ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު މަޝްރޫއު މަޑުޖެހިފައި އޮންނަ ކޮންމެ ދުވަހަކަށް މިލިއަނުން ގެއްލުން ލިބޭނެ!

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތަށް ލިބޭ ގެއްލުން އެތައް މިލިއަން ރުފިޔާއަށް އަރާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

މިއީ 2019، އޮކްޓޯބަރު 17 ގައި ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކުރި މަޝްރޫއުއެކެވެ. ދެ ބިލިއަން ރުފިޔާއަށް މި މަޝްރޫއުގެ ދަށުން އެ ކުންފުނިން 65 ހެކްޓަރު ހިއްކަން ޖެހޭއިރު، މި ސަރުކާރުން ވަނީ ގުޅީފަޅަށް 85 ހެކްޓަރު އިތުރުކޮށް ދެވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކުމަށް ނިންމާފަ އެވެ.

މި މަޝްރޫއު މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން އިއްޔެގެ ވަގުތެއްގައި އަމުރެއް ނެރުނީ، އާންމުންގެ މީހަކު ތިމާވެއްޓަށް ގެއްލުން ލިބެމުން ދާކަމަށް ބުނެ ހުށަހެޅި މައްސަލައެގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ވެސް ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރަމުން ގެންދާ ޖަމިއްޔާއެއްގެ އިސްކޮށް އުޅޭ އޭނާ ސިވިލް ކޯޓަށް އެ މައްސަލަ ފުރަތަމަ ހުށަހެޅުމުން ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ހައިކޯޓަށް މައްސަލަ ގެންދިއުމުން، އެ ކޯޓުން ވަނީ މަޝްރޫއު މަޑުޖައްސާލުމުގެ އަމުރު ނެރެފަ އެވެ. ހައިކޯޓުން ނެރުނު އަމުރުގައި ވަނީ މައްސަލައިގައި އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާކަމަށެވެ. އެކަން ފާހަގަކޮށް ހުކުމުގައި ވަނީ މި ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށް ޕްރިކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.

ހުކުމުގައި ވަނީ އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ލިބިގދާނެ ކަމަށެވެ. އަދި މަޝްރޫއު ހުއްޓިއްޖެ ނަމަ ލިބޭ މާލީ ގެއްލުންތަކަށް ބަލާއިރު ތިމާވެއްޓަށް ލިބެން އޮތް ނުވަތަ ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑުކަމަށެވެ.

މި އަމުރު ނެރެފައި ވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަޣުލަބިއްޔަތުންނެވެ.

އިއްޔެގެ ވަގުތެއްގައި ނެރުނު މި އަމުރުގެ މައްސަލައިގެ ހަބަރުތައް މީޑިއާތަކުން ގެނައުމާއި އެކު މިދިޔަ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީންގެ ތުހުމަތުތައް އަމާޒުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށެވެ. އެއީ ސަރުކާރުގެ ސަމާލުކަން ހުރީ ރަސްމާލެ ތަރައްގީ ކުރުމަށްކަމަސް ވާތީކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މި މަސައްކަތް މަޑުޖެހިއްޖެ ނަމަ، މަޝްރޫއު ކުރިޔަށް ނުގޮސް އޮންނަ ކޮންމެ ދުވަހަކަށް ބޮސްކާލިސްއަށް ތިން ލައްކަ ޑޮލަރު ދޭން ޖެހޭކަމަށެވެ.

އެކަމާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވީ، ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތަށް ލިބޭ ގެއްލުން މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ބުނެފައިވާގޮތުން، މި މަޝްރޫއުގެ 80 އިންސައްތަ މިހާރު ވަީ ނިމިފަ އެވެ.

މި މައްސަލައިގައި ތަފާތު ރައުޔެއް ނެރުއްވީ، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ މިއީ ހައިކޯޓުން އިތުރު ގޮތެއް ނިންމަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ރައުޔުގައި ލިޔުއްވާފައި ވަނީ ތިމާވެއްޓަށް ގެއްލުންތައ ލިބެމުން ދާނަމަ އެކަން މިނިސްޓަރަށް ހުށަހަޅަން ޖެހޭކަމަށެވެ.

ފަނޑިޔާރުގެ ރައުޔުގައި ވަނީ މިކަމުގައި މިނިސްޓަރުގެ ނިންމުމެއް ނެތި ކޯޓުން ގޮތެއް ނިންމުމަކީ ތަރުތީބު އޮޅޭނެ ސަބަބެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: