ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ އައްޑޫ ބްރިޖުގެ ސާވޭގެ މަސައްކަތް ސަތޭކަ ދުވަހުގެެ ތެރޭގައި ބަޔަކާ ހަވާލު ކުރުން: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ހިތަދޫ އާއި ހުޅުދޫ – މީދޫ ގުޅުވާލަދޭ ބްރިޖުގެ ސާވޭގެ މަސައްކަތްތައް 100 ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓު ވަޒީރުން ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އިންވެސްޓް ފޯރަމް ބާއްވާފަ އެވެ. މި ފޯރަމްގައި ރާއްޖޭގެ އެކި ދާއިރާތަކަށް އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވަނީ މަޝްވަރާކޮށްފަ އެވެ.

މި ފޯރަމްގެ ތެރެއިން ކުރިޔަށް ދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ވެސް މިނިސްޓަރ ވަނީ ރާއްޖޭގެ ބައެއް ބޮޑެތި ޕްރޮޖެކްޓުތައް ފާހަގަކުރައްވައި އިންވެސްޓްމެންޓުގެ ދާއިރާއިން ހުރި ފުރުސަތުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މިނިސްޓަރުގެ ވާހަކައިގައި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖުގެ މަޝްރޫއުއަށް ފުރުސަތުތައް އެބަހުރިކަމަށް ވިދާޅުވެފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕްރޮޖެކްޓުތަކުގެ ފައިނޭންސިންއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެގޮތުން މާލޭގެ ކޮމާޝަލް ހާބަރ ގެ މަސައްކަތްތަކާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބިން ހިއްކުމާއި ގުޅޭ މުހިންމު މަޝްރޫއުތައް ކުރިޔަށްދާއިރު އެ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ އިތުރުން ފެނާއި، ނަރުދަމާގެ މުހިންމު މަސައްކަތްތައް މުއްތަލިބު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ ބޮޑު، އެއް މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކުރެވޭ އައްޑޫ ހިތަދޫ – ހުޅުދޫ، މީދޫ ގުޅުވާލަދޭ ބްރިޖުގެ މަސައްކަތަށް ކިހާ ބޮޑު އުންމީދެއް އެބައޮތް ތޯ އިންވެސްޓު ފޯރަމް ނިންމާލުމަށް ފަހު “ސަންގު” އިން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ ސީދާ ޗައިނާގެ ކުންފުންޏެެއްގެ ފަރާތުން ހުށަހެޅުމެއް ނެތް ނަމަވެސް އެހެން ބައެއް ގައުމުތަކުގެ ޝައުގުވެރިކަން ހާމަކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް އެބައޮތް ޕްރޮޕޯޒަލްއެއް ލިބިފަ. ޗައިނާގެ އެއް ނޫން، އެހެން ކޮންޓްރެކްޓަރެއްގެ ފަރާތުން

ޕްރޮޕޯޒަލް އެވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، ޗައިނާގެ ބައެއް ކުންފުނިތަކުން އެކި ގޮތްގޮތުން ޝައުގުވެރިކަންފާޅުކޮށް މައުލޫމާތު ސާފުކޮށްދޭން އެދިފައިވާކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތަށް ދިއުމުގެ ކުރިން މިނިސްޓަރ ވިދާޅުވި ގޮތުގައި މިވަގުތު މަސައްކަތް ކުރަނީ ބޭނުންވާ ސާވޭތައް ކުރުމަށާއި، އަގުތައް އަދި ޑިޒަައިނިންގެ ކަންކަން ބެލުމެވެ.

ދެކުނުގެ ފަތުރުވެރިކަމާއި، އިގްތިސާދީ މައި މަޝްރޫއުއެއްގެ ގޮތުގައި ހުޅުދޫ، މީދޫ އައްޑޫގެ އެހެން ރަށްތަކާއި ބްރިޖަކުން ގުޅުވާލުން ރައީސް މުއިއްޒުގެ “ދިވެހިންގެ ރާއްޖެ މެނިފެސްޓޯ” ގައި ހިމެނެ އެވެ. މިއީ މީގެ ކުރިން ވެސް ވާހަކަ ދެކެވި، އެކަމުގެ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަމަލީ ގޮތުން މާބޮޑު މަސައްކަތެއް ފެނުނު މަޝްރޫއުއެއް ނޫނެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ދެ ފަަހަރެއްގެ މަތީން ކުރެއްވި ދަތުރުގައި ރައީސް ދެއްވި ޔަގީންކަމަކީ ފަސް އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިންމާލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: