ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އެއްވެސް ދައުރެއް ނެތި، އީސީއަށް މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް މަޖިލީހަށް ދޭން އިސްލާހެއް!

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި، ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއިލް ހަބީބް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް މެމްބަރުން އައްޔަނު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ މި އިސްލާހު ހުށަހަޅުއްވައި ވިދާޅުވީ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމުކަމަށް ގަބޫލު ކުރާކަމަށެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި އެ މީހުންގެ ނަންތައް ދިރާސާކޮށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން އީސީއަށް މެމްބަރުން އައްޔަނު ކުރުން ލިބިދޭން ޖެހެނީ މަޖިލީހަށްކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫނުސްގެ އިސްލާހުގައި ވާގޮތުން، ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ހަމައެކަނި ދައުރަކީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް އެ ބޭފުޅަކު އައްޔަނު ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 04 ވަނަ މާއްދާގެ  (ހ) ގައި މިހާރު އޮންނަނީ ކޮމިޝަނުގެ މެމްބަރުން އައްޔަނު ކުރާނީ އެ މާއްދާގައި ބުނާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރަން ބޭނުންވާ ކޮންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ކޮމީޝަނަށް އައްޔަނު ކުރަން ފެންނަ ނަމެއް މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ. އަދި (ނ) ގައި ބުނެފައި ވަނީ ކުރިން ބަޔާން ކުރި މާއްދާގެ ދަށުން މަޖިލީހަށް ރައީސް ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައް ވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި ފޮނުވަން ވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި ހާޒިރުވެ ވޯޓުދިން މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރާ ބަޔަކު އީސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެކަމަށް އެ މާއްދާގެ (ރ) ގައި ވެއެވެ.

އެހެންކަމުން މިހާރު އަމަލު ކުރާ ގޮތަކީ ކޮމިޝަނަށް ކުރިމަތިލާ މީހުންގެ ތެރެއިން، ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ މަޖިލިސް އިދާރާއަށް ފޮނުވުމެވެ. ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ބޮޑު ދައުރެއް އޮންނައިރު އިސްލާހު ހުށަހަޅާފައި ވަނީ އެފަދަ އެއްވެސް ބާރެއް ރައީސަށް ނުލިބޭ ގޮތަށެވެ.

ޔޫނުސް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ގޮތަކީ، ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުގެ މެމްބަރުކަމަށް އާންމުކޮށް އިއުލާނުކޮށް އެކަމަށް ހުށަހަޅާ ބައެއްގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމެވެ. އަދި ތަޅުމަށް ކޮމިޓީން ފޮނުވާ ރިޕޯޓު ތަޅުމުން ފާސްކުރުމުން އެއާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އީސީއަށް އައްޔަނު ކުރަންވާނެކަމަށް އިސްލާހުގައި ވެއެވެ.

މި ބިލު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ، އީސީގެ ނައިބު ރައީސަކަށް ހުންނެވި އިސްމާއިލް ހަބީބްގެ ދައުރު ހަމަވެ އެ މަގާމަށް ކޮމިޝަނުގެ ސެކޭޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުވާފައި ވަނިކޮށެވެ.

މަޖިލިސް އިންތިހާބުގެ ބިލުގެ މައްސަލައިގައި އީސީގެ މެމްބަރުން ހާޒިރު ކުރި ކޮމިޓީގައި އާއި، މަޖިލިސް ޖަލްސާތަކުން ވެސް އެމްޑީޕީގެ ނުރުހުން އީސީގެ މެމްބަރުންނަށް އޮތްކަން ފާހަގަކުރެވުނެވެ. އެގޮތުން އީސީގެ ރައީސް ފުއާދު ތައުފީގް ވެސް ވަނީ އޭނާ މަގާމުން ދުރުކުރުމަށާއި، ކޮމިޝަނުން ބޭރު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރީ އެ ކޮމިޝަނުގެ އެހެން ދެ މެމްބަރެއްގެ އެހީގައިކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަ ޚިޔާލު ވަރަށް ފުރިހަމަ. ވަކި މިނިވަންތަނެއް ނުބަލައި ހުރިހާ މިނިވަންތަނަކަނަށްވެސް ވާންވީ ތިހެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: