ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް 2.3 މިލިއަން ގަސް އިންދާފައިވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަރީފު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝަރީފް ވިދާޅުވީ، މި ސަރުކާރު ދެބައިވިއިރު ގާތްގަނޑަކަށް 5 މިލިއަންގެ ދެބައިކޮޅު އެއްބަޔަށް މިހާރު ވާސިލުވެފައިވާ ކަމަށެވެ. އެގޮތުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ދެބައިވެފައިވާއިރު 2.3 މިލިއަން ގަސް މިހާރު އިންދާފައިވާ ކަމަށެވެ.
ރާއްޖެއަށް ގަސް އެތެރެކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރާއްޖޭގައި ނާސަރީ ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 20 ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށް، ފުރަތަމަ ބުރުގެ 10 ރަށެއްގައި އަމަލީ މަސައްކަތް ފަށާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ރ. އިންނަމާދޫގައި ނާސަރީގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދާކަމަށާއި ބާކީ 9 ރަށުގެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ނާސަރީގެ 30 އިން ސައްތަ މަސައްކަތް ނިމިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި އެ ނާސަރީއާ ހަވާލުވާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތަރައްގީކުރެވޭ ނާސަރީތަކުގެ ސަބަބުން ކޮންމެ ނާސަރީއަކުން އަހަރަކު 5000 ގަސް އުފެއްދޭނެކަމަށް ލަފާކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.
2024 ވަނަ އަހަރު ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި މިހާތަނަށް ގަސް އިންދުމަށް ފެށި އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމެވެ.

