ނައިބުރައީސް ހުސައިން މުހައްމަދު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ އިސްވެރިންނާއި އެހެނިހެން މުއައްޒަފުންނާއިވެސް ބައްދަލުކުރެއްވިއެވެ. އެ ވުޒާރާގެ ފަރާތުން ނައިބުރައީސް އަށް މަރުހަބާ ވިދާޅުވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ނައިބުރައީސް ވިދާޅުވީ، އެ ވުޒާރާއިން ރައްޔިތުންނާއި ގާތުން މަސައްކަތްކުރެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާ މަސައްކަތްތަކެއް ކަމަަށާއި ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން އެ ހިދުމަތްތައް ލިބިގެންދާ ކަން ކަށަވަރުކުރުމަށް މަސައްކަތްކުރެއްވުން މުހިންމުކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ހަފްތާ 14ގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައިވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދާއިރާއަށް ގެނެސްދީފައިވާ ބަދަލުތަކަށް ތައުރީފުކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން، ޑރ ޝަހީމްވަނީ ނައިބުރައީސް ލަތީފްއަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ކުރު ތަފްސީލެއް ދެއްވާފައިކަމަށާއި، ދެ ބޭފުޅުން ވަކިންވެސް ބައްދަލުވުމެއް ކުރިއަށް ގެންދެވިކަމަށްވެސް ބުނެފައިވެއެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ ނައިބު ރައީސް ލަތީފަށް ޒަކާތާއި ގުޅޭ ފޮތެއް ހަދިޔާކުރައްވާފައިކަމަށްވެސް ބުނެފައިވެއެވެ.

