މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް އިންތިހާބުވެފައިވާ ބޭފުޅުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝަރީފް ވިދާޅުވީ އެ ލޯކަލް ގަވަމަންޓު ނިޒާމުގައި ސިޓީތަކުގެ މޭޔަރުންނަކީ ވަރަށް ހާއްސަ އަދި މުހިންމު މަގާމެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުން ފެންނަން އޮތް ގޮތުގައި އެމާގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަކީވެސް އޭރެއްގަ އޮންނަ ސަރުކާރަކުން ވަރަށް ހައްސާ ސަމާލުކަމެއް ދެއްވައިގެން މުހިންމު މަގާމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މަގާމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ ނިމިދިޔަ ބައި އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރަކަށް އިންތިހާބުވެ ވަޑައިގެން އާދަމް އާޒިމް އަދި މާލެ ސިޓީގެ ކައުންސިލްގައި ހުސްވެފައިވާ ތިން ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ވަރަށް ފުރިހަމަކޮށް ބޭއްވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެލްޖީއޭ އިން ދޭ އިރުޝާދާއިއެކު އެތަނެއްގެ ކައުންސިލުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި އިންތިހާބީ މޭޔަރ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވާނީ އިދާރީ ހުރިހާ ކަމެއް ސިޓީ ކައުންސިލުން ކޮށް، ްއެލްޖީއޭއިން ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން މިކަމާއި ގުޅޭ ރަސްމީ ލިޔުންތައް ލިބުނުހާ އަވަހަށް ނިންމަން ޖެހޭ ރަސްމީ މަސައްކަތްތައް ނިންމުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެ ވަދައިގަންނަވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

