ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އަދަދު 87 އިން ނެއްޓެން ނޭނގިގެން އުޅޭއިރު، މިހާރު ގެންގުޅެނީ އެމްޑީޕީގެ ބަސްމަގު: ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިހާރު ބޭނުން ކުރަމުން ގެންދަވަނީ އެމްޑީޕީގެ ސަރުކާރުގެ ބަސްމަގުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވާ ބޭފުޅުން ކޮންމެވެސް އެއް މޭރުމަކުން އިންޑިއާގެ ދިފާއުގައި ވާހަކަތައް ދައްކަވާއިރު ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއީ އިއްތިފާގެއް ނޫނެވެ. މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ދެއްކެވީ އަތޮޅުތެރެއަށް ކުރެވި ދަތުރުފުޅުގެ ތެރެއިން މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ރައީސް މުއިއްޒު އިންޑިއާއަށް ފާޑުކިއުއްވައި އެ ގައުމާއި ޖައްސާލައިގެން ނޫޅުއްވާކަމަށް ދެއްކެވި ވާހަކަފުޅާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ކުރެއްވި ތުހުމަތެވެ.

އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ ހަތަރު މަސްދޯންޏަކަށް އެރި މައްސަލައިގައި މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ރާއްޖެ – އިންޑިއާގެ ގުޅުން ގޯސްވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ހާއްސަކޮށް އިންޑިއާއާއި ރާއްޖޭގެ ގުޅުމާއި މެދު ހިތްހަމަނުޖެހި އެ ހުޅުގަނޑު ރޯކުރުމުގައި އިސްކޮށް ހުންނެވީ ވެސް ރައީސް ޔާމީންކަމަށް ވިދާޅުވި އެވެ.

އެ ދުވަހުގެ ޖަލްސާގައި ގާސިމް ވަނީ، އިންޑިއާ އައުޓްގެ ހަރަކާތަށް ވެސް ފާޑުވިދާޅުވެފަ އެވެ. މި ވާހަކަތަކަކީ، އެއީ އެއްވެސް ސަބަބެއް ނެތި ދެއްކެވި ވާހަކަތަކެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ސަރުކާރަށް ތުހުމަތުތަކެއް ކުރެއްވި އެވެ. އަދި ވިދާޅުވީ ސިޔާމް ވެސް ޖަލްސާއެއްގައި، އިންޑިއާގެ ދިފާއުގައި ވާހަކަ ދެއްކެވެމުން އަތް ޖައްސަވަން ހުރީ ރައީސް މުއިއްޒު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މި ސަރުކާރާ ވަކި ތަފާތެއް ނެތްކަމަށާއި އިންޑިއާގެ ސިފައިންގެ މައްސަލައިގައި ފަހަކަށް އައިސް ބަސްމަގު ހުރީ ހަމަ ދާދި އެއްގޮތަކަށް ކަމަށެވެ.

މިހާރު އެމްޑީޕީގެ ސަރުކާރުން އެތައް ވާހަކައެއް ދައްކާފައި މިބުނަނީ 87 ސިފައިންނޭ ތިބީ.. ދެން މި ސަރުކާރުން ވެސް މިބުނަނީ އާނ… 87 ސިފައިންނޭ ހަމަ ތިބީ… މި ސަރުކާރުން ވެސް ބުނީ ހަމަ އެމްޑީޕީގެ ސަރުކާރުން ބުނި އެއްޗެއް.. އެކަމަކު އެނގިލައްވާތޯ.. ފޭދޫގައި އެކަނި.. ޕޮލިސް އެކަޑަމީ ހަދާ ފޭދޫގައި އެކަނި އެބައުޅޭ އިންޑިއާ ސިފައިންގެ 200 މީހުން.. އެކިއެކި ނަންނަމުގަ އުޅޭ.. މި ސަރުކާރުން ބޭނުމެއް ނުވޭ އެ ރިވީލް ކުރާކަށް.. ހަނިމާދޫގައި އެއޮއްދަނީ ޖެޓު ޖައްސާވަރުގެ ރަންވޭއެއް ހަދަމުން..އެތަނުގަ އެބަތިބި އިންޑިއާ ސިފައިން..  ހައްދުންމަތީގަ އެބަތިބި.. ދެން ކީއްވެގެން ތޯ 87 ގަ އަޅައިގެން ނުނެއްޓިގެން މިއުޅެނީ.. އެ ޓެމްޕްލޭޓުން ނުނެއްޓިގެން ހަމަ މިއުޅެނީ.. ހަމަ އުތުރުތިލަފަޅު ދައްކާލަން… އެތަނުގައި ހިނގާ ކަންކަން ދައްކަން ހަމަ ނޫސްވެރިން ގޮވައިގެން ދާންވީ ނޫންތޯ..

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އިންޑިއާ – ރާއްޖެ ދެމެދު ކުރިޔަށް ދިޔަ ހައިލެވެލް މަޝްވަރާއަށް ފަހު މާ ތަފްސީލީ މައުލޫމާތުތަކެއް ހާމަ ނުކުރި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ދެމެދު މިހާރު މި މައްސަލައިގައި ލިޔެކިއުމުން އެއްބަސްވުމަަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެ ތާރީހުތަކުގައި ރާއްޖެ ދޫކޮށް ސިފައިން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ފޮނުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުންތަކެކެވެ. އެ މީހުން ރިޕޯޓު ކުރާނީ ކޮން ބަޔަަކަށް ތޯ އާއި، މަސައްކަތް ކުރާނީ ކޮން ގައުމެއްގެ އޯޑަރަށްތޯ ނޫސްވެރިން ކުރާ ސުވާލަށް އަދި ސާފު ޖަވާބެއް ނުލިބެ އެވެ. އެކަމަކު، ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުލަ ހެދުމުގައި ވިޔަސް ނުވަތަ، އެހެން ގޮތަކަށް ނަމަވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: