ރ އުނގޫފާރުގެ ބިން ހިއްކުމަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ސެގްމެންޓުގައި ރައީސް މުއިއްޒުވުވަނީ ރ އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެ ރަށުގެ ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތަކާއިމެދު ވާހަކަދައްކަވާފައެވެ.
ރައީސް ވިދާޅުވީ، ވައުދެއް ވިއްޔާ އެ ވައުދާއި އެއްގޮތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން އުނގޫފާރުގެ ރައްޔިތުންނަށް އަރުއްވާކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކައިދިނުމަކީ ވެވަޑައިގެންނެވި ވައުދެއްކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރެވިގެންދާއިރު މިހާރު ބަޔާންކޮށްފައިވާ ވަރަށްވުރެ ތިން ހެކްޓަރުގެ ބިން އިތުރުކޮށްގެން އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު އުނގޫފާރު ރައްޔިތުންނަށް އަދި ޝިޔާމަށްވެސް ދަންނަވާލަން ބޭނުން ވާހަކައަކީ އަޅުގަނޑު ވީ ވައުދެއް ވިއްޔާ، ވައުދުވީ ގޮތަށް އެކަން ކޮށްދޭނަމޭ، އަޅުގަނޑު ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެކަމަށް“ ރައީސް މުއިއްޒު
އެމަނިކުފާނު ވިދާޅުވީ، ތިން ހެކްޓަރު ހިއްކުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ލުއި ލިބިގެންދާނެކަމަށާއި އެއީ ފަޅުތެރޭގައި ހިއްކެން އޮތް އެންމެ ބޮޑު މިންގަނޑުކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ދާނީ ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށްކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، ހިއްކުމަށް ކަނޑައެޅިފައިވާ ބިމަށް ތިން ހެކްޓަރު އިތުރުކޮށްގެން ފަޅު ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކާނެކަމަށެވެ.

