އަލަށް ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންނަށް ފޭކު ފޯމުތައް ހުށައެޅުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބްވަނީ ފޭކު ފޯމު ހުށައަޅައިގެން މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ކުރެވިފައިވާ ގިނަ މަސައްކަތްތަކާއިއެކު އަލަށް ސިޔާސީ ޕާޓީތަކަށް ވައްދާ މީހުންގެ ފޭކު ފޯމުތައް ހުށައެޅުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށެވެ.
ހަބީބް ވިދާޅުވީ، މިހާރު ފުރުސަތު ކުޑަވާނެކަމަށް ދަންނަވަނީ ފޯމުގައި މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހޭކަމަށްވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ފޯމުތަކުގައި ޖަހާ ފިންގާރޕްރިންޓުވެސް ރަނގަޅަށް ހުރިތޯ ބަލަމުންދާކަމަށާއި މައުލޫމާތުތައް އާންމުވެސް ކުރާކަމަށްވުމުން އެ މީހެއްގެ ނަމުގައި ފޭކު ފޯމެއް ހުށައަޅާފައިވާކަން ފާހަގަކުރެވޭނަމަ ފަރުދީ ޒިންމާވެސް އަދާކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، އެ މައްސަލަ ހަގީގަތުގައި ހައްލުވެގެންދާނީ ތެދުވެރިކަންވެސް އިސްކޮށްގެންކަމަށެވެ. އޭނާ ވިދާޅުވީ، ފޭކު ފޯމު ހުށައެޅުމުގެ މަސައްކަތްތައް ކުރަނީ އިތުރު އެހެން ބައެއް ނޫންކަމަށާއި އެ މަސައްކަތްތައްވެސް ކުރަމުންދަނީ ސިޔާސީ ޕާޓީތަކުންކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެކަން ކުރަމުންދާ އިސް ފަރާތްތަކުން އެކަން ހުއްޓުވާނެ ގޮތަކާއިމެދު ސުވާލު އުފައްދަވާކަމަށެވެ.
އެ ފޯމުގައި ހުރި ހުރިހާ މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަމަށް ޕާޓީގެ ރަޖިސްޓްރާރ އިގުރާރުވެ ސޮއިކޮށް ތަތްގަނޑު އެބަ ޖަހާ، އެހެންނަމަވެސް ޕާޓީތަކުން ބުނަނީ މިކަމަކީ މިއީ ތިމަންނަމެން ކުރާ ކަމެއް ނޫނޭ، ހާއްސަކޮށް މިކަން މި ދިމާވަނީ އެއްކަލަ ފައިސާ ދިނުމުގެ މައްސަލައާއި މިކަމާއި ގުޅުން ހުރީމަ
އޭނާ ވިދާޅުވީ އެކަމާއި ސުވާލުކުރުމުން އެއީ ލިބޭ ފޯމުތައް ކަަމަށް ޕާޓީތަކުގެ އިސްވެރިން ދަންނަވާކަމަށެވެ. އެހެންނަމަވެސް އެ ލިބޭ ފޯމުތަކުގެ މައުލޫމާތަކީ ސައްހަ މައުލޫމާތުކަމަށް ޕާޓީގެ ރެޖިސްޓްރާ ސޮއިކުރާކަމަށްވުމުން ހައިރާންވާކަމަށް ފާހަގަކުރެއްވިއެވެ. އެވަރުންވެސް ޕާޓީތަކުން އެކަމުގެ ޒިންމާއިން ބޯދަމައިގަންނަކަމަށް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، އެ މައްސަލަ ދިމާވެގެން އަންނަ މައިގަނޑު ސަބަބަކީ މެމްބަރުންގެ އަދަދާއި ދައުލަތުން ދޭ ފައިސާގެ އަދަދާއި ގުޅުން ހުރުމުންކަަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ގެނައުމަށް މީގެ ކުރިންވެސް މަޖިލީހުގައި އެދިފައިވާނެކަމަށާއި އޭޖީއާއިވެސް މައްސަލަ ހިއްސާކުރެއްވިފައިވާކަމަށް ވިދާޅުވިއެވެ.

