ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ނައިބުރައީސް އަހުމަދު ސަލީމް ރިޔާސަތުން ދުރަށް ޖެހިވަޑައިގަތުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އިލްތިމާޒްކުރައްވައިފިއެވެ.
ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން ސޮއިކޮށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ވަނީ ފޮނުވާފަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، އެ ދެބޭފުޅުންނަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ދި މިދިޔަ އާދީއްތަ ދުވަހު މަޖިލިސް ތަޅުމުގައި ހަމަނުޖެހުންތަކެއް ހިނގައި، މެމްބަރުންނަށް އަނިޔާވުމުގައި އެކަމުގެ ޒިންމާ އަސްލަމް ނަންގަވަން ޖެހޭނެކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭގޮތުން ތޯރިގު ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން މައްސަލަ ހުށައެޅުމުން އެމަނިކުފާނު ވަނީ ރިޔާސަތުން ދުރަށް ޖެހިވަޑައިގެންފައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ޖަލްސާގައި އަސްލަމް އަދި ސަލީމް އިންނެވުމުގެ ބަދަލުގައި ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑެއެޅިފައިވާ ފަސް މެމްބަރުންނާއި ހަވާލުކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ވިދާޅުވީ، ޑިމޮކްރެސީއަކީ އެ މީހާގެ މަސްލަތު ނުހިމެނޭ ނަމަ ނަގާ އެއް ފަރާތްކޮށް އެއްލާލެވޭ އެއްޗަކަށް ނުހެއްދެވުމަށް އަސްލަމް އަށް އިލްތިމާޒްކުރައްވާކަމަށެވެ.
އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕިއެމް/ޕީއެންސީ މެމްބަރުންގެ އިތުރަށް ދެން ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

