ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ރަޖިސްޓްރޭޝަނަށް އީސީއަށް ހުށަހަޅާނީ ރައީސް ޔާމީން މިނިވަން ވުމުން

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ ”ޕީޕަލްސް ނެޝަނަލް ފްރަންޓް“ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެމަނިކުފާނު މިނިވަންވުމުންކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.

ދެ ރައީސުންގެ ދެމެދު މިފަދަ މައްސަލައެއް ޖެހެން، ދިމާވީ ކޮން ހާލަތެއްކަން އަދި ސާފުވެފައި ނުވައިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ.

ޕީއެންއެފްއަށް ރައީސް ޔާމީން ސޮއި ކުރައްވައި، ޕާޓީގެ އޮފީހުގައި އޮތް އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާޓީ އުފެއްދުމާއި އަދި ހުއްދަ ދޫކުރުމާއި ގުޅޭގޮތުން މީގެ ކުރިން މަލީހު ވިދާޅުވެފައި ވަނީ 3،000 މެމްބަރުންގެ ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން އެތައް ދުވަހެއް ވެގެން އައިއިރު ވެސް ކޮމިޝަނަށް ހުއްދައަށް އެދި ހުށަހަޅާފައި ނުވާތީވެ މީޑިއާތަކުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. މަލީހު ކުރިން ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް ޕީއެންއެފްގެ މެމްބަރުން ތިބިތޯ، ބެލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެކަމަކު އޭރު ވެސް ޕާޓީގެ ވިސްނުން ހުރީ، ރައީސް ޔާމީން ކޯޓުން މިނިވަންވެ، އެއަށް ފަހު ފޯމުތައް އީސީއަށް ހުށަހެޅުމަށެވެ.

މަސައްކަތް ލަސްވާ ސަބަބާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު، މަލީހު ވިދާޅުވީ ޕީއެންއެފްއަކީ ރައީސް ޔާމީންގެ ފިކުރުކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ނުވަނީސް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް މަލީހު ވިދާޅުވި އެވެ.

ޕާޓީ އުފެއްދުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަން ފާހަގަކުރައްވައި، މަލީހު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ނުގޮސް އޮތުން ކަމަށެވެ.

މަޖިލިސް އިންތިހާބު ގާތްވެ، ކެމްޕެއިންގެ ތައްޔާރީތައް ފަށަންޖެހިފައިވާއިރު މަލީހު ވަނީ ރައީސް ޔާމީންގެ ހައްގުގައި ނިކުމެ އެމަނިކުފާނު މިނިވަން ކުރުމަށް ބޭނުންވާ އެތައް ބަޔަކު އެބަތިބިކަމަށް ވިދާޅުވެފަ އެވެ.

އީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން އެކަހެރި ކުރުމަކީ ލިބުނު އެންމެ ބޮޑު ހިތާމަ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ އުންމީދާއި އެކު ވޯޓު ދިން އެތައް ރައްޔިތުންގެ ހައްގު ގެއްލިގެން ގޮސްގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވީ ޕީއެންއެފްއަކީ ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ޕާޓީއެއް ވެސް ނޫން ކަމަށެވެ. އެނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގައި ޕީއެންއެފް ދެމި އޮންނާނެ އެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު، ސަރުކާރުގެ ދިފާއުގައި ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އަދި ވަޒީރުން ވަނީ މިއީ ގައުމު އިސް ކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރި ވެރިކަމެއް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން އެކަހެރި ކުރިކަމުގެ ތުހުމަތުކޮށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޖަމީލާއި، މަލީހުގެ އެންމެ ބޮޑެތި ފާޑުކިއުންތައް ވަނީ އެބޭފުޅުންނަށް އަމާޒުވެފަ އެވެ.

އެކަމަކު މެމްބަރުން ވަނީ ޖަމީލާއި، މަލީހަކީ ރައީސް ޔާމީނަށް ހެޔޮ އެދިގެން ރަނގަޅު ނިޔަތެއްގައި ދުވަހަކު ވެސް މަސައްކަތް ކުރައްވާނެ ބޭފުޅުން ނޫންކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: