ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ ރައްދު، ސަނީފަށް؛ ދޮގުހަދައި އަބުރަށް އަރައިގަތުމަކީ ފިނޑި އަމަލެއް!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާޙިދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީގެ އެއްވެސް އަސާސެއް ނެތި، ރާއްޖޭގެ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ޕާޓީގެ ހަލާކުކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކުރެއްވި ތުހުމަތުތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

އިންތިހާބީ މަގާމަކަށް ހޮވުނު ސިޔާސީ ޕާޓީ ދޫކޮށް އެހެން ފިކުރަކާއި ގުޅޭ ހިސާބުން ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ބިލާއި އެކު ސަނީފް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ކުރިން އެ ގާނޫނު އޮއްވައި ވެރިކަމަށް އައިސް 2019 ގައި އިސްލާހު އުވާލީ އަމިއްލަ މަންފާއަށް ވިސްނައި އެމްޑީޕީންނެވެ.

ހަރުކަށި އުސޫލުތަކާއި އެކު ގޮނޑި ގެއްލޭ އިސްލާހުތައް ގެނައުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު ހަރުދަނާ ކުރުމަށް ގޮވާލައި ސަނީފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި އެކަމަކު އެއްވެސް އިންތިހާބަކާއި ނުލައި އެ މަގާމަށް ޝާހިދު އިންތިހާބުވިއިރު އެއީ ރައްޔިތުން ލީޑަރުންނަށް ކުރާ އިހުތިރާމާއި ގަދަރު ގެއްލޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ ވޯޓާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންތައް ރިޝްވަތުގެ ފައިސާ ނެގިކަމަށާއި އެކަމަކު އެ ވާހަކަ ދައްކާނެ ލީޑަރެއް ޕާޓީ ތެރޭގައި ނެތް ކަމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ސަނީފް ހިތްހަމަނުޖެހުނީ ބައެއް ބޭފުޅުން ދެއްކެވި ވާހަކައިގައި ސަނީފަށް އާމާޒުވާ ގޮތަށް ނުސީދާކޮށް ވާހަކަ ދެއްކެވުމުންނެވެ.

އެގޮތުން ބައެއް މެމްބަރުން ޕާޓީގައި ތިބެ، ސަރުކާރު ބޭނުންވާ ގޮތަށް ވޯޓެއް އަނބުރާލުމުގެ ގޮތުން އެ ވަގުތެއްގައި ތަޅުމުގައި ހާޒިރުވެ ނެތުން ފާހަގަކުރި އެވެ. އަދި ބައެއް މެމްބަރުންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފާހަގަވާކަމަށް ތުހުމަތު ކުރިއިރު ސަނީފް އެއަށް ރައްދު ދެއްވައި ވިދާޅުވީ އެއީ ޝާހިދު އިސްވެ ހުންނަވައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވަން މުހައްމަދު ދީދީއަށް އިރުޝާދުދީގެން ހިންގާ ދިޔަވަރު ނޫހުގައި ލިޔުނު ވާހަކަތަކެއް ކަމަށެވެ.

ސަނީފް ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ ބޮލުގައި އެ ތުހުމަތުތައް އަޅުވަނީ ޝާހިދު އެކަމުގެ އަޑީގައި ހުންނަވައިގެންނެވެ. ސަނީފްގެ ތުހުމަތުތައް މީޑީއާތަކުގެ ސަމާލުކަމަށް އައިއިރު އެ ވާހަކަތަކަށް ރައްދު ދެއްވައި ޝާހިދު ވިދަޅުވީ މަޖިލީހުގައި ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އޭނާއާއި ގުޅުވައި ދެއްކެވި ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ފިނޑި އަމަލެއް ކަމަށެވެ.

ދިޔަވަރު ނޫހާއި ގުޅުވައި މިއުވާނަށް ކުރި ތުހުމަތުތައް އޭނާ ވެސް ވަނީ ދޮގުކޮށްފަ އެވެ. މިއުވާން ކުރި ޕޯސްޓެއްގައި ވަނީ އޭނާއަކީ ފިލާ ހުރެ ނޫސްވެރިކަން ކުރާނެ މީހެއް ނޫންކަމަށާއި ކެރިގެން ހުރެ އާންމުންގެ ތެރޭގައި ހަބަރުތައް ލިއުމުގެ ހިތްވަރާއި ކެރުން ވެސް ހުންނާނެ ކަމަށެވެ.

ސަނީފް ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު، ބައެއް މެމްބަރުން އަޑުގަދަ ކުރެއްވި އެވެ. މިފަހަކަށް އައިސް ސަނީފަކީ ސަރުކާރު ބޭނުންވާ ގޮތަށް ބިލުތަކަށް ވޯޓު ނުދިނުމަށް ތަޅުން ދޫކޮށް ދާ މެމްބަރެއްކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ. އެގޮތުން ސަނީފްގެ ނަން ވިދާޅު ނުވެ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް އެ ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަ ސަނީފު ދައްކާވާހަކަ އެހެންމީހުން ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް އޭނައަކަން ބުނެދެވިފަނެތް. ހަމަ ބުލާ ބުލާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: