ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއާ ދެކޮޅަށް ނެރުނު ބަޔާން ބާތިލު ކުރަން އެންގި މައްސަލައިގައި އެލްޖީއޭ މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ!

ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންކުރެއްވި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެންގި މައްސަލައިގައި އެ އިދާރާގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ ވަޒީރުން ބައިވެރިވި އިރު އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދި އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވެފަ އެވެ. ސަރުކާރަށް އެމްޑީޕީން ޖެއްސުން ކުރާކަމަށް ކޮންމެ ޖަލްސާއެއްގައި ވެސް ރައީސް ތަކުރާރު ކުރެއްވި އިރު، ކެންދިކުޅުދޫއަށް އެމަނިކުފާނު ވަޑައިގެންނެވި ދުވަސް ދިމާވީ އިންތިހާބު ފަސް ކުރާ ބިލު ތަސްދީގު ނުކުރައްވާތީ މައްސަލަ އެންމެ ގޯސްވި ވަގުތާ އެވެ.

އެ ދުވަހު ކެންދިކުޅުދޫގެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވީ ރޯދައިގެ ކުރިޔަށް މަޖިލިސް އިންތިހާބު ބޭއްވުމަށް ނަމަވެސް އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދީ ޖެއްސުން ކުރީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އަދި އެމްޑީޕީއަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް އޮޕަރޭޓު ކުރަމުން ދާ، ޕަޕެޓުންތަކެއްކަމަށް ވެސް ސިފަ ކުރެއްވި އެވެ. ގާނޫނީ ވެރިކަމަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެ، މި ޖަލްސާގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ވެސް ވާހަކަ ދެއްކެވި އެވެ.

ޖަލްސާއަށް ފަހު އޭގެ ޖެހިގެން އައި ދުވަހު ރަށު ކައުންސިލުން ބަޔާނެއް އާންމުކޮށް ބުނީ، ރައީސް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައިކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކައުންސިލުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރުމުނަށް ރައްޔިތުން ދިޔަ ޖަލްސާއެއްގައި ސިޔާސީ ޕޯޑިއަމެއްގެ ކުލަ ޖެހި ދެއްކެވި ވާހަކަތަކަކީ ކެމްޕެއިން ކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއްކަމަށް ބަޔާނުގައި ވެއެވެ. އެ ބަޔާން މީޑިއާތަކުގައި ދައުރުވެފައި ވަނިކޮށް އެލްޖީއޭ އެންގީ އެއް ދުވަސް ތެރޭގައި ސިޓީ ބާތިލުކޮށް އެކަން އާންމުކޮށް އިއުލާނު ކުރުމަށެވެ. އަދި ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ގޯސްވެ، ކައުންސިލުން އަނެއްކާވެސް އެލްޖީއޭއަށް ރައްދު ދީ ތިން ސޮފުހާގެ ބަޔާނެއް ނެރުނުއިރު އޭގައި ވަނީ ކައުންސިލްތަކަކީ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. ބަޔާން ބާތިލު ކުރަން އެންގި މައްސަލައިގައި ރައީސް ވެސް ވާހަކަ ދެއްކެވިއިރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވީ އެކަމުގައި އެލްޖީއޭ އަމަލު ކުރީ ދިން ގާނޫނީ ލަފައާއި ހިލާފަށް ކަމަށެވެ. ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ ކައުންސިލްގެ ބަޔާނަށް އިންކުއަރީއެއް ނުހެދީ މައްސަލައިގެ ސީރިއަސްކަމަށް ބަލައިކަމަށާއި އެ ހުރިހާ މަސައްކަތަކަށް ވަގުތެއް ވެސް ނެތް ކަމަށެވެ.

އެކަމަކު އެލްޖީއޭގެ އެންގުން އޭނާ ވަނީ، ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް ވެސް ހުންނެވި އެ ޕްރެސްގައި ދިފާއު ކުރައްވާފަ އެވެ. އަދި ބަންޑާރަ ނައިބުގެ ލަފައަށް ދެކޮޅު ހަދާ މޭރުމަކުން ވާހަކަ ދެއްކެވި އެވެ.

މި މައްސަލައިގައި ވަގުތުން ލާމަރުކަޒީ ކޮމިޓީގެ މަޝްވަރާތައް ފެށިއިރު، މިހާރު ނިންމާފައި ވަނީ ކަން ހިނގި ގޮތް ބެލުމަށް އެލްޖީއޭގެ އިސްވެރިން ހާޒިރުކޮށް ސުވާލު ކުރުމަށެވެ. ކޮމިޓީގެ މުގައްރިރު، އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ އެ މައްސަލަ ބަލާނެކަމަށާއި ކައުންސިލްތަކަށް ބިރު ދައްކައި ބަޔާންތައް އަނބުރާ ގެންދަން ނޭންގޭނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: