ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަނީފްގެ ރުޅިގަނޑު އެމްޑީޕީއަށް؛ ”ދިޔަވަރު“ ނޫސް ހިންގަނީ ޝާހިދު އިސްވެ ހުރެ!

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބޭނުންވާ ގޮތަށް ބިލުތަކަށް ވޯޓު ނުދީ، ތަޅުން ދޫކޮށް ދާކަމުގެ ތުހުމަތުތައް ކުރެވިފައިވަނިކޮށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން އިއްވި އިރު، މެމްބަރުން ވިދާޅުވީ މިއީ ކޮންމެހެން ވެސް ގެންނަން ޖެހޭ ގާނޫނެއް ކަމަށެވެ. މި ސަރުކާރާ ގުޅުމަށް އެމްޑީޕީން 13 މެމްބަރެއް ވަކިވިއިރު އެމްޑީޕީގެ ތުހުމަތަކީ 20 ވަނަ މަޖިލީހުގައި ވެސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމެވެ. އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ގުޅުނު މެމްބަރުންނަށް ކުރާ ރިޝްވަތުގެ ތުހުމަތުތައް ތަކުރާރު ކުރިއިރު، ބައެއް މެމްބަރުން ވިދާޅުވީ ސީދާ ޕާޓީ ދޫނުކޮށް ވެސް އެމްޑީޕީ މެމްބަރުން ސަރުކާރު ބޭނުންވާ ގޮތަށް ބިލުތަކާ މެދު އަމަލު ކުރަމުން ގެންދާކަމަށެވެ. އެގޮތުން މުހިންމު ބިލުތަކަށް ވޯޓަށް އަހާ ގަޑިތަކުގައި އެކި އުޒުރުތައް ދައްކައި ތަޅުމުން ބޭރަށް ދާ އެއް މެމްބަރަކީ ސަނީފްކަމަށް ތުހުމަތު ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މި ތުހުމަތުތަކަށް ދިން ރައްދުގައި ސަނީފް ވިދާޅުވީ، އޭނާގެ ބޮލުގައި އެ ވާހަކަތައް އެޅުވުމުގައި އަޑީގަ ހުންނެވީ ޑިމޮކްރަސީގެ އުސޫލެއް ނެތި، ވޯޓަކާ ނުލައި އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވި ޝާހިދު ކަމަށެވެ. ހިތްހަމަނުޖެހި ހުންނަވައި ސަނީފް ވިދާޅުވީ އެންޓި ޑިފެކްޝަނުގެ ގާނޫނު އެކުލަވާލައި ހަރުކަށި އުސޫލުތައް ގެނައުމުގެ ކުރިން ހަރުދަނާ ކުރަންވީ ޕާޓީތަކުގެ ގާނޫނު ކަމަށެވެ.

އެއާއި ހިލާފަށް މަސައްކަތް ކުރާނަމަ ސަނީފް ވިދާޅުވި ގޮތުގައި، ޕާޓީތަކުގެ ވެރިންގެ ގޮތުގައ ތިބޭ މީހުން އެއީ އެއްވެސް އިތުބާރެއް ނެތް އަދި ރައްޔިތުންގެ އެއްވެސް އިހުތިރާމަކާއި ގަދަރެއް ވެސް ނެތް ބަޔަކަށް ވާނެ އެވެ. ސަނީފް ވަނީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީއަށްވާއިރު ޕާޓީގެ ރައީސްކަމަށް ބޭފުޅަކު ހޮވުނީ އެއްވެސް އިންތިހާބަކާއި ނުލާކަން ފާހަގަކޮށް އެކަން ތަކުރާރުވާނަމަ ޕާޓީތަކުގެ ސައްހަކަން ގެއްލިގެން ދާނެކަމަށް ވިދާޅުވެފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުމަށް އެމްޑީޕީން އަނެއްކާވެސް މަސައްކަތް ކުރާއިރު، މީގެ ކުރިން ހެދި ގާނޫނު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުވާލީ ވެސް އަމިއްލަ މަންފާއަށްކަމަށް އޭނާ ތުހުމަތު ކުރި އެވެ. އެއީ އުވާލަން ޖެހޭ ގާނޫނެއް ނޫންކަމަށާއި، ގާނޫނު ޖެހޭނީ ހަރުދަނާ ކުރަންކަމަށް ސަނީފް ތަކުރާރުކޮށް ވިދާޅުވި އެވެ.

އަމިއްލަ ބޭނުމަށް ސިޔާސީ ބާރުވެރިކަން ހޯދަން.. އަޅުގަނޑުމެންގެ ޕާޓީ ވެރިކަމަށް އައިސް ހެދި ގޮތަކީ ފުރަތަމަ ވެސް އެ ގާނޫނު އުވައިލީ… އެ ގާނޫނު އުވާލާކަށް ނުޖެހޭ.. އެ ގާނޫނު އުވާލާކަށް ނުޖެހޭ.. އެ ގާނޫނު ޖެހޭނީ ހަރުދަނާ ކުރަން… އެއީ ހަރުދަނާ ކުރަން ޖެހޭ ގާނޫނެއް..

ސަނީފް ވަނީ އޭނާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމުން، މިއަދު ލިބުނީ ދޮގު ތުހުމަތެއްކަމަށް ވިދާޅުވެފަ އެވެ. ސަނީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިން ވޯޓުގައި އެމްޑީޕީގެ ބައެއް މެމްބަރުން ރިޝްވަތު ނެގިކަމަށާއި، ބައެއް ބޭފުޅުން ވޯޓަށް ފިލިއިރު އެ ވާހަކަ ދެއްކި އެއްވެސް ލީޑަރެއް ނެތް ކަމަށެވެ. އެ ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަތައް ނުދައްކައި، އޭނާ ބަދުނާމު ކުރުމަށް ލީޑާޝިޕް އަޑީގައި އޮވެގެން ކުރާ މަސައްކަތް ކުށްވެރި ކުރާކަމަށް ސަނީފް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި.. އެމްޑީޕީގެ މެމްބަރުން ރިޝްވަތު ނަގައިގެން ވޯޓު ދިންއިރު އަދި އެ ވޯޓަށް ފިލިއިރުގަ މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި ލީޑަރެއް.. އެމްޑީޕީގެ ނެތް.. މިއާއި އެކު ޕާޓީ ވިއްސިވިހާލިވެ، ދެކަފިވެގެން ދިޔައިރުގަ.. އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް  ވޯޓު ދިނީމާ.. އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ.. މިއީ ލަދުވެތިކަމެއް…

ސަނީފް ވަނީ ޝާހިދުގެ އިރުޝާދާއި އެއްގޮތަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނި މިއުވާން މުހައްމަދު މެމްބަރުންނާއި ގުޅޭގޮތުން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޕާޓީގެ މިއަދުގެ ރައީސް ޢަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްކަމަށްވާ މިއުވާނުގެ ނޫހުގައި ޕާޓީގެ މެންބަރުން ފަޟީޙަތްކުރުމަކީ މިދާ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް.. އެމްޑީޕީ މިގޮތަކަށް ނުހިންގޭނެ.. އެމްޑީޕީގެ ލީޑާޝިޕް މިކަން އެބަ ގަބޫލު ކުރަން ޖެހޭ

ޝާހިދުގެ ނަން ވިދާޅުވުމަށް ފަހު ސަނީފް ނުރުހުންފާޅު ކުރުމުން އެ ވާހަކަ ހުއްޓުވައި ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ވިދާޅުވީ ޖަވާބުދާރީ ވެވޭނެ ގޮތަށް ނެތް ބޭފުޅުންގެ ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލުގެ ބަހުސްގައި ސަނީފް ވިދާޅުވީ ބިލުގެ މަސައްކަތް ނިންމަން ވީ ރިޝްވަތުގެ ކަޅު ފައިސާގައި ޖެހޭ ހަގީގީ މީހުން އެނގޭ ގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: