އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކުގައި އެއްބަސްވުމަކާއި ހިސާބަށް އާދެވިފައިވުމަކީ ކާމިޔާބީއެއްކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވާންޖެހޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގައި ފޭދޫ އަދި ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒުވަނީ ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ މައްސަލައާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެގެން ކުރައްވާނެ އެންމެ ފުރަތަމަ އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތްތައްކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުން އެދިވަޑައިގެންނެވި ގޮތުގެ މަަތިން ރާއްޖޭގައި ބޭރު ގައުމުގެ ސިފައިން ތިބި ތިބުން ނިމުމަކަށް ގެނެސްދެއްވާނެކަމަށް ވިދާޅުވިކަމަށާއި އެކަމަކީ ޑިޕްލޮމެޓިކް ރިވެތި އުސޫލުތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު މަޝްވަރާތައް ކުރެވިގެން ކުރެވޭނެ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއީ އެއްވެސް ހާލަތެއްގައި އެނޫން ބީދައަކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި ކޮންމެ ގައުމަކުންވެސް އަނެއް ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް ގަބޫލުކުރާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބަވަނަވެފައިވާ މި ދުނިޔޭގައި އެ ނޫން ގޮތަކަށް އޮޕަރޭޓުކުރާނެ ގައުމެއް ނޯންނާނެކަމަށެވެ.
ރައީސް ވިދާޅުވީ، ގިނަ ގައުމުތައް އޮޕަރޭޓް ކުރާނީ އެގޮތަށްކަމަށެވެ. އެހެންކަމުން ސަރަހައްދީ ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮންނަން އެދޭ ބައެއް ނަމަ އެ ގައުމެއްގެ ޑިމޮކްރެޓިކް ނިންމުތައް އޮތީ ކޮން ގޮތަކަށްތޯ ދެނެގަތުމަށް މަސައްކަތްކުރާނެކަމަށާއި އެއާއި އެއްގޮތަށް އެގައުމަކުންވެސް ފުރުސަތު ދޭންވާނެކަން ގަބޫލުކުރާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް ފުރަތަމަވެސް ފެށީ އެ ހަމަތަކުގެ މަތީގައިކަމަށާއި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު އެ ގައުމުގެ އާތް ސައެންސް މިނިސްޓަރ ކިރަން ރިޖީޖޫއަށް ރައްޔިތުންގެ އެދުންތައް ހިއްސާކުރެއްވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާއި އެއްތަށްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތްތައް އެދުވަހު ފެށި ގޮތަށް މިއަދާއި ހިސާބަށް އާދެވުނު އިރު ކާމިޔާބު މަންޒިލަކާއި ހިސާބަށް ވާސިލުވެވިފައިވާކަމަށެވެ. އަދި މިހާރު ވެފައިވާ އެއްބަސްވުންތައްވަނީ ލިޔެކިއުމަށް ތިރިކުރެވި ސޮއިކުރެވިފައިކަމަށާއި ތާރީހުތަކެއްގެ މައްޗަށް އެއްބަސްވެސްވެފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެވަރުގެ ކާމިޔާބީއެއް ހާސިލުކުރެވުނުކަމަށްޓަކައި ދިވެހި ރައްޔިތުން އެކަމަށްޓަކައި ފަހުރުވެރިވެސް ވާންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތަކަކީ ރައްޔިތުން ކުރަމުންދާ މަސައްކަތެއްކަމަށާއި އެއީ ރައްޔިތުންގެ ނިންމުމެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެކަމަށް ނިންމީ ރައްޔިތުންކަމަށާއި އެމަނިކުފާނަށް ތަންފީޒީ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރައްޔިތުން އެކަންކަން ކުރައްވާނެކަމަށް އިތުބާރުކުރާތީކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދުވެސް ހުންނެވީ އެންމެ ފުރަތަމަ ދުވަހުވެސް ހުންނެވި ޔަގީންކަމުގެ މަތީގައިކަމަށާއި އެ މަސައްކަތްތައް ކާމިޔާބުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

