ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު ފަސްކުރުމުގެ ބިލު ތަސްދީގު ނުކުރާނެކަމުގެ އިޝާރާތެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭތީ ގާނޫނަށް ގެނައި އިސްލާހު ކުރި ބިލު ތަސްތީގު ނުކުރައްވައި ވޯޓުލުން އަންނަ މަހުގެ 17 ގައި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅައި، މަޖިލީހުން އެގޮތަށް ފާސްކުރީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. އެ އިސްލާހުގައި ވަނީ، ރޯދަ މަހަށް އިންތިހާބު ދިމާވާނަމަ، 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

މި ބިލު ފާސް ކުރިއިރު ރައީސް މުއިއްޒު ހުންނެވީ ދުބާއީ ދަތުރުފުޅުގަ އެވެ. އެއަށް ފަހު ރާއްޖެ ވަޑައިގެން މިހާރު ދެކުނަށް ކުރައްވާ ދަތުރުފުޅު ފެއްޓެވިއިރު، އަށް ދުވަސްވީއިރު ވެސް ރައީސް ބިލު ތަސްދީގު ނުކުރައްވަ އެވެ.

އިންތިހާބުގެ ތާރީހެއް ކަނޑައެޅޭނީ، ރައީސް ބިލު ތަސްދީގު ކުރެއްވުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް އައްޑޫ ހުޅުދޫ – މީދޫ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އަންނަ މާޗު މަހު ބާއްވާ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަށް އެދޭ ކަމަށެވެ.

ބިލު ތަސްދީގު ނުކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ކުރެއްވިއިރު، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްވާތާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ވާނެކަމަށެވެ. އަދި ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރަންވާނެކަމަށް ވަނީ ބުނެފަ އެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުވަން ވާނެކަމަށެވެ.

އެ މާއްދާގެ (ށ) ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެކަމަށް އެ މާއްދާގެ (ނ) ގައި ބުނެ އެވެ.

91 . ބިލު ތަޞްދީޤުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން
(ހ) ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ   ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް  އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.

ގާނޫނުގައި ބުނާ މުއްދަތަށް ބަލާއިރު، 15 ދުވަސް ހަމަވާނީ މާޗު މަހުގެ 03 އަށެވެ.

ރޯދަ މަހު އިންތިހާބު އޮންނާތީ، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެކަމުގައި ގޮތެއް ނިންމުން އޮތީ މަޖިލީހުގެ އަތްމަތީ ކަމަށެވެ. އަދި އެކަން ގައުމީ ލަފާދޭ ކޮމިޓީގައި ފާހަގަކޮށް ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ކުރީ ރޯދައަށް ފަހު އިންތިހާބު ބޭއްވުމަށެވެ. އެއީ ވޯޓުލާން ނިކުންނާނެ މީހުންގެ އަދަދު ދަށްވެދާނެކަމަށް ބެލެވޭތީ އާއި، އާންމު އާދަތަކާދަތައް ހުންނަ ގޮތުން ރޯދަ މަހު އެހެންކަމެއްގައި މަސްއޫލުވެ އުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ފެންނާތީ އެވެ.

އޭރު އެކަމަށް ސަރުކާރުގެ މައި ދެ ޕާޓީ ވެސް ތާއީދުކޮށް ވާހަކަ ދެއްކިއިރު، ފަހުން މަޖިލީހުގައި ވޯޓާއި ހަމައަށް ދިއުމުން މެމްބަރުން ވޯޓު ދިނީ ބިލާ ދެކޮޅަށެވެ. އަދި ކޮމިޓީ ރިޕޯޓަށް ވެސް އެ ބައްދަލުވުބުމުގައި ސަރުކާރު މެމްބަރުން ވޯޓު ނުދެއްވަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: