ކައުންސިލް އިދާރީ މުވައްޒަފުންނަށް މުސާރައިގެ ކުރި އެރުންތައް ލިބޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ނ.މަނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށްވާ، އެ ރަށު، ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިތުރަށް ތައުލީމް ހާސިލްކުރި މިންވަރަކުން ކައުންސިލް އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާތީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދޭކަން ޢައްޒާގެ ސުވާލުގައި ފާހަގަކޮށްފައިވެއެވެ. ރައީސް ވިދާޅުވީ އެކަމިގެ މައިގަނޑު މައްސަލައަކީ މަޖިލީހުން އެކަން ކެޓަގަރައިޒް ކޮށްފައި އޮންނަ ގޮތްކަމަށެވެ. ކައުންސިލްތައް އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި އޮންނާތީ އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ބޭސް ސްޓްރަކްޗަރ ހަދާއިރު ކުރިއަށް އޮތްތާގައި މި މައްސަލައަށް ހައްލު ގެންނަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ވަރަށް ގާތުން ކައުންސިލް މުވައްޒަފުންގެ މަސައްކަތްތައް ދެކިފައި ހުރި މީހެއްގެ ހައިސިއްޔަތުން އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އިނގޭކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިކަމުގައި ގާނޫނީ މައްސަލަތަކެއް އަންނައިރު، މި މައްސަލައިގައި ސިވިލް ސަރވިސް އަދި ލޯކަލް ގަވަރމެންޓު އޮތޯރިޓީ (އެލްޖީއޭ) އާއިވެސް ހިޔާލު އެއްގޮތް ނުކުރެވިފައި ހުރި ކަންތައްތަކެއް އެބަހުރިކަމަށެވެ.
އެހެންކަމުން މަޖިލީހުން ގެންނަން ޖެހޭ އިސްލާހުތައް ގެނައިސް، މިކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، މި މަސައްކަތް ކުރެއްވުމުގެ މަސައްކަތް ކުރެއްވިންކަމަށެވެ. ގާނޫނުގެ މާއްދާތަކަށް ބޭނުންވާ ބަދަލުތައް ގެނައިސް މި މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

