އައު އަހަރަކާ ދުނިޔެ ކުރިމަތިލާ އިރު، އެންމެ ބޮޑު ހިތާމައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައު އަހަރަކާ ބައްދަލުވާ އިރު، އެންމެ ބޮޑު ހިތްދަތިކަމަކީ ފަލަސްތީނުގެ މުސްލިމް އެންމެހާ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫ ހާލަތު ކަމަށެވެ. ޒަޔަނިސްޓް ޔަހޫދީ އިސްރާއީލް ސިފައިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދޭން ފެށި ހަމަލާތަކުގައި 21،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގޮސްފައިވާ ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
އަދި 56،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަން ވެސް ގާސިމް ފާހަގަ ކުރެއްވިއެވެ. އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އެޅުމުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ ގެތައް ހަލާކުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ތަހުނިޔާގެ މެސެޖްގައި ވަނީ އާ އަހަރު ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އަރިސް ކުރައްވައިފައެވެ.

