ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާތައް ނުބޭއްވޭ ނަމަ، ސަރުކާރު ހިންގާތަން ފެންނާނީ މަޖިލީހަކީ ނެތްބައެއްކަމަށް ބަލައިގެން: ހަސަން

ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލީހުން ޖަލްސާތައް ނުބާއްވައި އެހެން މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަކީ ސަރުކާރު ވެސް މަޖިލީހަކީ ނެތްތަނެއްކަމަށް ބަލައިގެން ރައްޔިތުންނަށް ގެއްލުންވާ ކަންކަން ކުރުމުގައި ގާއިމުވެ ތިބުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކޯރަމް ހަމަނުވެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވޭ މައްސަލައިގައި، ޑިމޮކްރެޓްސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައި މެމްބަރުން ތަޅުމަށް ހާޒިރު ނުވެ ކެމްޕެއިނު ކުރަމުން ދާތީއެކަމަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގެ އާންމު ޖަލްސާތައް ހަފްތާއަކު ތިން ދުވަހު ބާއްވަން ޖެހޭއިރު ހަސަން ވިދާޅުވީ، މެމްބަރުން ހާޒިރު ނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެ ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވައި، އެ މަސައްކަތް ކުރުމުގެ ޒިންމާ މަޖިލީހަށް އޮތްއިރު އެ ޒިންމާ ދޫކޮށްލައިގެން ނުވާނެކަމަށް ހަސަން ވިދާޅުވި އެވެ.

ސަރުކާރުގެ އެތެރޭގެ ކަންކަން ނުބަލައި މަޖިލީހުން ދޫކޮށްލުމުގެ ނަތީޖާއަކަށް ވާނީ، ހަސަން ވިދާޅުވި ގޮތުގައި ދައުލަތުން ވެސް ޖަވާބުދާރީ ކުރުވާނެ ބައެއް ނެތްކަމަށް ނިންމައިގެން ހަރަކާތްތެރިވަމުން ދިއުން ކަމަށެވެ. އެހެންކަމުން މަޖިލީހުން އަމިއްލަ ޒިންމާއިން ރެކެންވީ ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ވެސް މަޖިލީހަކީ ނެތްތަނެއްކަމަށް ބަލައިގެންކަމަށް ހަސަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ބާއްވައި މި ވާހަކަތަކަށް ބާރު އަޅާ ސަބަބަކީ، ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވާން އޮންނަ މުވައްސަސާއަކީ މި ރައްޔިތުންގެ މަޖިލިސް… އަޅުގަނޑުމެން އެއްކައިރިޔަށް ޖެހިލައިފިއްޔާ… އެއްފަރާތަކަށް ޖެހިލައިފިއްޔާ ރޯމަރާލަފިއްޔާ.. ސަރުކާރުން ކުރަމުން ގެންދާ ކަންކަން ކުރަމުން ގެންދާނީ އަޅުގަނޑުމެން އެއީ ނެތް ބައެއްކަމަށް ބަލައިގެން.. މަޖިލީހަކީ ނެތްތަނެއްކަމަށް ބަލައިގެން..

ހަސަން ވިދާޅުވީ މަޖިލިސް ފަންކްޝަން ނުކޮށް، ކުރިޔަށް ދާނަމަ ޖަވާބުދާރީ ކުރުވުމުގެ ހަގީގީ މަހްފޫމް ގެއްލިގެން ދާކަމަށެވެ. އަދި ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން އާންމުވެ، އާންމު ދިވެހި ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދާކަމަށް ހަސަން ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 21 ގައި އޮތް އިރު، ހަސަން ވިދާޅުވީ އިތުރު ދައުރަކަށް ވާދަކުރައްވާ މެމްބަރުންނަށް ކެމްޕެއިން މުހިންމުވާނެކަމާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރަން ޖެހޭނެކަން ގަބޫލު ކުރާކަމަށެވެ. އޭނާ ވެސް ހިމެނޭހެން، އެކުގައި މަސައްކަތް ކުރާ މެމްބަރުންތައް ވެސް މަޖިލީހަށް ވާދަކުރާއިރު އެބޭފުޅުންނަށް ކެމްޕެއިންގެ މުހިންމުކަން އިހުސާސް ކުރެވޭކަމަށް ހަސަން ވިދާޅުވި އެވެ. އެހެން ނަމަވެސް، ކެމްޕެއިން ކުރުމުގައި މަޖިލިސް ޖަލްސާއަށް ވަގުތު ދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑަށް ވެސް އެނގޭ.. ރައްޔިތުންގެ މަޖިލިސް އިންތިހާބު އެބައޮތް.. މި އަންނަ މަހުގެ 21 ވަނަ ދުވަހު.. އަދި އަޅުގަނޑުގެ އަހުން.. އަޅުގަނޑާއި އެކު މި މަސައްކަތުގައި ބައިވެރިވާ.. އެތައް ބޭފުޅުން ކެމްޕެއިނަށް ވަޑައިގަންނަވަން ޖެހޭ.. އެކަން ވެސް އަޅުގަނޑު ގަބޫލު ކުރަން.. އެކަމަކު މަޖިލިސް ޖަލްސާތައް ހަފްތާއަކު ތިން ދުވަހު ބޭއްވޭ ގޮތަށް އެކަން އެބޭފުޅުންނަށް އިންތިޒާމު ކުރެވޭނެ..

ހަސަން ވިދާޅުވީ މަޖިލީހުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅުން ހުރި ގިނަ މަސައްކަތްތައް ވެސް ކުރަން ޖެހިފައިވާކަމަށެވެ. އިންޑިއާގެ ސިފައިންތަކެއް ދިވެހި މަސް ދޯނިތަކަށް އެރި މައްސަލައިގައި ސުވާލު ކުރުމަށް ފޮނުވާފައިވުމާއި އެކަމުގެ ކޮމިޓީ ބައްދަލުވުންތައް ބާއްވަން ޖެހޭއިރު މެމްބަރުން ހާޒިރުވެ ނެތުމުގެ ސަބަބުން އެ މަސައްކަތް މަޑުޖެހިފައިވާކަމަށް ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ ގިނަ މެމްބަރުން ކުއްލި މައްސަލަތަކާއި، ކޮމިޓީތަކުގައި ހުރި ސީރިއަސް މައްސަލަތައް މަތީން އެއްވެސް ހަނދާނެއް ވެސް ނެތީތޯ ހަސަން ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑްރޯންތަކެއް ގެނެސްފައިވާއިރު، އެއީ ކޮން ގޮތަކުން ކުރި ހަރަދުތަކެއްތޯ އާއި އެއްބަސްވުންތަކުގެ މައުލޫމާތުތައް ވެސް ހޯދަން ޖެހޭއިރު މަޖިލިސް މެމްބަރުންގެ އެއްވެސް ޝައުގެއް މިކަމުގައި ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: