ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ، ޒަމާނާއި ނުގުޅޭ އުނދަގޫ ކަންކަން އެބަހުރި: މިނިސްޓަރ

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ، މި ހަފްތާގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދު ކުރުމަށް ފަހު އިސްލާހެއް ގެނެސް ތަސްދީގު ކުރީ 2020 ވަނަ އަހަރެވެ. އޭރު ގެނައި އިސްލާހުގެ ދަށުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓާރ ކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މި ގާނޫނުގެ ދަށުން ކުޑަކުދިން ކުރާ ބޮޑެތި ކުށްތަކުގައި ވެސް އަދަބު ދިނުމުގައި، ލުއިތަކެއް ލިބިދެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ފުރުމަށް ފަހު ވެސް އެ އުމުރުގައި ކުރާ ކުށަކަށް ބޮޑު އަދަބު ނުދެވޭނެ އެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ހިމެނެ އެވެ.

މި ގާނޫނަށް ގެންނަން ޖެހޭކަމަށް ފެންނަ އިސްލާހުތަކުގެ މަސައްކަތްތައް ކުރެވެމުންދާތީ، އެކަމުގެ ތަފްސީލު ސަންގުޓީވީގެ “ސަރުކާރު” ޕްރޮގްރާމުގައި ދެއްވައި އިހުސާން ވިދާޅުވީ މި ހަފްތާގައި އެ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތަށް ބަލާއިރު އުމުރުން 17 އަހަރުގައި ކުރާ ކުށަށް އޭގެ އެތައް އަހަރެއް ފަހުން އަދަބު އަންނައިރު ވެސް އަމަލު ކުރަން ޖެހެނީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ.

ކުށެއް މި ކުރަނީ 17 އަހަރުގައި، އެހެން ނަމަވެސް މިހާރު ގާނޫނު މި އޮންނަނީ 20 އަހަރު ފަހުން، ނޫނީ ހުކުމުގެ އަހަރުތަކުގައި ވެސް އޭނާއާއި މެދު އަމަލު ކުރަން ޖެހޭނީ ކުޑަކުއްޖެއްގެ ގޮތުގައޭ.. މާނައަކީ ހުކުމް ތަމްފީޒު ކުރަމުން ގޮސް އުމުރުން 40 އަހަރު ވާއިރުގަ ވެސް އެއީ ކުޑަކުއްޖެއްގެ ގޮތުގައި ޓްރީޓު ކުރަން ގާނޫނުގައި މި އޮންނަނީ.. ދެން މިސާލަކަށް ހުކުމާއި ހަމައަށް ނުދެވި ހުއްޓައި 25 އަހަރު ވަނީ.. މީހަކާ އިނދެ ދަރިއެއް ވެސް އެބަހުރި.. އެކަމަކު އޭނާ ކޯޓަށް ހާޒިރު ކުރާއިރު، އެއްކަލަ މައްސަލައިގަ ވެއްޖެއްޔާ އެއީ ކުޑަކުއްޖެއް.. ބެލެނިވެރިޔާ ވެސް ގެންދަން ޖެހޭ.. މިކަހަލަ ޒަމާނާއި ނުގުޅޭ، ތަންފީޒު ކުރަން އުނދަގޫ ކަންކަން އެބަހުރި މީގެތެރެއަށް ލެވިފައި ވެސް އެބަހުރި..

މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ކަވަރ ކުރަނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދަށްކަމަށާއި އެކަމަކު މިހާރު މުޖްތަމައުގައި މިއަށް ވުރެ ކުޑަ އުމުރުގައި ކުށްތަކަށް އަރައިގަންނަ ނުވަތަ ކުށްތަކަށް ހުށަހެޅިދާނެ މާހައުލުތަކުގައި އުޅޭ ކުދިންތައް ވެސް އެބަތިބި ކަމަށެވެ.

ގާނޫނެއް އޮންނަން ވާނީ އޭރުގެ ހާލަތާއި، ދިމާވާ މައްސަލަތައް ހައްލު ކުރެވޭ ގޮތަށްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ކުށުގެ މާހައުލާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އެއްވަރަށް ގާނޫނަށް އިސްލާހުތައް ވެސް ގެންނަން ޖެހޭކަމަށެވެ.

އުމުރުން 14 އަހަރުގެ ކުއްޖަކު ކުށެއްކޮށްފި ނަމަ، ދެން އަމަލު ކުރާނެ ގޮތް މި ގާނޫނުގައި ބަޔާނެއް ނުކުރޭ..

މިގޮތަށް ދިމާވާ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ ބޭރުގައި އެފަދަ މައްސަލައެއްގައި އަމަލު ކުރާ ގޮތް ބަލައި އެ ތަރުޖަމާކޮށް ގާނޫނަށް ފެއްތުމެވެ. އެހެން ނަމަވެސް އެއީ އެ ގައުމުގެ މެކެނޭނިޒަމާއި، ވަސީލަތްތައް އަދި ކެރިފޯރުންތެރިކަމަށް ބަލާއިރު އެކަމަށް ފައްތައި ގެނެސްފައި ހުރި ގާނޫނުތަކެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުން އެ ގާނޫނުތައް ރާއްޖެއަށް ގެންނާން އުޅެގެން، ފެންނަ އެއްވެސް ބަދަލެއް ނެތްކަމަށާއި ދީފައިވާ މުއްދަތުތަކުގެ ތެރޭގައި ސިޔާސަތުތައް ތަންފީޒު ނުކުރެވި މަސައްކަތްތައް ފުނިޖެހިގެންދާކަމަށް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އެސެޓްސްތައް ބޭނުންކޮށްގެން މިކަން ކުރެވޭނެ ގޮތެއް އެބަ ޖެހޭ ގެންނަން.. އަޅުގަނޑުމެން މި ގެންނަނީ ގާނޫނެއް، ތަންފީޒު މި ކުރަނީ އޭޝިއާ މީހުންހެން، ބަޖެޓު މި އޮންނަނީ ސައުތު އެފްރިކާގެ ބަޖެޓު.. އެހެންވީމަ މި ހާލަތުގައި ވަރަށް އުނދަގޫވާނެ މި ތިނެތި ދިމާ ކުރަން.. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގާނޫނުތައް ގެންނަން މި ޖެހެނީ މި މާހައުލަށް އެކަށީގެންޥާ ވަރަށް ރިސޯސަސްތަކުން އިމްޕްލިމެންޓު ކުރެވޭ ގޮތަށް

އަސްލު ހަމަތަކުން ބަލާއިރު ތަންފީޒު ނުކުރެވޭނެ ކަންކަން މި ގާނޫނާއި، ގާނޫނުގެ ދަށުން އެކުލަވާލާފައި ހުރި ގަވައިދުގެ މިސާލެއްގެ ގޮތުގައި އިހުސާން ނެންގެވީ ފެސިލިޓީއެއް ހަ މަސް ދުވަހުގެ ތެރޭގައި ހެދުމެވެ. އެހެން ނަމަވެސް ހުރިހާކަމެއް ނިންމައި، ކުރެހުމާއި ބަޖެޓާއި ތަންފީޒީ ނަޒަރިއްޔާތަކުން ބަލާއިރު އެ މުއްދަތުގައި މިއީ ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ގާނޫނު އޮތް ގޮތުން މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުންތައް އައެވެ. އެއީ ކުށް ކުރާ ކުދިންގެ އަދަދު އިތުރުވުމާއި ހާއްސަކޮށް މަރުގެ އެކި މައްސަލަތަކުގައި އުމުރުން 18 އަހަރުވުމާއި ގާތްވެފައި ތިބޭ ކުދިން ހައްޔަރުކުރަން ޖެހުމެވެ. ބައެއް ހުކުމްތަތަކުގައި ފަނޑިޔާރުން ވެސް އެކަން ފާހަގަކުރާއިރު ދާދިފަހުން އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ، ނޫރު އާދަމް މަރާލި މައްސަލައިގެ ހުކުމް މީގެ ތެރޭގައި ހިމެނެ އެވެ. އޭރު 18 އަހަރު ނުވާ، އަދި މިހާރު އުމުރުން 26 އަހަރުވެފައިވާ އެ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި ހައިކޯޓުގެ ހުކުމުގައި ވަނީ ވާރިސުން ބޭނުން ވަނީ މަރުގެ އަދަބު ދޭން ނަމަވެސް އެ އަދަބު ކުޑަކުދިންގެ އަދުލުގެ ގާނޫނުން ދެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މީހަކު މެރިކަން ސާބިތުވުމުން ދިރިހުރުމުގެ ހައްގެއް ގާނޫނީ ގޮތުން އޮވެގެން ނުވާނެ ކަމަށެވެ. ދިރިހުރުމުގެ ހައްގަކީ އެއީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ނަމަވެސް އެއްވެސް ހައްގަކާ ނުލައި މީހަކު މަރާލުމުން މަރުގެ އަދަބު ދިނުމަށް ހުރަސް އެޅޭނެ ސަބަބެއް ނޫންކަމަށް ވެސް ރައުޔުގައި ފަނޑިޔާރު ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވީ މިއީ ގާނޫނު ހިނގާތަނެއްގައި ކަން ވެގެންވާނެ ގޮތެއް ނޫންކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގައި ވަނީ އުމުރުން 18 އަހަރުވުމަށް ފަހު ވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކުކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. ވާރިސުން ބޭނުން ވަނީ، މަރަށް މަރު ހިފަން ނަމަވެސް ކުށް ކުރިއިރު 18 ނުފުރޭނަމަ، އޭނާއަށް ދޮށީ އުމުރެއްގައި ވެސް އެ ކުށަށް މަރުގެ އަދަބު ނުދެވޭނެ އެވެ. އަދި އޭނާއާއި މެދު އަމަލު ކުރަން ޖެހޭނީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: