ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ގައުމުތަކުން ރާއްޖެއަށް ލޯ އަޅާ، މިއީ ބޮޑު ހަތިޔާރު ނަގައި ރަައްކާތެރިކަން ކަށަވަރު ކުރެވޭ ޒަމާނެއް ނޫން: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ވަރުގަދަ ދެ ބާރެއް ކޯޅި، ހަނގުރާމަތައް ކުރާއިރު އެ ދެމެދު ފިތި އަސަރު ކުރާ ބަޔަކީ ދިވެހިރާއްޖެއަށް ވުން ރަނގަޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، ގައުމެއްގެ ތަރައްގީއާއި ކުރިއެރުމަށް ދުރު ރާސްތާ ޕްލޭންތަކުގެ ސިޔާސަތެއް އޮންނަން ޖެހޭ އުސޫލުން ހާރިޖީއަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ހާރިޖީ ސިޔާސަތުގެ ނަމުގެ ފަހަތުގައިވާ މާނައަކީ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކުރުމާއި، ގައުމުގެ ވިޔަފާރިއާއި ސިއްހީ ދާއިރާ، އަދި ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއަރުވައި މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް އީވާ ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި، ރައްކާތެރިކަން ގުޅިފައި ވަނީ ހާރިޖީ ސިޔާސަތުގެ ތެރެއިންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ ގައުމެއްގެ ނެޝަނަލް ސެކިއުރިޓީއަށް ލޮޅުންތަކެއް އަރަނީ ހަމައެކަނި ބަޔަކުގެ ފަރާތުން އަންނަ ނުފޫޒުން އެކަނި ނޫން ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ސިފައިންތަކެއް ކަނޑިބަޑި ހިފައިގެން ގައުމަކަށް އަރައި ހިސޯރުކޮށް އަތް ގަދަ ނުކޮށް ވެސް މިނިވަންކަމަށް ނުފޫޒު ފޯރުވައި އެ ހައްގު ނިގުޅައިގަނެވިދާނެ ކަމަށެވެ.

ނެޝަނަލް ސެކިއުރިޓީ ތްރެޓެން ވަނީ ހަމައެކަނި.. ބޫޓްސް އޮން ދަ ގަރައުންޑަކުން ނޫން.. ބޭރު ގައުމެއްގެ ސިފައިންތަކެއް އަރައި.. ނުވަތަ ބޭރު ބަޔަކު.. ގައުމަށް އަރައި ހިސޯރުކޮށްގެން އެކަންޏެއް ނޫން.. އަޅުގަނޑުމެންގެ ސެކިއުރިޓީއާއި ނެޝަނަލް.. ރައްކާތެރިކަން ތްރެޓެންވަނީކީއެއް..

އެކަމުގެ މިސާލެއްގެ ގޮތުގައި އީވާ ނެންގެވީ، އެ ގައުމެއްގެ އިގްތިސާދީ ހާލަތާއި ދަރަނިވެރިވެފައިވާ މިންވަރެވެ. ހާއްސަކޮށް މާބޮޑަށް ވަކި ގައުމަކަށް ބަރޯސާވެފައި އޮތުމާއި، އެ ގައުމަށް ދައްކަން ޖެހޭ ދަރަނިތައް އިންތިހާއަށް އޮތުމަކީ ވެސް ރައްކާތެރިކަމަށް ނުފޫޒެއް އައިސްދާނެ ސަބަބެއްކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ ޒަމާނުއްސުރެ ފެށިގެން ބޮޑެތި ގައުމުތަކާއި، އެ ބާރުތައް ރާއްޖެއަށް ލޯއަޅަމުން ދިޔަކަމީ ހަގީގަތެއްކަމަށާއި އެ ވާހަކަތައް ނުދައްކައި ތިބުމުގެ ބޭނުމެއް ވެސް ނެތްކަމަށެވެ. އެގޮތުން 1400 ގެ އަހަރުތަކާއި 1600 ގެ އަހަރުތަކުގައި ޔޫރަޕްގެ ގައުމުތަކުގެ ކޮލޯނިއަލް ބާރު އެންމެ ބޮޑުވަމުން ދިޔަ ދުވަސްވަރު އެ މީހުން ވެސް ދިޔައީ ރާއްޖެއަށް ކަޅިއަޅަމުންކަމަށް އީވާ ފާހަގަކުރެއްވި އެވެ.

މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ ދެ ބާރު، ޗައިނާ – އިންޑިއާ އެ ބަޔަކު އަނެއް ބަޔަކު ދެކެ ކުރާ ނަފްރަތެއްގެ ސަބަބުން ކޯޅި ފިނި ހަނގުރާމަތައް ކުރަމުންދާއިރު އޭގެ ތެރޭގައި ފިތި ބާރުވެ އަސަރު ކުރާ ބަޔަކީ ދިވެހިރާއްޖެއަށް ވެގެން ނުވާނެކަމަށް އީވާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ވާހަކަ ނުދައްކާ ތިބޭނެކަމެއް ނެތް.. އަދި ދުރުދުރުން ވެސް އަޅުގަނޑުމެން މި ވާހަކަ ދައްކާނެކަމެއް ނެތް.. ބޮޑު ދެ ގައުމު.. ބޮޑު ދެ ޖަޔަންޓު.. އިންޑިއާއާއި ޗައިނާ ކޯޅެމުން ދާ ގަޑީގާ.. އަޅުގަނޑުމެން އޭގެ ތެރޭގައި ތާށިވެގެންނެއް ނުވާނެ..

އީވާ ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބި މިވީ އެތައް އަހަރެއްގެ ތެރޭގައި ހާރިޖީ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ އިހުތިރާމާއި އެކު އެހެން ގައުމުތަކާ ގުޅުން ބަދަހިކޮށްގެން ކަމަށެވެ. އަދި ދޭދޭ ގައުމުތަކާއި އެކު އުޅެވޭ ގޮތަށް ވިސްނައި، މިއީ ކުޑަގައުމެއްކަން ދަނެ އެހެން ގައުމުތަކުގެ އެހީއާއި ބަރޯސާ ވާން ޖެހޭ މިންވަރު ދަނެގެން ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާނެކަމަށް އީވާ ވިދާޅުވި އެވެ.

މިއީކީ ބޮޑު ހަތިޔާރު ނަގައިގެން.. އަޅުގަނޑުމެންނަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ދުވަހެއް ނޫން.. އަޅުގަނޑުމެންގެ ރައްކާތެރިކަމާއި، އަޅުގަނޑުމެންގެ މިނިވަންކަމާއި.. އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނީ.. އަވައްޓެރި ގައުމުތަކާއި ވެސް އަދި އެހެން ގައުމުތަކާއި ވެސް.. ގިނަ ދުވަސްވީ ގުޅުން އޮތް ގައުމުތަކާ ވެސް.. އަދި އަލަށް ގުޅުން ބާއްވާ ގައުމުތަކާ ވެސް އެ އިހުތިރާމާއި އެކީގާ އެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްގެން…

މީގެއިތުރުން އީވާ ވިދާޅުވީ ޒަމާނަށް އައި ބަދަލާއި އެކު، މިއީ ބޮޑު ހަތިޔާރު ނަގައިގެން ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ދުވަސްވަރެއް ނޫން ކަމަށެވެ. ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ހިފެހެއްޓުމަށް އަވައްޓެރި ގައުމުތަކާއި ދުވަސްވީ ގުޅުންތަކަށް އިހުތިރާމާއި އެކު އެ ގުޅުން ދަމަހައްޓަން ޖެހޭކަމަށް އީވާ ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: