އެސްޑީއެފްސީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންހެނުނަށް ހާއްސަ ފައިނޭންސިންގް ޕްރޮޑަކްޓުތަކެއް ތައާރަފްކޮށްފިއެވެ.
އެސްޑީއެފްސީއިން ހިއްސާކޮށްފައިވާގޮތުން އަލަށް ތައާރަފްކޮށްފައިވަނީ ދެ ފައިނޭންސިންގް ޕްރޮޑަކްޓެއްކަމަށާއި ދެވިފައިވަނީ ”ފަށާ މަދަދު ލޯނު“ އަަދި ”ފަށާާ މަދަދު ލީޒިންގް“ ގެ ނަންކަމަށް ހިއްސާކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ދެ ޕްރޮޑަކްޓަކީ ވިޔަފާރި ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕްރޮޑަކްޓުތަކެއް ކަމަށެވެ. އަދި މިކަމުގެ ތެރެއިން ވިޔަފާރިތައް ފުޅާކުރުމަށާއި ފެށުމަށް ބޭނުންވާ މާލީ އެހީ ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
އެސްޑީއެފްސީއިން ބުނެފައިވާގޮތުން ”ފަށާ މަދަދު ލޯނުން“ ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް މާރޗް 03 ވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް ”ފަށާ މަދަދު ލޯނަށް“ އެދި ހުށައެޅޭނެކަންވެސް ފާހަަގަކޮށްފައިވެއެވެ.
އެ ކުންފުނިން ތައާރަފްކުރި އަނެއް ޕްރޮޑަކްޓުކަމަށްވާ ”ފަށާ މަދަދު ލީޒިން“ ސްކީމްގެ މަޤްސަދަކީ، ދިވެހި ކަނބަލުންގެތެރެއިން އަމިއްލަ މަސައްކަތް ކުރާފަރާތްތަކާއި، ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުންކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ އިންތިޒާމުތައްވެސް މާޗު މަހުގެ ތެރެއަށް ކުރެވިގެންދާނެކަން ހާމަކޮށްފައިވެއެވެ.

