ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ހިމަނައިގެން ސަރުކާރުން ނެރެެފައިވާ ހަފްތާ-14 މަގުޗާޓްގެ އިޤްތިޞާދާއި ތިމާވެށީގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާ މުހިއްމު ދެ ވަޢުދެއް އެމިނިސްޓްރީން ތަންފީޒުކުރަން ފަށައިފިއެވެ.
ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވާ މި ދެވަޢުދަކީ ”ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް ތަންފީޒުކުރަން ފެށުން“ އަދި ”އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި ނައްތާލުމުގެ މަސައްކަތުގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބައިވެރިމުގެ ފުރުސަތު ހުޅުވާލުން“ މި ދެވަޢުދެވެ. މި ދެ ވަޢުދުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖްކުރުމުގެ ޤައުމީ މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި އެމިނިސްޓްރީންވަނީ ”މަގޭ ސާފު ރާއްޖެ“ ނަމުގައި ޕްރޮގްރާމެއް އެކުލަވާލާފައެވެ. މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށާއި ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވާ ކުނި މެނޭޖްކުރުމާއި ގުޅުންހުރި ދެ ވަޢުދު ތަންފީޒުކުރަން ފެށުމަށްޓަކައި އިއްޔަ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަލްފާޟިލާ ސާޖިދާ މުޙައްމަދެވެ. މިރަސްމިއްޔާތުގައި އެކަމަނާވަނީ ”މަގޭ ސާފު ރާއްޖެ“ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާފައެވެ.
ފަސް އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް އެކުލަވާލާފައިވާ މި ޕްރޮގްރާމްގައި ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި އެތަންތަނަށް ބޭނުންވާ ކުނި މެނޭޖްކުރާ އާލާތްތައް ފޯރުކޮށްދިނުމުގެ އިތުރުން ރަށުތެރޭގައި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން ހިމަނާފައިވެއެވެ. އަދި މީގެ އިތުރުންވެސް ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާނެ ނިޒާމްތައް ގާއިމުކުރުމާއި، ކުނި މެނޭޖްކުރުމާއި ގެޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ރަށު ފެންވަރުގައި ގާއިމުކުރަމުންދާ ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ހިންގާ ބެލެހެއްޓުމަށް ރަށު ކައުންސިލްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ބޭނުންވާ ތަމްރީން ދިނުމަށްވެސް ”މަގޭ ސާފު ރާއްޖެ“ ޕްރޮގްރާމްގައިވަނީ ހިމަނާފައެވެ.
އިއްޔަގެ ރަސްމިއްޔާތުގައި، މަގޭ ސާފު ރާއްޖެ ޕްރޮގްރާމްގެ ދަށުން އެކުލަވާލާފައިވާ ގައުމީ މަޝްރޫޢު ތަންފީޒުކުރަން ފެށުމުގެ ގޮތުން ރަށުތެރޭގައި ކުނި އުފުލުމަށް ބޭނުންކުރާނެ ވެހިކަލް 48 ރަށެއްގެ ރަށު ކައުންސިލްތަކާ އެމިނިސްޓްރީންވަނީ ހަވާލުކޮށްފައެވެ. މި ވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި އެމިނިސްޓްރީން ހިންގަމުންދާ މަޝްރޫޢެއްގެ ދަށުން މިކަމަށް ޖަޕާންގައި ތައްޔާރުކޮށްގެން ގެނެސްފައިވާ ވެހިކަލްތަކެއް ކަމުގައި އެމިނިސްޓްރީން މަޢުލޫތުދެއެވެ. މިވެހިކަލްތައް ރަށުކައުންސިލްތަކާއި ޙަވާލުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީންވަނީ މިނިސްޓްރީއާއި ހަމަ މިރަސްމިއްޔާތުގައި ޙަވާލުކޮށްފައެވެ. އެގޮތުން މިތަކެތި އެމިނިސްޓްރީއާއި ހަވާލުކުރީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި އެވެ. އަދި މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ޙަވާލުވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވަނީ އިއްޔައަކީ ރާއްޖޭގައިި، ދިވެހި ސަރުކާރަކުން ފުރަތަމަ ފަހަރަށް ކުނި މެނޭޖްކުރުމުގެ ޤައުމީ މަޝްރޫޢެއް އެކުލަވާލާ ތަންފީޒުކުރަން ފެށި ދުވަސްކަމުގައި ވިދާޅުވެ އެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ވަރަށް ޚާއްޞަ ދުވަހެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ކުނި އުފައްދާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ މިހާރު އުފައްދާ ކުނީގެ އުކާލާ މިންވަރު 50 އިންސައްތައަށް ކުރިއަށް އޮތް 10 އަހަރުތެރޭ މަދު ނުކޮށްފިނަމަ މިކަމުގެ ސަބަބުން އަންދާޒާކުރަންވެސް ދަތި ތިމާވެށްޓަށާއި އިންސާނުންގެ ސިއްޙަތަށް ނުރައްކާވެދާނެ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ރަށްރަށުގެ އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި ނައްތާލުމުގެ މަސައްކަތުގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބައިވެރިމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމުގައެވެ. އަދި މީގެ އިތުރުންވެސް މާލޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ދެމުން އަންނަ ބައެއް ޚިދުމަތްތަކުން ނަގަމުންދާ ފީތަކަށް ސަރުކާރުން ބަދަލުގެނެސްފައިވާ ކަމުގައިވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭގެ ވޭސްޓް ޓްރާންސަފަރ ސްޓޭނަށް ގެންދާ ކުންޏަށް ވެމްކޯ އިން ނަގަމުންދާ ފީތައްވަނީ ކުޑަކޮށްފައެވެ. އަދި މާރިޗު މަހުގެ 1 ން ފެށިގެން ވެމްކޯއިން މިއަށް ޢަމަލުކުރަން ފަށާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބެސެޑަރވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޖަޕާންއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމުގައިވަނީ ވިދާޅުވެފައެވެ.

