ފައިލޭރިއާއަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖޭން ހުސްވެފައިވާ ބޭސް ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި ރާއްޖެއަށް ބޭނުންވާ ބޭސްތައް އެތެރެ ކުރުމުގައި ދައްޗެެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރާއްޖޭން ފައިލޭރިއާގެ ވޭދަނަތަކެއް ފެނުމާއި ގުޅިގެން ފައިލޭރިއާގެ ފަރުވާއަށް ދެވޭ ބޭސްތަކުގެ ތެރެއިން އެއް ބާވަތުގެ ބޭސް ރާއްޖޭން ލިބެން ނެތް ކަމަށާއި އެ ބޭސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ފައިލޭރިއާއަށް ބޭނުންވާ ބޭސް މިހާރު ރާއްޖޭން ލިބެން އެބަހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން އަރުވާފައިވާ ކަމަށެވެ.
އަދި މިވަގުތު ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށާއި ކަމާއި ބެހޭ އިދާރާތްތަކާއި އެންމެހާ ފަރާތްތަކުގެ މަޝްވަރާއާއި ލަފާގެ މަތިން ބޭހުގެ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭހުގެ ކަންކަން ރަނގަޅަށް ތަރުތީބުވެފައިވާކަމުގެ ކަށަވަރުކަން އިއްޔެ ހެލްތު މިނިސްޓްރީން ދެއްވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމުގައި އެއްވެސް ދަތިކަމެއް ވެސް ނެތް ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ރާއްޖޭން ފައިލޭރިއާގެ ވޭދަނަތަކެއް ފެނިފައިވާއިރު، މި ބަލީގެ ވޭދަނަތަކެއް މިފަހުން އެންމެ ފުރަތަމަ ފެނިފައިވަނީ ހދ. ކުޅުދުއްފުށިންނެވެ. އެއާއި އެކީ އެބައްޔަށް ކުރެވުނު ޓެސްޓްތަކުން މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހިފައިވާ 32 މީހަކު ތިބިކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރެއިން 25 މީހުންނަކީ ކުޅުދުއްފުށިން ފައްސިވެފައިވާ މީހުންނެވެ. ދެން ފައްސިވެފައިވަނީ މާލޭން އެކެއް، ގުޅީފަޅުން އެކެއްގެ އިތުރުން ހުޅުމާލޭން ފަސް މީހެކެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މިބައްޔަށް ފައްސިވެފައިވާ އެންމެންނަކީ ވެސް ބިދޭސީންނެވެ.

