ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދޯނިތަކަށް އިންޑިއާގެ ސިފައިން އެރި މައްސަލައިގައި ޣައްސާން 241 ކޮމިޓީއަށް ހާޒިރު ކުރަނީ!

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ދިވެހި މަސްދޯނިތަކަށް އިންޑިއާގެ ސިފައިން އަރައި ސުވާލު ކުރި މައްސަލައިގައި ކަންހިނގި ގޮތް އޮޅުން ފިލުވުމަށް މިނިސްޓަރ ހާޒިރު ކުރުމަށެވެ.

ގާނޫނުއަސާސީގެ 241 ވަނަ މާއްދާއިން ބާރުލިބިދީފައިވާ މި ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނީ ނޫސްވެރިންނާއި މީޑިއާތަކަށް ނުވަދެވޭހެން ސިއްރުންނެވެ. އެއީ އެ ކޮމިޓީގައި އާންމުކޮށް މަޝްވަރާކޮށް ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް އަރައި ސުވާލުކޮށް ވަނީ ސެޓްލައިޓު ނަމްބަރު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ބަޔާނެއް ވެސް އާންމު ކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަނެއްކާވެސް އިތުރު ދޯންޏަކަށް އަރައި އޮފިސަރުންތަކެއް ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައެއް ފެންމަތިވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އެއްވެސް ގޮތަކަށް ކަމާއި ގުޅޭ އިދާރާތްތަކާއި ވާހަކަ ދެއްކުމެއް ނެތި ބައިނަލްއަޣުވާމީ ކަނޑިތަކުގެ އުސޫލާއި ހިލާފަށް އަސްކަރިއްޔާ ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދޭން ހަމަ އެ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް އިންޑިއާއަށް ލިއުމުން އެންގި އެވެ. އެހެން ނަމަވެސް ފަހުން އެކަމުގައި ދެކެވުނު އެއްވެސް ވާހަކައެއްގެ ތަފްސީލެއް ސަރުކާރުން ނުދެއެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ބަޔާން ހިމެހޭން އެކި ބައްދަލުވުންތަކުގައި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓާނީ ދިވެހިން ކަމަށެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް މަޝްވަރާތައް ވެސް ކުރެވެމުން ދަނިކޮށެވެ. އަދި ސިފައިން ބޯޓުތަކަށް އެެރީ ކޯ ގުރޫޕުގެ ބައްދަލުވުން އޭގެ އެއް ދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: