ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ މިއަދު ކެބިނެޓުގައި ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން އާންމު ކުރެއްވި ވީޑިއޯއެއްގައެވެ. ކެބިނެޓު ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ވިދާޅުވީ ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް މަޝްވަރާ ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް މަޝްވަރާ ކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި މަޝްވަރާ ކުރަން ނިންމާފައި. އޭގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ ކަންކަމުގައި މަޝްވަރާ ކުރުން އެބަ އޮތް،“ ރައީސް ވިދާޅުވިއެވެ.
އަދި އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭ މަޝްވަރާތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ވަކި ކެޓަގަރީއެއް ތައާރަފް ކުރުމާ ގުޅޭ ގޮތުންނާއި މީޑިއާ ވިލެޖާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

