ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރުގައި ބައެއް ރަށްރަށުގައި އެ ރަށަކަށް ބޭނުން ނުވާ ވަރުގެ ބޮޑެތި އިންޖީނުގެތަކާއި ޔުޓިލިޓީ ކުންފުނިތަކުގެ އޮފީސްތައް އަޅާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 500-1000 ހަމަނުވާ އާބާދީ ހަމަނުވާ ރަށްރަށުގައި ވެސް އެ ރަށްރަށަށް ބޭނުން ނުވާ ވަރުގެ ބޮޑެތި ޔުޓިލިޓީ ކުންފުނީގެ، ހާއްސަކޮށް ފެނަކައިގެ ބޮޑެތި އޮފީސްތައް އެޅި އަދި އެ ރަށްރަށަށް ބޭނުން ނުވާ ވަރުގެ ބޮޑެތި އިންޖީނުގެތައް އަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ އިންފްރާސްޓްރަކްޗާ އެއްކޮށް ނުނިމި އެތަނަށް ބޭނުންވާ އިންޖީނުތަކާއި އެހެން ވަސީލަތްތައް ލިބިފައެއް ނެތް. އެގޮތުން މިކަހަލަ 60 ވަރަކަށް ޕްރޮޖެކްޓް ހިންގާފައި ވަނީ. މީގެ ތެރެއިން ގިނަ ޕްރޮޖެންޓައް ވަނީ ނުނިމި
މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖޭން ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަނާއި ޖަނަރޭޝަންގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވީ ނަމަވެސް، މިދިޔަ ސަރުކާރުގައި ދުރާލައި ރޭވުމެއް ނެތި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ސަބަބުން އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ކޮށްފައި ވަނީ ބާޒާރުގެ އަގުތަަކަށްވުރެ ގާތްގަނޑަކަށް 114 އިންސައްތަ މަތިކޮށް ކަމަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޭބަލް އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ އެހެން ސާމާނު ވެސް އެ ވަގުތަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޮޑު އަގުގައި ކޮންޓްރެކްޓްކޮށް އެޑްވާންސްގެ ގޮތުގައި 15 ނުވަތަ 20 އިންސައްތަ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔުގައި ނާޅައި އެފަދަ ކޮސްމެޓިކް ހަރަދުތައް ކުރުމުގެ ސަބަބުން އެކަށީގެންވާ މިންވަރުގައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ އިތުރުން، ނިމިފައި ހުރި ތަންތަނަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ހަމަނުވާއިރު ހިންގި މަޝްރޫއުތައް ހިންގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

