ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދިން ވަޒީރުން އަލުން އައްޔަނު ކުރުން ގާނޫނުއަސާސީއާ ހިލާފެއް ނޫން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖޭޕީގެ ލީޑަރު ގާސިމާއި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، އަގުހުރި މަސައްކަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހޯމަ ދުވަހު ވަޒީރުންނާއި މެދު ވޯޓަށް އެހުމުން، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ނިންމި ގޮތަށް ފާސް ވީ ތިން ވަޒީރަކަށް ރުހުން ނެތް ކަމަށެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމަށެވެ. އެމްޑީޕީން ނެރުނު ވިޕާއި ހަތަރު މެމްބަރަކު ހިލާފުވެ، އިކޮނޮމިކް މިނިސްޓަރުކަމަށް މުހައްމަދު ސައީދަށް ވޯޓު ދިނުމުން އޭނާއަށް ރުހުން އޮތްކަމަށް ވަނީ ފާސްވެފަ އެވެ.

ވަޒީރުންނަށް ރުހުން ނުދިނީ، ޒާތީ ގޮތުން ޖައްސާލައި ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ތުހުމަތުތައް ކުރިނަމަވެސް އެކަން އެމްޑީޕީއާއި ޑިމޮކްރެޓްސް ދޮގުކުރެ އެވެ. އަދި ބުނެފައި ވަނީ ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނީ ޕާލިމަންޓު ގުރޫޕުގައި ކުރި މަޝްވަރާތަކަށް ފަހު މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ފަހުކަމަށެވެ. އެބޭފުޅުން ހަމަ އެ ދުވަހު މަގާމަށް އައްޔަނު ކުރުމުން އެއީ ރައީސުލްޖުމްހޫރިއްޔާ ގާނޫނަށް ގޮންޖެއްސެވުންކަމަށް ސިޔާސީ ޕާޓީތަކުން ތުހުމަތު ކުރެއެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަކީ ރުހުން ލިބިފައިވާ ބަޔަކަށް ވާން ޖެހުނު ނަމަވެސް އެ ނޫން ހާލަތެއްގައި ދެން ވާނެ ގޮތެއް ބަޔާންކޮށްފައި ނެތެވެ. އަދި އެބޭފުޅުން އަލުން މަގާމަށް އައްޔަނު ކުރެވިދާނެ ތޯ ނުވަތަ ނޫން ތޯ ވެސް ނެތެވެ.

ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ގާނޫންއަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމަށެވެ. ގާސިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާ ކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށެވެ. އަދި އެގޮތަށް ނިންމައި ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމުމަށް ފަހު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް ވޯޓު ނުދިނުން ގާސިމް ކުށްވެރި ކުރި އެވެ.

ގާސިމް ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި ހިލާފަށް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕްތައް ނެރު، ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމްޑީޕީގައި އޮތުމުން، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ގެންދާކަމަށާއި، ޤާނޫނުއަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީއްޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް ކަމަށެވެ. އަދި އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި، ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމުގައި މެނުވީ ނުވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ މިއީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަޖެހުމާއި، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ނޫނީ ނުވާކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: