ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަކީ ރައީސް ޔާމީން މިނިވަން ކުރަން ދޭ އަސްލު ވޯޓު: ޖަމީލު

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އެންޑޯސްމަންޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އެއީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ދެވޭ އަސްލު ހަގީގީ ވޯޓުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދޫކޮށްފައިވީ ނަމަވެސް މިހާތަނަށް ޕާޓީގެ ރެޖިސްޓްރޭޝަން ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވެ އެވެ. ޕާޓީން މަސައްކަތް ކުރީ އިންތިހާބުގެ ކުރިޔަށް، އެ މަރުހަލާ ނިންމާލުމަށް ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް މަޑުޖެހިފައި އޮތުމާއި އެމަނިކުފާނު ނެތި ޖަލްސާއެއް ބޭއްވުމަށް ބޭނުން ނުވާތީ އަދިވެސް ފޯމުތައް ހުށަހަޅާފައި ނުވަނީ އެވެ.

މިދިޔަ ދުވަސްތަކުގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާތައް މެދުވެރިކޮށް އެމަނިކުފާނުގެ ތާއީދުގައި ނިކުންނަ ކެންޑިޑޭޓުންނަށް ފޯމު ހަވާލުކޮށްފައި ވެއެވެ. ޕީއެންއެފަކީ އަދި ރެޖިސްޓާޑް ޕާޓީއަކަށް ނުވާތީ އެބޭފުޅުން ވާދަކުރާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ އެންޑޯސްމަންޓުގައި ނިކުންނަ ކެންޑިޑޭޓުންގެ ތެރޭގައި ދާދިފަހުން ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމެރީން ނާކާމިޔާބުވި ބޭފުޅުން ހިމެނެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީނާއި މިވަގުތު އެންމެ އަރިސްކޮށް އުޅުއްވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދުގައި 40 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިޔަށް އޮތް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އަދި ބައެއް އެހެން މިނިވަން ކެންޑިޑޭޓުންނަށް ވެސް ކުރިޔަށް އޮތްތަނުގައި ރައީސް ޔާމީން ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ހާއްސަ މެސެޖަކީ، އެމަނިކުފާނަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދާއި އެންޑޯސްމަންޓު ލިބޭނެކަމެވެ. އަދި ވިދާޅުވީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ޒިންމާދާރުކަމާއި އެކު ކުރާ މަސައްކަތް ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދެވޭނީ ޕީއެންއެފަށް ވުންކަމަށް ވެސް ވިދާޅުވި އެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސް ޔާމީންގެ އިލްތިމާސަކީ، އެމަނިކުފާނުގެ ކެންޑިޑޭޓުންނަކީ ޕީއެންއެފްގެ ކެންޑިޑޭޓުންނޭ.. ދެން އޭގެ އިތުރަށް އެމަނިކުފާނު ތާއީދު ކުރާއްވާ ބޭފުޅުން.. އިންޑިޕެންޑެންޓްކޮށް ވެސް އެބަތިއްބޭ.. އެބޭފުޅުންނަށް ވޯޓުދޭށޭ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްއަށްޓަކައި.. އެ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ޒިންމާދާރުކަމާއި އެކު އެންމެ ހީވާގިކަމާއި އެކު ޖަވާބުދާރީ ކުރުވަނި ގޮތެއްގެ މަތިން ކުރެވޭނީ ޕީއެންއެފް.. އަދި ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށޭ..

މީގެއިތުރުން ޖަމީލު ވިދާޅުވީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ރައްޔިތުންގެ އެތައް ބުރަ މަސައްކަތަކުން ރައީސް ޔާމީނަށްޓަކައި ގެނައި ސަރުކާރެއްގައި އެމަނިކުފާނަށް އިންސާފު ނުލިބުމެވެ. އަދި ވިދާޅުވީ ޕީއެންއެފްގެ އަމަލީ މަސައްކަތް މަޑުޖެހިފައި އޮތުމުގެ ސަބަބަކީ ވެސް ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވެ ބަންދުގައި ހުންނަވަން ޖެހުން ކަމަށެވެ.

ޖަމީލު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ، ރައީސް ޔާމީނަށް މިނިވަން ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެމަނިކުފާނު ބާކީވެގެން ދިއުމަކީ ކަންބޮޑުވުމެއްކަމަށާއި މަޖިލީސް އިންތިހާބަކީ އެކަމަށް ދޭ ޖަވާބަކަށް ހަދައި ރައްޔިތުން ސަރުކާރަށް ބަސް އިއްވަން ޖެހޭ ކަމަށެވެ.

އެހެން ނޫނީ، މިއަދު މި ފޯމުތައް ހުށަހަޅާއިރު ރައީސް ޔާމީން މިތަނުގައި ހުންނެވީސް..

ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ބައިވެރިވަޑައިގެން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ އެއީ ގޯސްތައް ހެދުމަށް ދެވޭ ފުރުސަތުތަކެއްކަމަށް ވިދާޅުވަމުންނެވެ. އަދި ޕީއެންސީއަށް އެހެން ޕާޓީތަކުން މެމްބަރުން ގެންދާ މައްސަލައާއި ޕީޕީއެމްގެ އަސްލު ގެއްލުވާލައި ޕާޓީ ނިކަމެތި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: