ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ އުސޫލަށް ބަދަލެއް؛ އިސްކަންދޭނީ މެޑިކަލް އިމަޖެންސީތަކަށް

މޯލްޑިވިއަންގެ ފްލައިޓަކަށް ބަލިމީހަކު އަރުވަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކުއްލި ހާލަތްތަކުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަންދީގެން ބަލި މީހުން ގެންދެވޭނެ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްތަކުގައި ސިއްހީ ގޮތުން ހާލަތު ގޯސްވާ މީހުން މާލެ ގެނައުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭއިރު ގިނަ ފަހަރަށް އެ މީހަކު އިމަޖެންސީގައި ގެންނަނީ އެމްއެންޑީފް ޑޯނިއާ ނުވަތަ ހެލިކޮޕްޓަރުގަ އެވެ.

މެޑިކަލް އިވެކުއޭޝަނަށް ބޭނުން ކުރަމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ މަތިންދާ ބޯޓެވެ.

މިދިޔަ ދެ ދުވަހެއްގެ ތެރޭގައި މީޑިއާތަކާއި، އާންމުންގެ މެދުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ގއ. ވިލިނގިލީގައި ހާލު ދެރަވި ކުޑަކުއްޖެއް މާލެ ނުގެނެވި ލަސްވުމާއި އެ ކުއްޖާ ގެނައުމަށް ޑޯނިއާ ބޭނުން ކުރުމުގެ ހުއްދަ ނުދިންކަމަށެވެ. ސަރުކާރަށް ވެސް ފާޑުކިއުން އަމާޒުވި މި މައްސަލައިގައި، އެ ރަށުގެ ރައްޔިތުން ހޮސްޕިޓަލް ސަރަހައްދަށް އެއްވެ އިހުތިޖާޖު ވެސް ކުރި އެވެ.

ކުއްޖާ މާލެ ގެނައުން ލަސްވެ، ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ. ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އާމާޒުވެފައިވަނިކޮށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވެސް ވަނީ މެޑިކަލް އިވެކުއޭޝަނަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ނުޖެހޭނެކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން މިނިސްޓަރ އަމީން ޕޯސްޓެއް ކުރައްވައި ވިދާޅުވީ އިމަޖެންސީގައި މީހުން އުފުލަނީ ހޮސްޕިޓަލުން ފުރަތަމަ މޯލްޑިވިއަންއަށް ޑިކްލިއާ ކުރުމަށް ފަހު އާސަންދަ އެޕްރޫވްކޮށް އެކަން އާސަންދައިން އެންގުމުން ކަމަށެވެ. އަދި ބަލި މީހާ ގެންނަނީ، މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކުން ހުސްވަގުތު ލިބުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއްކަމަކީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުން ކަމަށެވެ. އަދި މި ހިދުމަތް އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމި، ނިންމުން ހާމަކުރައްވައި އަމީން ވިދާޅުވީ އިމަޖެންސީ ކޭސްއެއް އަންނަ ހާލަތެއްގައި ފްލައިޓް ޝެޑިއުލްއިން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަން ޖެހޭ މީހާ އުފުލާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން މީގެ ފަހުން ހޮސްޕިޓަލުން އިމަޖެންސީ ކޭސްއެއްގެ މައުލޫމާތެއް ލިބުމާއި އެކު އެ އެއާލައިންގެ އެންމެ އިސްކަމަކަށް ވާނީ ބަލި މީހާ ގެންދިއުންކަމަށް އަމީން ވިދާޅުވި އެވެ.

މެޑިކަލް އިވެކުއޭޝަންތަކަށް ޑޯނިއާ ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ވެސް ގެއްލިގެން ހޯދުމަށް ޑޯނިއާ ބޭނުން ނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެ މީޑިއާތަކުން އެކަން ރިޕޯޓު ކުރި އެވެ.

އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރާ ހައިލެވެލް މަޝްވަރާތަކުގައި އެ ގައުމުން ވަނީ، މެޑިކަލް އިވެކުއޭޝަންތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާނުލާ ކުރިޔަށް ދެވޭނެ ގޮތެއްގެ މަޝްވަރާއަށް އެދިފަ އެވެ. އެކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: