ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު އޮތީ ހާލުގަ، އެސްޑީއެފް ފައިސާ ވެސް މާރުކޮށްލީ ކުރީ ސަރުކާރުން: ރައީސް

ރައީސް ކެބިނެޓް ބައްދަލުވުމެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ގޯސްކޮށްކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ބޭރުގެ ބޮޑު ދަރަންޏެއް ވާރުތަ ކުރުވާފައި ދިޔަ ކުރީގެ ސަރުކާރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ޑޮލަރު ދައުރުވާ މިންވަރު ދަށްވެ، ޑޮލަރުގެ ބޮޑު ކަޅު ބާޒާރެއް ވެސް ވަނީ އުފެދިފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑު ލިމިޓޭޝަނެއް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ފެތުރުނެވެ. އެކަމަކު އެ ވާހަކަތައް އެ ބޭންކުން ދޮގު ކުރި އެވެ. މިއާއި އެކު ދެން ދެކެވިފައި ވަނީ އިގްތިސާދީ ހާލަަތު ދަށްވެ، ވަރަށް ބޮޑުތަނުން ގޯސްވެފައި ވާތީ ރާއްޖެ އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެެރިވާން އުޅޭކަމަށެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ ވާހަކަ ދައްކާއިރު މިއީ ފަސޭހަކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ ސަރުކާރުން ވާރުތަވެގެން އައި ބޮޑު އަދަދެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ ތެރޭގައި ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތަކާއި، އެކި އިދާރާތަކާއި ވުޒާރާތަކުން އާންމު ރައްޔިތުން މެދުވެރިކޮށް އެކިއެކި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާ ހިމެނޭ ކަމަށެވެ.

އިގްތިސާދު ހަރުދަނާވިހާ އަވަހަކަށް ޑޮލަރުގެ ދަތިކަމަށް ހައްލު ގެނެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. ނޮވެމްބަރި 17 ގައި ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ހުރި ގޮއެތުންޖެހުންތައް ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު އެ ދުވަހު އިއުލާނު ކުރިން 120 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތޭ.. އަދި އެތެރޭގެ ދަރަނި ނުވަތަ ރައްޔިތުންނަށް، ދައްކަން ހުރި ބިލުތައް ނުވަތަ ސަރުކާރުން އެކިކަހަލަ އިދާރާތަކުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުންނާ މިނިސްޓްރީތަކުންނާ، އާންމުން ލައްވައި ކުރުވާފައި ނުދީ ހުރި ފައިސާތައް 9 ވަރަކަށް ބިލިއަނަށް އެބައަރާ.. މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު ތިބޭފުޅުންނަށް ނުދީ އޮތް ނުވަހާސް މިލިއަން ރުފިޔާ އެބައޮތް.. ދެން މިދައްކަނީ، އަޅުގަނޑުމެން ފައިސާ ނުސައކާ ވާހަކަ.. އަޅުގަނޑުމެން މި ދަނީ މި ފައިސާ ވެއް ދައްކަމުން.. އެހެންވީމަ ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ހާލުގަ

ރައީސް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތައް ހައްލު ކުރުމަށް، ސަރުކާރުން އެޅި އެންމެ މުހިންމު އަދި ހަރުދަނާ ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށެވެ. ބައިނަލްއަޣުވާމީ އެތައް މާލީ އިދާރާތަކުން މިއީ ގޯސްކަމެއްގެ ގޮތުގައި ފާހަގަކުރަމުން އައިކަމަށާއި، މިއީ އާދައިގެ ވާހަކަތަކެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނާއި، ފައިނޭންޝިއަލް ސެންޓަރުތައް ގާއިމު ކުރުމާއި އަދި ތެލަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން އިޔާދަ ކުރުވަނި ހަކަތައިގެ މަސައްކަތްތައް ފަށައިގަންނައިރު ކުރަން ހުރީ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ، ބޭރުގެ ދަރަނި ދައްކަން އޮތް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ޑޮލަރު މިދިޔަ ސަރުކާރުން އެއްކޮށް ހުސްކޮށްލިކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރޭގައި، އެ ފަންޑު ހިމާޔަތް ކުރުމުގެ ގޮތުން ހުށަހެޅުނު ބިލު ފާހަގަކުރެއްވި އެވެ.

އައު އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް އަލިއަޅުވާލެއްވި ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދާއި ދަރަނި ހިމެނެ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހު ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުގެ ސަބަބުން އިންތިހާއަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކަތީގެ އަގު އުފުލިގެން ދިއުން ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން ބައިވެރިވެވަޑައިގެންނެވި އެކި ޖަލްސާތަކުގައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދެ މަސް ނުވަތަ ތިން މަސް ދުވަހަކީ ދަތި ދުވަސްތަކަކަށް ވެދާނެ ކަމަށެވެ. އަދި ރަށްތަކުގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް ރަނގަޅު ގޮތުގައި ތަރުތީބު ކުރެވިގެން ކުރިޔަށް ގެންދިއުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: