ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ހުކުމެއް އޮތީ ކުރީގެ ގަވައިދަށް، ފަހުން ގެނައި ބަދަލު ދެމި އޮންނާނެ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނުމުގައި އަމަލު ކުރާނެ ގޮތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ، ކުރީގެ ގަވައިދަށް ރިއާޔަތްކޮށްކަމަށާއި އެހެން ކަމުން ފަހުން ގެނައި ބަދަލާއި މެދު ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އެއަށް އަމަލު ކުރަން ޖެހޭނެކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން ރިޔާސަތުގެ ހުށަހެޅުމެއްގެ ގޮތުގައި، މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ހިމަނާފައިވާ މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާކަމަށާއި، އެކަމަކު މެމްބަރުން މައްސަލައިގައި ގޮތެއް ނިންމަން އެދޭ ކަމަށެވެ. އޭގެ ސަބަބަކީ އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދު ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ނުވާއިރު ކޯޓުން ގޮތެއް ނިންމީ އެހެން ގަވައިދަކަށް ވާތީ ކަމަށެވެ.

މައްސަލައިގައި ބަހުސަށް ހުޅުވާލުމުން އާޒިމް ވިދާޅުވީ މިއީ މަޖިލީހުގެ ތަޅުމުން ނިންމަން ޖެހޭ، ނިންމުމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ސާފު ނުވާކަމަށާއި ކަން ހިނގާފައިވާ ގޮތް އެހާ ރަނގަޅަށް ނޭނގޭކަމަށް އަސްލަމް ވިދާޅުވިއިރު ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތަކަކީ ކޮބައިކަން ލިޔެފައިވާ ކަމަށެވެ.

މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ސުޕްރީމް ކޯޓަށް ބަސް ބުނެވޭނީ، ގާނޫނުއަސާސީއާއި ހިލާފަށް ގެންނަ ގަނޫނެއް ނުވަތަ ގަވައިދެއްގެ މައްޗަށް ނުވަތަ ގާނޫނުގައި ބުނާ ވާހަކައެއް މާނަ ނުކުރެވުމުންކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު ހުށަހެޅި މައްސަލައަށް އިތުރު އިސްލާހެއް ގެނެވިފައިވާނެ ކަމަށެވެ. އެހެންކަމުން، ކޮމިޓީގެ އެ ބަދަލަށް ސުޕްރީމް ކޯޓުން ބެހެއް ނުބުނާހާ ހިނދަގު އަމަލު ކުރަން ޖެހޭނީ އެ ގަވައިދަށްކަމަށް އާޒިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މި ނިންމުން، ނިންމިއިރުގަ ހަގީގަތުގަ.. އަޅުގަނޑުމެން އޭގެ ފަހުން ކުރި ކަންތަކާ އެއްވެސް ގޮތަކަށް ގުޅުމެއް އޮތް ނިންމުމެއް ނޫން.. ގަވައިދު ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގައި މި މަޝްވަރާ ކުރެވެމުން ދަނިކޮށް.. އެހެންކަމެއް އަނެއްކާވެސް ފާސްކޮށް ނިންމާފަ.. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގަ.. އެ ނިންމުމާ އެއްގޮތަށް އަޅުގަނޑުމެން އަމަލު ކުރަމުން ދާން ވާނީ އަޅުގަނޑުމެން އަނެއްކާ ވެސް އެ ނިންމުމަށް ސުޕްރީމް ކޯޓުން އެއްޗެއް ވިދާޅުނުވާހާ ހިނދަކު..

އާޒިމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތެވެ. އެކަމަކު އެ މާއްދާގައި މިހާރު އެ ވާހަކައެއް ނެތްކަމަށާއި، ސުޕްރީމް ކޯޓުގައި މައްސަލަ ނިމިގެން ދިޔައިރު 242 ވަނަ މާއްދާއަށް އެ ވާހަކަތައް ބަދަލު ކުރެވުނު ކަމަށެވެ. މަޖިލީހުން ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.

އެ ބަދަލު ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ކުރިޔަށް ދާން ޖެހޭނީ ކޮމިޓީގެ ފަހުގެ ނިންމުމާއި އެއްގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: