ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހައި މަޖިލިސް މެމްބަރުންނަށް ގަދަ ބަސް ނުބުނެވޭނެ: ޝަރީފް

މަރަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ގުނުމުގައި އަމަލު ކުރާނެގޮތް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފައި ވަނިކޮށް އެ ނިންމުމަށް ގޮންޖަހައި ރައްޔިތުންގެ މަޖިލީހަށް ގަދަ ބަސް ނުބުނެވޭނެކަމަށް މަރަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާއި ހަވާލުވުމަށް ރައްޔިތުންގެ މަޖިލީހުން ހަތް މެމްބަރަކު އިސްތިއުފާ ދިނުމުން އެ ގޮނޑިތަކާއި މެދު އަމަލު ކުރާނެ ގޮތާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލައިގެ ތެރެއަށް ހިމެނި މާއްދާތަކުގައި ޖުމްލަ އަޣުލަބިއްޔަތަކީ 80 މެމްބަރުންކަމަށް އިސްލާހު ގެނައުމުން އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި، މަޖިލީހުގެ ޖުމްލަ އަދަދުތައް ގުނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ. އެކަމަކު ޖުމްލަ މެމްބަރުން ގުނާގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވައިދުގެ މާއްދާތައް މަޖިލީހުން ބާތިލުކޮށްފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ގާނޫނީ ހައްލެއް ހޯދައިދެވެން އެ ކޯޓަށް ނެތްކަމަށް ހުކުމުގައި ވެއެވެ.

ކޯޓުގެ ހުކުމާއި ދެކޮޅު ހަދައި އިއްޔެ މަޖިލިސް ތަޅުމުގައި ކުރި ބަހުސްތަކަށް ފަހު ތަޅުމުން ފާސް ކުރީ ޖަލްސާތައް ކުރިޔަށް ގެންދާނީ މެމްބަރުންގެ ޖުމްލަ އަޣުލަބިއްޔަތަކީ 80 ކަމަށް ބަލައިގެން ކަމަށެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މެމްބަރުންތައް ނިކުމެ ގާނޫނުއަސާސީއަށް ގޮންޖަހައި އެއްވެސް އިހުތިރާމެއް ނެތް ގޮތަށް އަމަލު ކުރަމުން ދިއުން ކުށްވެރި ކުރާކަމަށެވެ. ގާނޫނުއަސާސީއާއި ހިލާފުވަނީ ހަމައެކަނި އާންމު ރައްޔިތު މީހާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެކަނި ނޫންކަމަށާއި ގާނޫނު ހެދުމުގެ ބާރެއް އޮތުމުގެ މާނައަކީ ޝަރުއީ އެންމެ މަތީ ކޯޓުގެ ނިންމުމަކަށް ތަބައަ ނުވާނެކަމަށް ބުނެ ގަދަ ބަސް އިއްވުން ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލައި، ތިން ބާރު ވަކިކޮށްފައިވާ ނިޒާމު ހަރާބުކޮށްލުމަކީ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގައި މިއޮތް ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ މުގުރާލައި، ގާނޫނުއަސާސީއަށް ބޯ ނުލެނބުމަށް މި މަޖިލީހުން ނިންމި ނިންމުމަކީ، ގާނޫނުއަސާސީއާއި ތިން ބާރުވަކިކޮށްފައި އޮތް ނިޒާމާއި.. ނިޒާމު ހަރާބުކޮށްލުމަށް މި މަޖިލީހުން ނިންމި ނިންމުމެއް..

ސުޕްރީމް ކޯޓުގެ ނިންމުމަކަށް މަޖިލީހުން ގޮންޖެހިކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ، ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި ވިދާޅުވީ މައުޟޫއިން ބޭރުން ވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ތަޅުމަށް ހުށަހަޅާފައި އޮތް އެންޓި ޑިފެކްޝަން ބިލަށް ވާހަކަ ދެއްކެވުން ކަމަށެވެ.

އިއްޔެ މެމްބަރުން ކުރި ބަހުސްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތް ކަމަށެވެ. އެކަމަކު ކޯޓުން ހުކުމް ކުރިއިރު އެ މާއްދާގައި އެފަދަ ވާހަކައެއް ނޯންނާނެކަމަށް ވިދާޅުވި އެވެ. އޭރު މަޖިލީހުގެ އާންމު ކޮމިޓީން އޮތީ ހަމަ އެ ވާހަކަތައް 242 ވަނަ މާއްދާގެ 1 ވަނަ މާއްދާގައި ހިމަނާފަ އެވެ. އެހެންކަމުން ދެން އަނެއްކާވެސް ކޯޓުން ގޮތެއް ނިންމަން ޖެހޭނީ އެ މާއްދާއަށްކަމަށް މެމްބަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: