ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023؛ ބަލަބަލައި ތިއްބައި ޑރ. މުއިއްޒު ސިޔާސީ ގޮތުން އެންމެ އުހަށް!

ރައީސް ޑރ މުހައްމަދު މުއިއްޒު:
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ އަޑާއި އެކު އެންމެ ބޮޑަށް އޭރު އޮތް ސުވާލަކީ، އޭރު އިދިކޮޅުގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަކުރުމުގެ ކިރިޔާ ވެސް ފުރުސަތެއް އެބައޮތް ތޯ އެވެ. ހުކުމެއްގައި ހުންނެވުމާއި، އަދި އިތުރު އެހެން މައްސަލައެއް ވެސް ކޯޓުގައި ކުރިޔަށްދާތީ އާއި އެކު އެއީ ވުމަށް ވުރެ ނުވުން ގާތްކަމެއްގެ ގޮތުގައި ދެކި ގިނަ ބަޔަކު ދިޔައީ “ޕްރޮކްސީ ކެންޑިޑޭޓު” ގެ ވާހަކަ ދައްކަވަމުންނެވެ.

މާލޭގެ މޭޔަރަކަށް ހުންނަވައި ފަޓާސް ބަރިއެއްހެން ހިދުމަތްތައް ދެއްވައި، ރައްޔިތުންގެ ތާއީދު ހާއްސަކޮށް މާލެއާއި މީޑިއާތަކުގެ ސަމާލުކަން އޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކިރިޔާ ވެސް ފެންނަ ޕްރެސްއެއްގައި އެންމެ އާންމު ސުވާލަކީ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން އެބަހުރިތޯ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް ވާދަކުރެވޭނެކަމަށް އެތެރޭގައި ގެންގުޅުނު ލަވައާއި އެކު ޓިކެޓަށް ޝައުގުވެރިކަން ހުރި މެމްބަރުން ތިބެމެ އެކަމަށް ހަނު ތިއްބެވެ.

އެކަމަކު އެ އެންމެންގެ ތެރެއިން ވެސް އެންމެ ހަރު އަޑުން މީޑިއާތަކުން ހާމަކަން ބޮޑުގޮތެއްގައި ފާހަގަކުރަމުން ދިޔައީ ރައީސް މުއިއްޒުގެ ނަމެވެ. އެކަމަކު އަހަރު ފެށުނުތަނާ ހެން އެއައި އަޑުތަކަށް ރައީސް ވިދާޅުވެފައި ވަނީ ޕޯލްތަކެއް ހެދިޔަސް އެމަނިކުފާނު ކުރިޔަށް ދާން ހުންނެވީ ރައީސް ޔާމީނާއި އެކު ކަމަށެވެ. އޭރު އެއީ އަހަރުގެ ކުރީކޮޅުކަމަށްވުމާއި އެކި ރައީސް ޔާމީން މިނިވަން ވެދާނެކަމުގެ ކިރިޔާ ވެސް އުންމީދެއް އޮތުމުގެ ސަބަބުން އެމަނިކުފާނު އެ ވާހަކަތައް ދޮގު ކުރެއްވީ ހާލަތު އޮތް ގޮތުންނާއި ވެސް އެކު އެވެ.

ރައީސް ޔާމީނަށް ހުރިހާ ދޮރެއް ބަންދުވާ ހާލަތެއްގައި، ކުރިމަތިލައްވަފާނެކަމުގެ އިޝާރާތެއް އެއް ދުވަހު ދެއްވުމަށް ފަހު އަނެއްކާވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވި އެވެ. މިއަދު ރައީސްގެ ފަހަތުގައި ވަރުގަދަ ބިޔަ ލީޑާޝިޕް އޮތް ނަމަވެސް އޭރު އޮތް ތުހުމަތަކީ އެމަނިކުފާނު އެކަހެރިކޮށް ބާކީ ކުރާކަމުގެ ވާހަކަތެވެ. އެގޮތަށް ދިމާވަނީ، ރައީސް ޓިކެޓަށް ޝައުގުވެރިކަން އޮވެ އެކަމަށް ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރައްވާތީކަމަށް ތުންތުން މަތީން ކިޔައި އުޅުނެވެ.

އެހެން ނަމަވެސް އޭގެއިން އެއްވެސް ވާހަކައަކަށް ރައީސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. މީގެ ކުރިން ވެސް އަދި މިއަދު ވެސް ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކަށް ނުވަތަ ކުރާ އެއްވެސް ތުހުމަތަކަށް ރައްދު ނުދެއްވާ ރައީސް މުއިއްޒު އެ ވާހަކަތަކަށް ވެސް އޭރު ރިއެކްޓެއް ނުކުރެއްވި އެވެ. އެކަމަކު ރިޔާސީ އިންތިހާބު ގާތްވަމުން ދިޔަ ވަރަކަށް، ހިތާހިތުން ވެސް ޕީޕީއެމާއި އަދި ރައީސް ޔާމީން ވެސް ގަބޫލު ކުރައްވާނެ އެއް ހަގީގަތަކީ އެމަނިކުފާނަށް ވާދަކުރެވޭނެ އެއްވެސް މަގެއް ނެތްކަމެވެ. އެ ދައްކާ ހުސް ގޮނޑިއަކީ، ހަމަ ހަގީގަތުގައި ވެސް ހުސް ގޮނޑިއެއް ކަމެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި އިރު ވެސް އެއީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުރާ ބޭކާރުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނެވެ. ހުކުމެއްގައި ހުންނެވި ބޭފުޅެއްގެ ކެންޑިޑެސީ ބަލައިނުގަންނާނެކަން އެނގޭއިރު އެ ފޯމު ހުށަހެޅިތާ 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ގޮތް ނިންމި އެވެ. ވަގުތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ދިޔަ ދިގު ބަހުސްތަކަށް ފަހު އާހިރުގައި ނިމިގެން ދިޔައީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށެވެ.

އިތުރު ފޯމިއުލާތަކެއް، ނުވަތަ ރައީސަށް ވާދަނުކުރެވޭ ހާލަތެއްގައި ހުރި އޮޕްޝަންތަކެއްގެ ވާހަކަ މި އަޑުއެހުންތަކުގައި ދެކެވިގެން ދިޔަ އެވެ. އެންމެގެ ދުލުގެ ކުރީކޮޅުގައި އޮތީ ރައީސް މުއިއްޒުގެ ނަމެވެ. ޕީއެންސީގެ ބެކަޕް ކެންޑިޑޭޓެއް ހަމަޖެއްސުމަށް ނެގުނު ވޯޓުގައި އޭރު މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ބަލި ކުރައްވައި ސެނެޓުގެ ވޯޓު އަޣުލަބިއްޔަތު ނެންގެވި އެވެ.

މަސައްކަތް އޭރު އޮތީ، ހުކުމެއް ނާންނާތީ މަޑުޖެހިފަ އެވެ. އެކަމަކު ހުކުމާއި އެކު ދެން ރައީސް ޔާމީން ވައްޓާލި ބޮމަކީ އިންތިހާބު ބޮއިކޮޓު ކުރުމެވެ. އެހެން ނަމަވެސް ފަސް އަހަރު ތެޅުނު ތެޅުން ދިހަ އަހަރަށް ބަދަލުވާން ބޭނުން ނުވާތީ އެކަމާ އެތައް ބަޔަކު އިހުތިޖާޖު ކުރި އެވެ. ޖަޒުބާތުގައި ޖެހި ރައީސް ޔާމީންގެ ނިންމެވުމާއި އެކު ކުރިޔަށް ދާން ބައެއް ބޭފުޅުން ވާހަކަ ދެއްކިޔަސް ހަމަ ހަގީގަތަކީ ވަކި ފަރުދަކަށް ވުރެ ގައުމު މުހިންމުވާނެ ކަމެވެ. އަދި ޕާޓީ ވެސް މުހިންމުވާނެކަމެވެ. ކަންދިމާ ކުރި ގޮތުން އެ ފަރުދަކަށް ވީ ރައީސް ޔާމީނެވެ.

ފުރި ބާރުވެފައި ހުރި އެތައް ފިއްތުންތަކެއް ފަހަތަށް ޖައްސާލައި ރައީސް މުއިއްޒު ކުރިޔަށް ވަޑައިގެންނެވި އިރު ވެސް ނުސީދާ ގޮތަކަށް ދެކެވުނު ވާހަކަތަކެއް ހުއްޓެވެ. އެހެންވެ ރައީސާއި ލީޑާޝިޕް ބައިވެރިވި ޕްރެސްއެއްގައި ނޫސްވެރިއަކު ވަނީ ފަހަރަކު ބޭފުޅަކު ވަކިވަކީން އެމަނިކުފާނަށް ތާއީދު ކުރޭތޯ ނުވަތަ ނޫން ތޯ ކަށަވަރުކޮށްދޭން އެދިފަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ތާއީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

ކެމްޕެއިންގެ ދަތުރުތައް ރައީސް މުއިއްޒު ފެއްޓެވިއިރު، ވޯޓާއި ދެމެދު އޮތީ ދޮޅު މަހަށް ވުރެ ކުރު މުއްދަތަކެވެ. ވަގުތަށް ބަލާއިރު ހުރިހާ ރަށަކަށް ވަޑައިގެންނެވޭ ގޮތެއް ވެސް ނެތެވެ. އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުޅި އަތޮޅުތަކަށް ދަތުރު ކުރައްވައިފި އެވެ. އަނެއްކާވެސް ކެމްޕެއިނުގަ އެވެ. ހުރިހާ ބާރަކާއި އެކު، ޖާނުން ވަރުގަދަ ބޮޑު ފުޅާ ކޯލިޝަން އެންމެ ފުރަތަމަ ބުރުގައި ވެސް ފަހަތަށް ޖައްސާލީ އެކަނިމާ އެކަނި ނިކުމެ އެވެ.

އެއީ ސަރުކާރުން ކުޑަކޮށް ވެސް ހީކުރި ނަތީޖާއެއް ނޫނެވެ. ދެވަނަ ބުރަކަށް ދާނެކަން ބެލިފައި އޮތް އިރު އެއްވަނައަށް ދާނެ ކެންޑިޑޭޓަކީ އެއީކަމަށް ހިތަކަށް ނާރަ އެވެ. ދެވަނަ ބުރުގައި ވެސް ހަމަ އަނެއްކާވެސް ތަފާތު ބޮޑު ނަތީޖާއަކުން ބޮޑު ސަރުކާރެއް ބަލި ކުރީ އެވެ. ނުފޫޒާއި، ބާރުގަދަ އެތައް ބަޔަކު ހަމަ ބިމަށް ތިރިވީ ކަހަލަ އެވެ. ކެމްޕެއިނުގައި އެއްވެސް ރައްދެއް ނުވީ، ހަޅޭއް ނުލަވައި މާ މޮޅެތި ވާހަކަތައް ވެސް ދައްކަވަން ނަހަދައި ނެންގެވީ ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެކެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 8%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: