ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އެންމެ އިސްވެރިޔާއާއި ދެކޮޅަށް ބަޔާން ނެރެވިދާނެކަމަށް ގަބޫލެއް ނުކުރަން: ޒުލްފާ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްސަސާއަކަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ބަޔާނެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

މިއީ އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި، މަޖިލިސް ކެމްޕެއިން ކުރައްވައި ސިޔާސީ ވާހަކަތައް ދެއްކެވިކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ސަރުކާރާއި ދެކޮޅަށް ނެރުނު މައްސަލައެކެވެ.

އެމްޑީޕީގެ ޕަޕެޓުންތަކެއް މަޖިލީހުގައި ތިބޭކަމަށް ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނިކޮށް، އެ ރަށުގެ ކައުންސިލުން އާންމު ކުރި  ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ ރަސްމީ ދަތުރެއްކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށެވެ. އެކަމަކު ރަސްމީ ޖަލްސާގެ ވަކި ހިސާބަކުން ރައީސާއި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންގެ ވާހަކައިގެ މިސްރާބު ބަދަލުވީ ސިޔާސީ ޕޯޑިއަމަކަށްކަމަށާއި ރައީސް ނިސްބަތްވާ ޕާޓީއަކުން މަޖިލިސް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދުމަށް ކެމްޕެއިން ކުރެއްވިކަމަށް ބަޔާނުގައި ވެއެވެ. މި ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އޭގެ ޖެހިގެން އައި ދުވަހު އެންގުމާއި އެކު، މައްސަލަ ހޫނުވެ މީޑިއާތަކުގެ ސަމާލުކަމަށް އައެވެ.

އެލްޖީއޭގެ އެންގުމާއި ދެކޮޅަށް، ކައުންސިލުން އަނެއްކާވެސް ބަޔާނެއް އާންމު ކުރި އެވެ. އެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވާހަކަ ދެއްކެވިއިރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބަޔާން ބާތިލު ކުރަމަށް އެންގިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭގެ އިސްވެރިން ހާޒިރުވިއިރު ދާދިފަހުން ލޯކަލް ގަވަމަނެޓް ޕްރެސްގައި ވެސް އެންމެ ބޮޑަށް ސުވާލު އަމާޒުވީ މި މައްސަލައަށެވެ. އެ ދުވަހު ވެސް ޒުލްފާ ތަކުރާރުކޮށް ވިދާޅުވީ ބަޔާނެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.

މަޖިލިސް ކޮމިޓީގައި މެމްބަރުންގެ ގިނަ ސުވާލުތައް އަމާޒުވުމުން ޒުލްފާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް އަރައިގެނެ، އެފަދަ ބަޔާނެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި ގާނޫނުތައް ވެސް ބަޔާން ކުރާގޮތުން ބަޔާންތައް ނެރެވޭނީ ކައުންސިލް ޖަލްސާއެއް ބާއްވައި އޮންނަ އިޖުރާއަތުގެ ތެރެއިންކަމަށް ޒުލްފާ ވިދާޅުވި އެވެ.

ކޮމިޓީގައި މެމްބަރުން ޒުލްފާއާއި ސުވާލު ކުރީ، އެލްޖީއޭގެ ބޯޑުން ނުނިންމައި ސީއީއޯގެ ހައިސިއްޔަތުން އެފަދަ ނިންމުމެއް ނިންމިދާނެތޯ އެވެ. އެކަމަކު ޒުލްފާ ވިދާޅުވީ އެއްވެސް އިންކުއަރީއަކާއި ނުލައި ބަޔާން ބާތިލު ކުރަމަށް އެންގީ އެލްޖީއޭގެ ބޯޑަށް ހުށަހަޅައި ކުރަން ޖެހޭ އެ މަސައްކަތަށް ވަގުތު ދާނެތީ ކަމަށެވެ. އަދި ބޯޑުން ގޮތެއް ނުނިންމިޔަސް، އިދާރީ ފިޔަވަޅުތައް އެޅުމުގެ ބާރު ސީއީއޯއަށް ލިބިގެންވާކަމަށް ޒުލްފާ ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ އެއްވެސް މުވައްސަސާއަކަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ދެކޮޅަށް އެއްވެސް ބަޔާނެއް ނެރެވިދާނެކަމަށް އޭނާގެ ޒަމީރު ގަބޫލު ނުކުރާކަމަށެވެ.

ދެން މެމްބަރުން ސުވާލު ކުރެއްވީ، ކައުންސިލެއްގެ ބަޔާނެއް ބާތިލު ކުރުމަށް އެލްޖީއޭއަށް ނޭންގޭނެކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވަނިކޮށް އެއާއި ހިލާފަށް އަމަލު ކުރެއްވީ ކީއްވެގެން ތޯއެވެ. އަދި ލަފާ ގަބޫލު ކުރުމަށް ދެކޮޅު ހަދަނީތޯ ސުވާލު ކުރުމުން ވިދާޅުވީ އެއީ މެމްބަރުންގެ އަމިއްލަ ހިޔާލުގައި  ހުރި ވާހަކައެއްކަމަށާއި އޭޖީގެ ލަފައާއި މެދު އޭނާ ދެކޮޅު ހަދައި އެއްވެސް ތަނެއްގައި ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

ޒުލްފާގެ ޖަވާބާއި މެދު ހިތްހަމަނުޖެހި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދަޅުވީ އެ ލަފާ ގަބޫލު ކުރާނަމަ ދެން އެލްޖީއޭ މައާފަށް އެދެން ޖެހޭނެކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވާނެތޯ ސުވާލު ކުރެއްވި އެވެ. އީސަ ވިދާޅުވީ މެމްބަރުންގެ ސުވާލުތަކަށް އެކަށީގެންވާ ސާފު ޖަވާބެއް ނުދެއްވައި ޒުލްފާއަށް ކޮމިޓީ ދޫކޮށްވަޑައިނުގެންނެވޭނެ ކަމަށެވެ. އެހާ ހިސާބުން ކޮމިޓީ ހޫނުވިއިރު މައާފަށް އެދުމުގެ ސުވާލަށް ޒުލްފާ ޖަވާބެއް ނުދެއްވި އެވެ.

އެ ޖަވާބު ދެއްވައި އެލްޖީއޭގެ ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ ބޯޑުން އެކަމުގައި ގޮތެއް ނިންމޭނެ ކަމަށެވެ. އަދި އެގޮތަށް މައާފަށް އެދެން ޖެހިއްޖެ ނަމަ، މައާފަށް އެދި އެލްޖީއޭ ކުރަން ޖެހޭ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެލްޖީއޭގެ ލަފާ ލިބުނީ، ބަޔާން ބާތިލު ކުރުމަށް އެންގިފަހުންކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އެފަދަ އަމަލުތަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭގޮތަށް އޭޖީގެ ލަފާ އޮތުމަކީ ކަންބޮޑުވުމެކެވެ. އެ ސަބަބުތަކާއި ހުރެ މަސައްކަތް ކުރުމާއި ގުޅޭގޮތުން އޭޖީއާއި އެކު މަޝްވަރާ ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: