ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއަކީ ކުޑަ ޕާޓީއެއް، ޕީޕީއެމްގައި ސިޔާސަތުތަކާއި ވިސްނުން މާ ފުޅާވާނެ: ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ސިޔާސަތުތަކުގެ ގޮތުންނާއި، ވިސްނުމާއި ފިކުރަށް ބަލައި މާ ބޮޑަށް ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވުރެ ކުރީގައި އޮންނާނެ ޕާޓީއެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ރައީސް އެ ޕާޓީ ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީގެ ލީޑާޝިޕްގެ ދެމެދުގައި ޖެހުނު މައްސަލަތައް ގޯސްވުމަށް ފަހު ދެ ފަރާތުން ވެސް ގެންދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.

މީގެކުރިން ވެސް ރައީސް ޔާމީން ވަނީ ހަމަ މި މައުޟޫއުގައި ވާހަކަ ދައްކަވައި، ރާއްޖޭގައި އޮތް އެންމެ ބޮޑު ބިޔަ ޕާޓީއަށް މިހާ ބޮޑު ނިކަމެތިކަމެއް ދިނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. ހާއްސަކޮށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓުގައި ނިކުންނާނެ ކެންޑިޑޭޓެއް ނުދެއްކީ ކީވެގެން ތޯ ވެސް ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސަތުތަކުގެ ގޮތުންނާއި، މެމްބަރުންގެ އަދަދަށް ބަލައި ވެސް ހުރިހާ ގޮތަކުން އެންމެ ކުރީގައި އޮންނާނީ ޕީޕީއެމްކަމަށެވެ. އަދި އެތައް ގުނައެއް ގިނަ މެމްބަރުން އެ ޕާޓީގައި ތިބޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ މެމްބަރުންނަކީ ޕީއެންސީ އާއި އަޅާކިޔާއިރު މާ އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރިބައެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުން، ޕީއެންސީއަށް ނުގެންދާނެކަމަށް އޭރު އެ ޕާޓީން ބުނަން ޖެހުނު ސަބަބަކީ ރައީސް ޔާމީން ވިދާޅުވިގޮތުގައި އެމަނިކުފާނު އެކަމަށް ވަކާލާތު ކުރެއްވީމަ އެވެ. އެހެން ނަމަވެސް ފަހުން ބަހާ އަމަލު ދިމާ ނުވެ، ރަށްތަކުގެ ކައުންސިލްތަކާއި ކޮމިޓީތައް އެއްފަހަރާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި ސޮއި ކުރަމުން ގެންދިޔައީކަމަށް އެމަނިކުފާނު ވިދާޅިވި އެވެ.

ޕޕީއެމްގައި މާ ގިނަ މެމްބަރުން ތިބޭނެ… އިހުލާސްތެރި މެމްބަރުން.. ދެން ޕީޕީއެމްކުންނެއް މަޖިލިސް އިންތިހާބަށް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް ކެންޑިޑޓެއްޓެއް ކުރިމައްޗެއް ނުކުރުވާ… ހަމައެއާއި އެކު ފުރަތަމަ ބުނަމުން އައީ ޕީޕީއެމްގެ އެއްވެސް މެމްބަރެއް ޕީއެންސީއަށް ގެންނަން ތިމަންނާމެން އެއްވެސް މަސައްކަތެއް ނުކުރާނަމޭ.. އެއީ އަޅުގަނޑު އެކަމަށް ވަކާލާތު ކުރީމަ.. ދެން ފެނުނީ ކައުންސިލްތަކާއި، ސްޓީރިއަން ކޮމިޓީތައް އެއްކޮށް ބަދަލުކުރީ.. އެހެންވީމަ އެއީ އެއްވެސް އިހުލާސްތެރިކަމެއް ނެތީ ޕީއެންސީގަ..

ރައީސް ޔާމީން ވިދާޅުވީ އެއްވެސް ސަބަބެއް މެދުވެރި ނުވެ، އެމަނިކުފާނު ޕީޕީއެމް ދޫކުރަން ޖެހުނީ އެކަމުގައި އިތުރު ގޮތެއް ނެގިގެން ކަމަށެވެ. އެހެން ނޫންނަމަ އެމަނިކުފާނު އެ ޕާޓީން ނިކުމެވަޑައިގެން މުޅިން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނުޖެހުނީސްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން އެއް މިސްރާބަކަށް ކުރާ މަސައްކަތްތަކުގައި ކޯލިޝަން ހެދުމުގައި ގޯހެއް ނެތްކަމަށާއި އެހެންކަމުން އެމަނިކުފާނު ވެސް އެ މަގު އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މަސައްކަތެއް ކުރުން އެއީ، ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް އަނެއް ޕާޓީއަށް ކަންކަން ދޫކުރުން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ

މި ވާހަކަ ރައީސް ޔާމީން އިޝާރާތް އެ ކުރެއްވީ ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕީޕިއެމް/ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓުން ތިއްބައި ސަރުކާރުން އަމިއްލަ ގޮތުން ނިކުންނަ ކެންޑިޑޭޓުންނަށް ތާއީދު ކުރުމެވެ. ފާޅުކަން ބޮޑު ގޮތަކަށް ސަރުކާރުގެ ވަޒީރުން ދަނީ އެ ކެންޑިޑޭޓުން ޕްރޮމޯޓުކޮށް ކެމްޕެއން ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންނެވެ.

ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ފަހަކަށް އައިސް ކޮންމެ ރެއަކު ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އެމަނިކުފާނު އާންމު މެމްބަރުންނާއި ސަރުކާރުގެ އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރައްވައި، އެކަމުގައި އެމަނިކުފާނުގެ ވިސްނުމަކީ ކޮބައިކަން ހާމަކުރައްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: