ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ގޮވަން ޖެހުނީ، އެއީ ސުޕްރީމް ކޯޓުން ހެދުނީ ގޯހެއްކަން ދެކި ރިވިއު ކުރާނެތީ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން، ސުޕްރީމް ކޯޓުން އެއަށް ތާއީދު ކުރުމުން އިންތިހާބު ބޮއިކޮޓު ކުރަން ގޮވާލައި އެ ނިންމުން ބަދަލު ކުރެވޭނެ މަގު އޮތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވި އިރު، ހުންނެވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ޖަލު ހުކުމެއްގަ އެވެ. އަދި އޭރު ވެސް ދަށު ކޯޓުގައި އިތުރު ހިޔާނާތުގެ މައްސަލައެއް ކުރިޔަށް ދެއެވެ. އެހެންވެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ނިންމައި، ފޯމު ބަލައިނުގަތުމަށް އީސީން ނިންމި އެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މައްސަލައިގައި ގޮތެއް ނިންމައި ކުރި ހުކުމުގައި ވަނީ ކޮމިޝަނުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

އެ ދުވަހުގެ އެ ނިންމުމާއި އެކު ކޯޓު ރޫމުން ނޯޓެއް ފޮނުވައި ރައީސް ޔާމީން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ގޮތެއް ނިންމުމަށެވެ. އެހެން ނަމަވެސް އެކަމަށް އާންމު މެމްބަރުން އިހުތިޖާޖުކޮށް، ބޮޑު މައްސަލަގަނޑެއް އުފެދި އެންމެ ފަހުން ނެގި ވޯޓުގައި ނިމިގެން ދިޔައީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ބެކްއަޕް ކެންޑިޑޭޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިކުންނެވީ އެހެންވެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ބަންދަށް ދިން ލުއިތަކެއްގެ ދަށުން އެމަނިކުފާނު ގޭގައި ހުންނެވުމަކީ އާއިލާގެ މެމްބަރުންގެ ހިތަށް ލިބޭ ތަސައްލީއެއްކަމަށެވެ. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ލީޑަރެއްކަމަށްވުމާއި ޕާޓީގެ އާންމު މެމްބަރުންނާއި ސަޕޯޓަރުންގެ ކަންކަން ވެސް ގާތުން ބެލެހެއްޓުމަސް ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކާއި، އެކި ކަންކަމުގައި މަސްއޫލުވެތިބީ އެމަނިކުފާނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ތަކުރާރުކޮށް ސަރުކާރާއި، ސަޕޯޓަރުންނަށް އިއްވަން އޮތް ވާހަކައަކީ ސިޔާސީ އެއްވެސް މަސައްކަތަކަށް ޖާގަ ލިބިފައި ނެތުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އެތައް ދުވަހެއް ކުރިން، ޕޯޑިއަމްތަކުގައި ސިޔާސީ ހުކުމްތަކެއްގެ ވާހަކަ ދެއްކެވި ބޭފުޅުން މަގާމުތަކުގައި ތިއްބެވިއިރު ދަތިވެގެން އުޅެނީ ކޮންކަމަކަށް ތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ބަންދަށް ލުއި ދިނުމުގައި އޮތް ގާނޫނީ ހުރަހެއް ނުވިސްނޭކަމަށާއި، ވެރިކަމުގައި އޮތީ އެމްޑީޕީއެއް ވެސް ނޫން ކަމަށެވެ.

އަޅުގަނޑަކަށް ނުވިސްނޭ ގާނޫނީ ގޮތުން މިކަމަށް އޮތް ހުރަހެއް.. އެއީ އަޅުގަނޑު މި އުޅެނީ އަޅުގަނޑުމެންގެ މައްސަލަ އިސްތިއުނާފުކޮށްގެން، އަޅުގަނޑާ އެއްކޮޅަށް މި ނިމިގެން، ދައުލަތުން އިސްތިއުނާފު ކުރަނީ ނަމަ ދެން ތަފާތުވެދާނެ.. އަނެއްކާ އަޅުގަނޑުމެންގެ މި ޕާޓީގެ ބޭފުޅުން، ޑެޕިއުޓީންނަށް ތިއްބެވި ބޭފުޅުން ހަމަ ޕޯޑިއަމްތަކުގައި އަޑުނެތްކޮޅަށް ހަމަ އަރާ އެ ވާހަކަ ދެއްކެވި.. އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ، ކޮން ބަޔަކަށް ބާއޭ، މިހާ ދަތިވެގެން މިއުޅެނީ.. އެމްޑީޕީއެއް ނޫން މިހާރު ވެރިކަމުގައި އޮތީ

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދުގައި ބަހައްޓައި، ޖަލުގައި އޮތުމަށް އެމްޑީޕީން ކިތަންމެ ބޭނުންވިޔަސް އަމަލީ ގޮތުން އެ ޕާޓީއަށް ކުރެވޭނެކަމެއް ނެތްކަމަށެވެ. އަދި އެ މީހުންނަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވާހަކަ ދައްކައިގެން އެކަމާއި ހެދި އުނދަގޫވެގެން އުޅެދާނެހެން ހީނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޑެޕިއުޓީ ލީޑަރުން އޭރު ބުނަމުން ދިޔައީ، ރައީސް ޔާމީނަށް ހަރާމް ހުކުމެއް އިއްވއިގެން… ރައީސް ޔާމީން ބައިވެރި ނުވާ  އިންތިހާބެއް ބޭއްވިޔަކަ ނުދޭނަމޭ.. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ގާނޫނީ މާއްދާތަކަށް ރިއާޔަތްކޮށް އެ ނެރުއްވި ހުކުމެއް ނެރުއްވުމުން، އަޅުގަނޑުމެންގެ ޑެޕިއުޓީ ލީޑަރުންގެ އަޑުތައް އެހާހިސާބުން ކެންޑިގެން ދިޔައީ.. ހަމަ މުޅިން ކެންޑިގެން ދިޔައީ….

ރައީސް ޔާމީން ވިދާޅުވީ އެ ނިންމުން އިސްތިއުނާފު ކުރެވުނީސްކަމަށާއި، އަދި ކޯޓުގެ ނިންމުން އެއީ ގޯހެއްކަން ސުޕްރީމް ކޯޓަށް ވިސްނޭ މިންވަރަށް އިހުތިޖާޖު ކުރެވުނީސްކަމަށެވެ. އެއަށް ފަހު ބޮއިކޮޓު ކުރުމުގެ ވާހަކަ ވެސް ދެކެވޭނެކަމަށާއި، އެކަމަކު އެއީ އެއްވެސް ހާލަތެއްގައި އިންތިހާބުގައި ވާދަ ނުކުރުން ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައ ސިޕްރީމް ކޯޓަށް ވެސް އެ ނިންމުން މުރާޖައާ ކުރުމަށް ފުރުސަތު ލިބޭނީ.. އަޅުގަނޑުމެން ސިޔާސީ ޕާޓީއަކަށް ވެގެން ފިސާރި ގަދައަށް އިހުތިޖާޖުކޮށްގެން.. އެއީ އިންތިހާބު ބޮއިކޮޓު ކުރަންޏާ.. ބޮއިކޮޓު ކުރާ ވާހަކަ.. އެކަމަމު އިންތިހާބު ބޮއިކޮޓު ކުރުމަކީ މުޅިން އެގޮތަށް އިންތިހާބުގައި ވާދަނުކުރުމެއް ނޫން.. އެއީ ސުޕްރީމް ކޯޓަށް މި ހެދުނީ ގޯހެއްކަން ވިސްނޭ ވަރަށް.. ސުޕްރީމް ކޯޓުން މި މައްސަލަ ރިވިއު ކުރަން.. ނޫނީ ރީ ވިޒިޓު ކުރަން ޖެހޭކަމަށް

ބޮއިކޮޓު ކުރުމަށް ގޮވާލަނީ، ސުޕްރީން ކޯޓުގެ ނިންމުން ބަދަލު ކުރަން ކުރާ އިހުތިޖާޖެއްގެ ގޮތުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެ ސަބަބަކީ އެންމެ ބޮޑު ތާއީދެއް އޮތީ އެމަނިކުފާނާއި ޕީޕީއެމަށް ވާތީކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، އެންމެ ބޮޑަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ރައީސް ޔާމީނާއި، ރައީސް މުއިއްޒު އަދި ޕާޓީގެ ލީޑާޝިޕް ދެމެދު މައްސަލަތައް ޖެހި ރައީސް ޔާމިން ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވީ އެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: