ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި މައްސަލައިގައި އޭސީސީއިން އަދިވެސް ލަފައެއް ނުދޭ: ހައުސިން މިނިސްޓަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯތީގެ މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މިހާތަނަށް އެއްވެސް ލަފައެއް ދީފައި ނުވާކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގޯއްޗާއި ފްލެޓު ދީފައިވަނީ އިންސާފުން ނޫންކަމަށް ވިދާޅުވެ، އެ މައްސަލަ ބެލުމަށް ހައުސިން މިނިސްޓްރީއިން އޭސީސީއަށް ހުށައެޅިއެވެ. އަދި ކުރީ ސަރުކާރުގެ އެ ނިންމުމަށް އިހުތިރާމް ނުކުރާނެކަމަށް ހައުސިން މިނިސްޓްރީއިން ބުނިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހައި ފަރާތްތަކާއި އަދި އެކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް އެދި ޕެޓިޝަނެއް މަޖިލީހަށް ހުށައެޅިއެވެ. މި ޕެޓިޝަނާއި ގުޅިގެން ހައުސިން މިނިސްޓްރީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އޭރު ހާޒިރު ކުރިއެވެ. ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ގޯތީގެ މައްސަލައިގައި ވަކި ގޮތެއް ނިންމާނީ، އޭސީސީއިން އެ މައްސަލަ ދިރާސާކޮށް ވަކި ގޮތެއް އެންގުމުންކަމަށެވެ. އަދި މަޑުކުރަމުންދަނީ ކޮމިޝަނުގެ ލަފައަށްކަމަށް ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން “ސަންގުން” މިނިސްޓަރާއި ސުވާލުކުރުމުން ވިދާޅުވީ، އަދި މިހާތަނަށް އެއްވެސް ލަފައެއް އަރުވާފައި ނުވާކަމަށެވެ.

ގޯތި ދިނުން ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އޭސީސީގެ ތަހުގީގު ނިމެންދެންކަމަށް މިނިސްޓްރީއިން ކޮމިޓީގައި ބުނެފައިވާތީ، “ސަންގުން” މިކަމާއި ގުޅޭ ގޮތުން އޭސީސީގައި ސުވާލުކުރުމުން ކޮމިޝަނުން ބުނީ މިހާރު މައްސަލައިގެ ބޮޑު ބައި ނިމިފައިވާކަމަށެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި 4،000 ފްލެޓާއި ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސްވެސް ހައުސިން މިނިސްޓްރީން އޭސީސީއަށް ހަވާލުކުރިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރިއެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދިއެވެ. އަދި އޭސީސީއިން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގިއެވެ.

މި މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދާތީ، ސީދާ ރައީސްގެ ސާފު ޖަވާބެއް ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެކަމަށެވެ. ރައީސް ވިދާޅުވީ ގޯތީގެ ކަންކަން ކުރިޔަށް ގެންދަވާނީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ކަމަށާއި، އޭރު ގެޒެޓު ކުރި ލިސްޓުގައި ހިމެނި އެކަމަކު ލިއުން ނުލިބޭ މީހުން ވެސް ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށެވެ.

އެކަމަކު އޮޅުވާލުމެއްގެ ތެރެއިން ފްލެޓު ލިބިފައިވާނަމަ، އެކަން ކުރިޔަށް ގެންގޮސް ބަލާނީ އޭސީސީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިނަލް ލިސްޓެއް ގެޒެޓު ކުރެވިފައިވުން އެއީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުމެކެވެ. އެހެންކަމުން އެއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: