ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޒިންމާދާރު ކުރެވޭނީ އެމްޑީޕީ – ޑިމޮކްރެޓްސް ގުޅިގެން: އަމްރު

ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގައި ހުސެއިން އަމްރު/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުންވާ ހަގީގީ މާނައިގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ، ޑިމޮކްރެޓްސް އާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކުންފުންޏެއްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު އެމްޑީޕީން އަމްރު ވަކިވީ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުމަށެވެ. އަދި އޭނާ ވަކި ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވީ ވެސް ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި އުޅުއްވާތީ އެވެ.

އެމްޑީޕީގެ ލީޑާޝިޕާއި، ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އަމްރުއަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓެވެ. ރިޔާސީ އިންތިހާބުގެ ދެވެނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އަމްރު ހިމެނޭހެން ޑިމޮކްރެޓްސް ބޭނުންވީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީއެއް އުފައްދައި، ސަރުކާރު ބަލިކުރެވުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓްސް މީގެ ކުރިން ބުނަމުން އައީ މި ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. އެކަމަކު އެފަދަ ގުޅުމެއް ފެނިފައިނުވާއިރު ފަހަކަށް އައިސް މެމްބަރުން ދަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި، މަސައްކަތްތަކަށް ވެސް ފާޑުކިއުން އަމާޒުކޮށްފައި ވެއެވެ.

މިއަދު އަމްރު ކުރެއްވި، ޕޯސްޓެއްގައި ވިދާޅުވީ ހަގީގީ މާނައިގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަމްރުއަށް ބައެއް ބޭފުޅުން މަރުހަބާކީއިރު އޭނާއަށް ރައްދުގައި ބައެއް އާންމުން ވަނީ މިއީ ޑިމޮކްރެޓްސްގެ ބައިވެރިވުން ހިމެނޭހެން ގެނައި ވެރިކަމެއްކަމަށާއި، އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ޑިމޮކްރެޓްސްކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތަކުން ވަނީ، ޑިމޮކްރެޓްސްގެ ކުރިމަގެއް ނެތްކަމަށް ބުނެ އެ ޕާޓީ އުވާލައި މެމްބަރުން އެމްޑީޕީއާއި ގުޅުމަށް ގޮވާލާފަ އެވެ. އެކަމަކު ރައީސް ނަޝީދުގެ އެއްވެސް ބަހެއް ނުވަތަ އެމަނިކުފާނުގެ ބާރުވެރިކަން ފޯރުވުން އެއްވެސް ވަރަކަށް އޮވެގެން ނުވާނެކަމަށް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއަށް ލިބިފައި ވަނީ ހަތް އިންސައްތަ ވޯޓު ނަމަވެސް އެއީ ކާމިޔާބީއެއްކަމަށް ފާހަގަކޮށް އެ ޕާޓީން ބޭއްވި ހަރަކާތުގައި މީގެ ތިން މަސް ކުރިން  އަމްރު ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ކަންކަން ގޯސްވެ އެ މައްސަލަތައް ފާހަގަކުރުމުން އެމްޑީޕީގެ ތެރެއިން ކުރި ޖެއްސުންތަކާއި ދެކޮޅަށް ނިކުމެ މަސައްކަތް ފަށަން ޖެހުނީ އުނދަގޫތަކާ އެކު ކަމަށެވެ. އެކަމަކު ރައްޔިތުން ތިބީ މި ސަރުކާރު ދެކެ ފޫހިވެ، ބަދަލަކަށް ބޭނުންވެފައިކަން ފުރަތަމަ ބުރުގެ ނަތީޖާއިން ސާފުވާކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ތިން މަސް ދުވަހުގެ މަސައްކަތް ދިޔައީ ބާރު ސްޕީޑެއްގައި، ވަރުގަދަކޮށްކަމަށާއި އެކަން ކުރެވުނީ ޕާޓީގެ ތެރޭގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ބާރާ ނުފޫޒުގެ ތެރޭގައި އޮތް ދައުލަތެއް ބަލި ކުރެވުނު އެއް ސަބަބަކީ އެއީކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޑިމޮކްރެޓްސް – އެމްޑީޕީ ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އަމްރު ވިދާޅުވިއިރު ރައީސް ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފަ އެވެ. އެކަމަކު ކޮންމެވެސް ވަރަކަށް އަދިވެސް ސިޔާސީ ކަންކަމުގައި އެމަނިކުފާނު އުޅުއްވާތަން ފެނެއެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 82%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: