ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަކުރާރުކޮށް އިގުރާރާ ހިލާފުވާތީ، ޔާމީނަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަނީ!

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތަކުރާރުކޮށް ދިން އިންޒާރުތަކަށް ފަހު ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދަވާތީ ލުއިތައް މުރާޖައާ ކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ތަކުރާރުކޮށް ބަންދުލު ލުއިތަކުގެ އިގުރާރާއި ހިލާފުވެ ރައީސް ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާތަކުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ގެންދަވާއިރު ކަރެކްޝަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ބުނުން ފިޔަވައި އިތުރުކަމެއް ނުކުރައްވަ އެވެ.

ޕީއެންއެފްގެ ތާއީދުގައި މަޖިލިސް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓެއް ބޭއްވި ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވި އިރު ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެ ޖަލްސާއަށް އެއްވެފަ އެވެ. މިދިޔަ ހޯމަ ދުވަހު ރައީސް ޔާމީން ބައިވެރިވެފައި ވަނީ ހުޅުމާލޭގައި އޮތް ކެމްޕެއިން ޖަލްސާއެއްގަ އެވެ. އެ ހަރަކާތުގައި ރައީސް ޔާމީނާއި އެކު އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަހުމަދު ހުންނެވި އެވެ.

ޖަލްސާގައި ރައީސް ޔާމީން ޕޯޑިއަމެއްގައި ވާހަކަ ނުދެއްކެވި ނަމަވެސް އާންމުންނާ ސަލާން ކުރައްވައި މަޝްވަރާ ކުރެއްވި އެވެ.

ޕީއެންއެފްގެ އޮފީހުގައި އޮންނަ ޖަލްސާތަކުގައި ރައީސް ޔާމީން ސަރުކާރުގެ ސިޔާސަތުތަކާއި، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. ރައީސް ޔާމީން އެންމެ ބޮޑަށް ނުރުހުން ވަނީ، މި ސަރުކާރު ގެނައީ އެމަނިކުފާނު މިނިވަން ކުރުމަށް ނަމަވެސް މިހާތަނަށް އައިއިރު ވެސް އެއްވެސް ލުޔެއް ދީފައި ނުވާތީ އެވެ.

ދާދިފަހުން ރައީސް ޔާމީން އެ މައްސަލައިގައި ވިދާޅުވީ މިހާރު ބަންދުން ދޫކޮށްފާނެކަމަށް އެއްވެސް އުންމީދެއް ނުކުރާކަމަށާއި އެކަމަކު ޖުޑިޝަރީގެ ތެރެއިން ކަންކަން ނުނިމި އޮތުން ގަބޫލު ކުރާކަމަށެވެ. ޝަރީއަތުން ގޮތެއް ނުނިމުނު ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީ، މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ޓީވީ ސްޓޭޝަންތަކަށް ވަޑައިގެން ޕްރޮގްރާމުތަކުގައި ވާހަކަ ދެއްކެވުމަކުން އާންމުން އެކަމާ ޝަކުވާކުރާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާއިރު، މިވަގުތު ގޭބަންދުގައި ހުންނެވީ ރަށު ބަންދުގެ ނަމުގައިކަމަށް ބައެއް މީޑިއާތަކުގައި ވެއެވެ. އެހެން ނަމަވެސް އެއީ ގާނޫނު ދަންނަ ބަހަކަށް ނުވާއިރު އެމަނިކުފާނަށް ދިން ލުއިތަކަކީ ކޮބައިކަމާއި ގެއަށް ބަދަލު ކުރިއިރު ވެފައިވާ އިގުރާރުގެ ތަފްސީލަކީ ކޮބައިކަން ކަރެކްޝަނުން ހާމައެއް ނުކުރެ އެވެ. ފަހުން އެމަނިކުފާނުގެ ފަރާތުން ލުއިތަކެއް ދީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އަދި ނޫސްވެރިންގެ ބައްދަލުވުމަކަށް އެދުމުން ކަރެކްޝަނުން އެ ހުއްދައެއް ނުދިނެވެ. ދެވަނަ ފަހަރަށް އެގޮތަށް އަނެއްކާވެސް ހުށަހެޅުމުން، ކަރެކްޝަނުން ނިންމުމަށް ބަދަލެއް ގެނައިކަން ހާމައެއް ނުކުރެ އެވެ.

ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ، ނޫސްވެރިން ތަކުރާރުކޮށް ކަރެކްޝަނާ ސުވާލު ކުރުމުން ބުނެފައި ވަނީ ފަހުގެ އިންޒާރު ދީފައިވާކަމަށާއި، އިގުރާރާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އެހެން ނަމަވެސް ކޮންމެ ރެއަކު ހަރަކާތްތަކުގައި ބައިވެރިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ކަރެކްޝަނުން އިތުރު ތަފްސީލެއް ނުލިބެ އެވެ.

ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ ރައީސް ޔާމީން ބަންދުން ދޫކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ޝަރުއީ ކޯޓުތަކަށް ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: