ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ވަކިވެ ދިން ދެރަޔަށް ޝަކުވާއެއް ނެތް، އިތުރު މެމްބަރެއް ނުދާނެ: އެމްޑީޕީ

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ދޫކޮށް ސަރުކާރާއި ބައެއް މެމްބަރުން ގުޅުނު ނަމަވެސް އިތުރު މެމްބަރުންތައް ވަކިވެގެން ނުދާނެކަމަށް ޕާޓީގެ ޕާލިމަންޓު ގުރޫޕުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ މަސް ނުވަނީސް، އެމްޑީޕީން 13 މެމްބަރަކު ވަކިވެ ސަރުކާރާއި ގުޅިފައި ވާތީ ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމާއި މެދު ހިޔާލުތަފާތުވުންތައް އުފެދިފައި ހުރިކަމުގެ އަޑުތަކާއި އެކު އެ މައްސަލަ މަޖިލީހުގެ ކޮމިޓީގައި ތާށިކޮށް މެމްބަރުން ޗުއްޓީއަށް ދިއުން ފާހަގަކުރެވެ އެވެ.

ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި ހިމެނޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ދިފާއުކޮށް ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އޭނާ އިސް ކުރީ ގައުމުކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކުރި ސަރުކާރެއް ގުޑުވާލުމަކީ އޭނާ ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމާއި މެދު ޝަކުވާކޮށް، އެގޮތަށް އެކަން ނުކުރުމަށް މެމްބަރުންނަށް ދެންނެވިކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

އެރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އިތުރު މެމްބަރުންތައް ވެސް ސަރުކާރާއި ގުޅޭނެކަމަށާއި ޕާޓީގައި ހުންނަ މެމްބަރު ވެސް އެމަނިކުފާނާއި ދެކޮޅަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. މެމްބަރުން ވަކިވުމުން ބައެއް ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވަނިކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ހުރިހާ ވަޒީރުންނަށް އެއްކޮށް ވޯޓަށް އަހައި ރުހުން ދޭން ފާސްކޮށްފަ އެވެ. އެހެންކަމުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ރުހުން ދިނުމުގެ ބައްދަލުވުން އަންނަ ހަފްތާއަށް ތާވަލު ކުރާނެކަމަށް ބެލެވެ އެވެ.

މަޖިލީހުގެ އިދާާރާގައި މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މެމްބަރުން ނުދާނެކަމަށް އޮތީ ކިހާވަރެއްގެ ޔަގީންކަމެއް ތޯ އެވެ. ޖަވާބުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ 13 މެމްބަރުން ވަކިވިޔަސް ޕާޓީގައި އަދިވެސް 43 މެމްބަރަކު އެބަތިބި ކަމަށެވެ. އެހެންކަމުން މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރަމުން ދަނީ ކޮން މާނައެއްގައި ތޯ އޭނާ ސުވާލު ކުރި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތު ވެސް 43 މެމްބަރުން ތިއްބެވުމުން އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ. އަދި އެ މެމްބަރުން ޕާޓީގައި ބޭތިއްބުމަށް ޕާޓީއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ނިޔާޒް ވިދާޅުވީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށް ފަހު، ދެން އެހެން ސިޔާސީ ފިކުރަކާއި ގުޅުމަކީ ދާއިރާއަށާއި ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. ޕާޓީ ދޫކޮށް ދިއުމުގެ ސަބަބުން އެ ލިބޭ ނިކަމެތިކަން އިހުސާސްކުރާކަމަށާއި އެކަމުގައި އެއްވެސް ޝަކުވާއެއް ނެތި މެމްބަރުން ކުރެއްވި ހިދުމަތާއި މަސައްކަތަށް ޝުކުރު އަދާކުރާކަމަށް ނިޔާޒް ވިދާޅުވި އެވެ.

އެއްވެސް މެމްބަރަކު ޕާޓީއަކުން ވަކިވެގެން ދިއުމަކީ ލިބޭ ދެރައެއް… ހާއްސަކޮށް ޕާޓީގެ ޓިކެޓުގައި ހޮވި އެ ދާއިރާ.. އަދި ޕާޓީގެ މެމްބަރުންނަށް ދޭ ވަރަށް ބޮޑު ދެރައެއް އެއީ ހަގީގަތުގައި.. އެ ދެރަ އަޅުގަނޑުމެން ވެސް އިހުސާސް ކުރަން.. މިވަގުތު މިތަނުގައި މިތީބީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވި، ދައުރު ނިމެންދެން އަޅުގަނޑުމެންނާއި އެކު ތިބޭނެ މެމްބަރުން.. އަޅުގަނޑުމެންގެ އަތުގައި އަދިވެސް 43 މެމްބަރުންގެ ފުރިހަމަ މެޖޯރިޓީ އެބައޮތް..

ނޫސްވެރިންގެ ސުވާލުގައި މެމްބަރުން ޕާޓީން ދިޔަ ސަބަބު އެނގޭ ތޯ އާއި މީޑިއާތަކުގައި ކުރެވޭ ތުހުމަތުތައް އެބަހުރިކަން ފާހަގަކުރުމުން ނިޔާޒް ވިދާޅުވީ އެކަން ސާފުކުރުން އެންމެ ރަނގަޅީ އެ މެމްބަރުންގެ ފަރާތުން ކަމަށެވެ. އެކަމަކު އެބޭފުޅުންގެ ވިސްނުން ބަދަލުކޮށް، ޕާޓީގައި ދެމިތިބުމަށް އިލްތިމާސްކޮށް ފަހުވަގުތާއި ޖެހެންދެން ވެސް މަޝްވަރާ ކުރެވޭތޯ މަސައްކަތް ކުރެއްވިކަމަށް ނިޔާޒް ވިދާޅުވި އެވެ.

ޕާޓީން ވެސް ޕާޓީގެ ލީޑާޝިޕުން ވެސް އެބޭފުޅުން ޕާޓީގައި ދެމިތިބޭނެ ގޮތެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި

ނިޔާޒް ވަނީ ރިޝްވަތުގެ ތުހުމަތުތަކަށް ވާހަކަ ދެއްކެވުމަށް ދެކޮޅު ހައްދަވައި، ސަރުކާރެއް އަބަދުވެސް އެ ސަރުކާރެއްގެ ސިޔާސަތެއް ކުރިއެރުވުމަށް ލޮބީ ކުރެއްވުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ. ނިޔާޒް ވިދާޅުވީ ވެރިކަމެއް ބަދަލުވެ، އައު ސަރުކާރެއް އުފެދުމުން މަޖިލީހުގެ ތެރެއިން ވެސް ބަދަލުތައް ފެންނަ ކަމަށެވެ. އެހެންކަމުން އެއީ އެގޮތުގެ މަތީން އައި ބަދަލެއްކަމަށް ގަބޫލު ކުރެވޭކަމަށް ނިޔާޒް ވިދާޅުވި އެވެ.

ކުރިޔަށް އޮތްތަނުގައި ވެސް މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި މަޖިލީހުގައި ކުރަން ހުރި މަސައްކަތައް އުނދަގޫކަމެއް ނެތި ކުރެވޭނެކަމަށާއި މެމްބަރުން ޕާޓީ ދޫކުރީ ޒާތީ މައްސަލަތަކެއް އުފެދި އެކަންކަމުގެ ތެރެއިންކަމަށް ނޫން ވާތީ ގާތް ގުޅުމެއް އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ދައުރު ނިންމާލައި، ޗުއްޓީއަށް ދިޔަ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޕީޖީއަށް ރިޝްވަތުގެ ހުށަހެޅުންތައް ދެމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު މިއަދުގެ ޕްރެސްގައި، އެކަމަށް މާބޮޑު ތަފްސީލަކަށް ގޮސް މެމްބަރުން ވާހަކައެއް ނުދައްކަވަ އެވެ.

އެމްޑީޕީން ސޮއި ކުރި މެމްބަރުންގެ ތެރެއިން ފާހަގަކުރެވޭ އަނެއް މެމްބަރަކީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން ވަކިވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ހައިތަމް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: