މާލޭ ފަޅުތެރޭގައި އަޅާފައިވާ ދޯނި ފަހަރުތައް އެޅުމަށް އެހެން ސަރަހައްދަކުން ޖާގައެއް ހަމަނުޖައްސާ ފަޅުތެރެއިން ދޯނިތައް ނެގުމަށް އަމުރު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ރައީސް ވާހަކަފުޅު ދައްކަވާފައި މިވަނީ ރައީސް އޮފީހުން ކުރިޔަށް ގެންދާ، ”ރައީސްގެ ޖަވާބު“ މި ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައެވެ.
ރައީސް މިއަދު ޖަވާބު އަރުވާފައިވަނީ ތ.މަޑިފުށީ، ތަރިވިދާގޭ، އަޙްމަދު އިބްރާހީމް، ކުރި ސުވާލަކަށެވެ. އޭނާގެ ސުވާލަށް ޖަވާބު ދެއްވަުން ރައީސް ވިދާޅުވީ މާލޭ ފަޅުތެރެއިން އެހެން ދިމާލެއް ހަމަނުޖައްސައި ފަޅުތެރޭ ހުންނަ އުޅަނދުތައް ނަގަން އަންގާކަން ފާހަގަކުރެވޭ ކަމަށާއި މި ސަރުކާރުގައި އެފަދަ ކަންތައް ކުރިޔަށް ގެންދާނީ މާލެސިޓީ ކައުންސިލާއި ގުޅިގެން މަޝްވަރާތައް ކުރެވިގެން ކަމަށެވެ. އަދި އެ އުޅަނދުތައް އެޅުމަށް އެހެން ތަނެއް ދެއްކުމަށްފަހުގައި ނުވަތަ އުޅަނދުތަކުގެ ވެރިފަރާތާއި މަޝްވަރާކުރުމަށްފަހުގައި ނޫނީ އެތަކެތި ނަގަން ނާންގާނެ ކަމަށް ރައީސް ވިދާޅުވެފައެވެ.
”އިރާދަކުރެއްވިއްޔާ ތި ވިދާޅުވި މައްސަލަ ހައްލުކޮށްދޭނަން. ފަޅުތެރެއިން އެހެން ދިމާލެއް ހަމަނުޖައްސާ ތި ވިދާޅުވި ގޮތަށް ދޭތެރެދޭތެރެއިން ފަޅުން ނުކުންނަން ޖެހި، ދާނެ ތަނެއް ނެތި އެހެންވިޔަ ނުދޭނަން.“ ރައީސް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރުމަށްފަހު މި މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

