ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ބޯހަރު ސަރުކާރެއް، ރައްޔިތުންނަށް ދޮގު ހަދައި ވަނީ އޮޅުވާލާފައި: ރައީސް ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާއިރު ބަލަންތިބުމަކީ ދިވެހިންނަށް އޮތް ގޮތެއް ނޫންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 17 ގައި އޮތް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗިންއަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ތިން މަހެއްގެ ތެރޭގައި ތަފާތު ތަޖުރިބާތަކެއް ކުރިމަތިލާން ޖެހުކަމަށެވެ. އެކަމަކު އެއީ ކޮންމެހެން ޕާޓީއަށް އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި ބުނެވެން ނެތްކަމަށާއި، ސަރުކާރު ބަދަލުވެގެން ގޮސް ހެޔޮ ވެރިކަމެއް ގެއްލިގެން ދިއުމުގެ ދަތި ރައްޔިތުންނަށް ލިބުމުގެ ނިކަމެތިކަން އެހެން ނަމަވެސް އިހުސާސް ކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވުމަށް މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ ގާތުގައި އަބަދުވެސް ދެމި އޮތް ޕާޓީއެއް ކަމަށެވެ. އަދި ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރި، ޕާޓީއަކީ ވެސް އެމްޑީޕީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އިންތިހާބު އެމްޑީޕީއަށް މުހިންމުވަނީ މި ސަރުކާރުން ދޮގު ހަދައި އޮޅުވާލާތީ، ސަރުކާރު އަޅުގަނޑުމެން ހަމަ މަގަށް ނާޅުވައިފިއްޔާ މާދަމާވެސް ދޮގު ހަދައި އޮޅުވާލާނެ

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައި އެތައް ދޮގު ވައުދުތަކެއް ވެގެންކަމަށާއި ގައުމު އޮޔާދާ މަންޒަރު ބަލަން ތިބެވެން ނެތް ކަމަށެވެ.

މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައި ހުރި ފްލެޓުތަކަށް ވާގޮތެއް ނޭނގި ރައްޔިތުން ވާނުވާއެއްގެ ތެރޭގައި ތިބެން ޖެހުމެވެ.

މިއީ މަޖިލިސް އިންތިހާބު ސަރުކާރަށް ނުދޭން ޖެހޭ އެތައް ސަބަބުތަކެއްގެ ތެރެއިން، މަދު ސަބަބެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމުގެ ހާލަތު އެންމެނަށް ވެސް އިހުސާސް އެބަކުރެވޭ… ބަލާކަށް ނުތިބެވޭނެ.. މިސްރާބު ކަސިޔާރުވެ، ހަމަ މަގުން ނައްޓާލައިފި.. ދޮގު ހަދައި ވަނީ ރައްޔިތުންނަށް އޮޅުވާލާފައި..

މިއީ ބޯހަރު، ގޮތް ދޫނުކުރާ ސަރުކާރެއްކަމަށް ސިފަ ކުރައްވައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްވަމުން ގެންދަވަނީ ފުލޯކު ވާހަކަތަކެއް ކަމަށެވެ. ރައީސް މުއިއްޒު އަމަލު ކުރައްވާ ގޮތުން މިއީ އެހެން ރާއްޖެއެއް ނުވަތަ އެހެން ގައުމެއް ހެން ވެސް ހީވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސުޕަ މެޖޯރިޓީއަކާއި އެކު އެމްޑީޕީ މި ދައުރުގެ މަޖިލީހަށް އިންތިހާބުވެގެން އައި ނަމަވެސް ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކުން އުފެދުނު ޑިމޮކްރެޓްސް ޕާޓީއާއި އަދި އެއަށް ފަހު ސަރުކާރާއި ގުޅުމަށް 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން އަދަދު ވަނީ 55 އަށް ވެއްޓިފަ އެވެ. އެހެންވެ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެދުމަކީ އެބޭފުޅުން މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީގައި ދެމިތިބުންކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ދާއިރާގެ ވޯޓުދޭ އާންމު ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަށް ވާނެކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން މަޖިލީހަށް ހުށަހަޅާނެކަމަށް އެމްޑީޕީން ބުނާ އެންޓި ޑިފެކްޝަން ބިލު ފާސްކޮށް ދޭން ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. އެ ނޫނީ ގައުމުގެ މިސްރާބު ގެއްލި، ފުރޮޅިގެން ހިނގައިދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: