ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު މުއްސަނދިކަމެއް ނެތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރައީސް ވަނީ އެ ސަރަހައްދުގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓިގެން ނުދާނެކަމުގެ ޔަގީކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއިވެސް ބައްދަލުކުރައްވާފައިކަމަށާއި ދިމާވެފައިވާ މައްސަލަތަކާއި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުންވެސް ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރެވިގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އައްޑޫގައި ކުރުމަށް ކަނޑައެޅިފައިވާ ޖުމުލަ މަސައްކަތްތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުއްވާކަމަށެވެ. އެގޮތުން މިހާރު ފެށިފައިވާ މަސައްކަތްތަކާއި ކުރިއަށް ބަޖެޓު ކުރެވިފައިވާ މަސައްކަތްތަކަށްވެސް އިސްކަން ދީގެން ކުރިއަށް ގެންދާނެކަމުގެ ޔަގީކަން ދެއްވިއިރު، އެމަނިކުފާނުވަނީ މަސައްކަތްތައް ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
ރައީސް ވިދާޅުވީ، މަސައްކަތްތައް ކުރެވޭނީ ތަރުތީބުކޮށްލުމަށްފަހު އަހަރުގެ ތެރެއަށް ބަހާލައިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުވެސް ގައުމު އޮތީ މަލީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ އަދަދު 120 ބިލިއަނަށްވުރެ އިތުރުކަމަށާއި ސަރުކާރަށް ވެރިކަމާއި ހިސާބަށް ވާސިލުވި އިރު ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު އޮތީ ނުތަނަވަސް ހާލަތެއްގައިކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު މިހާލަތަށް ވެއްޓިގެންދިއުމުގައި އިހުމާލުތައް ވެފައިވާ ފަރާތްތަކުން މިއަދު އެފަދަ ހާލަތެއް ނެތްކަމަށް ސިފަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ހައިރާންވެވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ހަވާލުވިއިރު 120 ބިލިއަނަށްވުރެ ދަރަނި އިތުރުކަމަށާއި އިގްތިސާދު އޮތީ މީގެން ޒަމާނެއްގައިވެސް ނުވާ މިންވަރަށް ހީނަރުވެފައިކަމަށެވެ.
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނު ނަގަމުންދިޔަކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މައްސަލައަކީ ލޯނު ނެގުން ނޫންކަމަށާއި ސަރުކާރުތަކަށް މަސައްކަތްތައް ކުރެވޭނީ އެކި އެކި ފަރާތްތަކުން ފައިނޭންސިންގް ހަމަޖެހިގެންކަމަށް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް ރައްޔިތުންނާއި ގައުމަށް މަންފާތަކެއް ލިބިގެންދާ ގޮތަށް އެ މަސައްކަތްތައް ކުރުން ތަފާތުކަމަށާއި މިދިޔަ ދައުރުގައި ލޯނުތައް ނަގާފައި ހުރީ އެފަދަ ފައިދާ ވާ ފަދަ ގޮތަކަށް ނޫންކަމަށް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ނެގި ލޯނުތަކުން ހިންގަމުންދާ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ވެގެންދާ ފައިދާތަށް ”ވަރަށް ކުޑަ“ ކަމަށެވެ. ރައީސް ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީވެސް ލޯނާއި ހިލޭ އެހީ މެދުވެރިކޮށް އަޅާފައިވާ ބުރިޖެއްކަމަށްވާއިރު އެ މަސައްކަތްތައް ކުރި ދުވަސްވަރު ރައްޔިތުންނަށް މާލީ މަންފާތައް ހާސިލުކުރެވިގެންދިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެތައް ރައްޔިތުންނެއް މުއްސަނދިވެގެންދިޔަކަމަށާއި އެ މަޝްރޫޢު ހިންގި އިރު ކުދި ކުދި ކަންކަމުން ފެށިގެން އެކި ދާއިރާތަކުގެ މަސައްކަތްތަކުގައި ޝާމިލުވުމަށް ރާއްޖޭގެ ކުންފުނިތަކަށް ފުރުސަތު ލިބިގެންދިޔަކަމަށާއި އެ ސިޔާސަތަކީ ލޯނު ދޫކުރާ ފަރާތުން ކަނޑައަޅާ ސިޔާސަތެއްކަމަށް ހިއްސާކުރެއްވިއެވެ.
އެހެންނަމަވެސް މިދިޔަ ފަސް އަހަރު ދުވަހު ނެގުނު ލޯނުތަކުގައި ސިޔާސަތު އޮތީ އޮގޮތަށް ނޫންކަމަށާއި މޮހޮރެއްވިޔަސް ހޯދަންޖެހޭނީ ލޯނު ދޫކުރި ގައުމުންކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކުން ދިވެހި ރައްޔިތުންނަށް ލިބުނު މުއްސަނދިކަމެއް ނެތްކަމަށެވެ.

