ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން، ރައީސް މުއިއްޒަށް: އިންޑިއާގެ ސިފައިން ޔުނިފޯމު ބާލައި ”ގަންޖުފަރާހެއް“ ލައިގެން މިތާ ތިބޭކަށް ނުޖެހޭ!

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ސިޔާސީ ހަރަކާތެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށް ބުނެ ވީ ވައުދުތަކާއި ހިލާފުވެ މިހާރު ސަރުކާރުގެ ވެރިން އެ ވާހަކަ ދައްކަން ލަދު ގަންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ނުފޫޒު ފޯރުވައި، ގައުމުގެ އިގްތިސާދުގެ މައްޗަށް އިންޑިއާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވައި ސީދާ މަގުމައްޗަށް އެންމެ ފުރަތަމަ ވެސް ނިކުންނެވި ލީޑަރަކީ ރައީސް ޔާމީނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޮތް ނޭނގޭ، ސިއްރު އެތައް އެއްބަސްވުންތަކެއް އިންޑިއާއެކު ގާއިމުކޮށްފައި ވާތީ އޭގެ ދަށުން ތިބި އޮފިސަރުންގެ އަދަދު ވެސް އިންތިހާއަށް އިތުރުކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. “އިންޑިއާ އައުޓް” ޖެހި ޓީޝާޓުގައި ރަށްތަކަށް ދަތުރު ކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭހެން މާލޭގެ އެކި ސަރަހަައްދުތަކުގައި އެ ޝިއާރު ޖެހި ބެނާތައް ވެސް ދަމާފައި ވަނީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ ދަށުންނެވެ.

ވަރަށް ފާޅުގައި ރައީސް ޔާމީން ދައްކަވަމުން ގެންދިޔަ ވާހަކަތައް ބޭރުގެ އިންޓަނޭޝަނަލް މީޑިއާތަކުގެ ސަމާލުކަމަށް އައިސް ސަރުކާރުން އެކަން ހުއްޓުވަން ގަރާރުތައް ނެރެ ގިނަ މަސަައްކަތް ވެސް ކުރި އެވެ. އެކަމަކު ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން އެބަތިބިކަމަށާއި، މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އިންޑިއާގެ ސިފައިން ފޮނުވާލުމާއި، އެ މީހުންގެ ނުފޫޒު ހުއްޓުވުމަށް ރިޔާސީ އިންތިހާބުގައި ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކީ އެއްބަސްވުންތައް ރިވިއުކޮށް މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި ހުރިހާ އެގްރިމަންޓެއް ވެސް އާންމުކޮށް ބާތިލު ކުރާނެކަމަށް ވައުދުވި އެވެ.

ވެރިކަމަށް ހަތަރު މަސް ވެގެން ދިޔައިރު ވެސް މިހާތަނަށް ރާއްޖޭގައި ތިބީ ޖުމްލަ ކިހާ އަދަދެއްގެ ސިފައިންކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނެފައިވަނީ ދީފައިވާ ތާރީހުގެ ކުރިޔަށް ހުރިހާ ޕްލެޓޫންއެއްގައި ތިބި ސިފައިން ވެސް އެނބުރި ގައުމަށް ދާނެ ކަމަށެވެ. އަދި އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނާނީ ސިވިލިއަނުންތަކެއްކަމަށް ވަނީ ބުނެފަ އެވެ. މިހާތަނަށް ސަރުކާރުން ރަސްމީކޮށް ބުނެފައި ވަނީ، އިންޑިއާ ސިފައިންގެ ތިބީ 87 އޮފިސަރުން ކަމަށެވެ.

މި މަސައްކަތުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމަށް ތުހުމަތު ކުރައްވައި ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން މީގެ ކުރިން ވެސް ވާހަކަ ދެއްކެވި އެވެ. ރޭ ޕާޓީ އޮފީހުގައި އޮތް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގައި އިންޑިއާގެ ސިފައިންގެ ވާހަކަ ހަރުއަޑުން ދައްކައި އެ ކެމްޕެއިނުގައި އިސްކޮށް އުޅުނު ބޭފުޅުން މިއަދު އެ ވާހަކަ ދައްކަން ޖެހިލުންވެ ލަދު ގަންނަ ކަމަށެވެ. މިއަދު އެބޭފުޅުންނަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ސަރުކާރުން އިންޑިއާ އައުޓް ހަރަކާތާއި ދެކޮޅަށް ނެރުނު ގަރާރު، ބާތިލު ނުކުރާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އިންޑިއާގެ ސިފައިންނާއި ގުޅުން ހުރި މައްސަލަތަކެއް ކޯޓުގައި ތާށިވެފައި އޮތް އިރު އެ އަޑުއެހުންތައް އަވަސް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރަން ވީ ސަބަބަކީ ކޮބައިތޯ ރައީސް ޔާމީން ވިދާޅުވި އެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި، ރާއްޖެއަކީ ކުޑަ ގައުމަކަށްވުމަކީ ބުލީ ކުރުމަށް ލިބޭ ލައިސެންސެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެކަމުގެ ރައްދުގައި ރައީސް ޔާމީން ވަނީ އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް އެރުމަކީ ވެސް ބުލީ ކުރުން ނޫންތޯ ސުވާލު ކުރައްވާފަ އެވެ.

އެއަށް ޑިފެންސް މިނިސްޓަރު ވެސް އެއްޗެއް ވިދާޅެއް ނުވޭ.. އެއަށް ޑިފެންސް މިނިސްޓަރު ވެސް ވިދާޅެއް ނުވޭ ބުލީ ކުރީއެކޭ.. ކީއްވެގެން ކުރިކަމެއް ނޭނގޭ.. ވަރަށް ބޮޑަށް ބުލީކޮށްފި ނޫންތޯ

މީގެއިތުރުން ރައީސް ޔާމީން ވަނީ ބުލީ ކުރިކަމުގެ ވާހަކަތައް ދައްކާއިރު ހަމަ އެ މޭރުމުން ދިވެހި ސަރުކާރުގެ އިސްވެރިންތައް ވެސް އަމަލު ކުރިކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިސްބަތްކޮށް ޕޯސްޓުތަކެއް ކުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވާހަކައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓު ކުރަންކަމަށްވާއިރު، ރައީސް ޔާމީން ވަނީ ސަރުކާރުން ދިގު ތާރީހުތައް ނުދީ ވަގުތުން އެ މީހުން ފޮނުވާލަން ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ ސަރުކާރުން އެއާ އެމްބިއުލާންސާއި، ސީ އެމްބިއުލާންސް ތައާރަފު ކުރުމުން ދެން އެކަމުގައި ލަސް ކުރަން ޖެހޭ ސަބަބެއް ވެސް ނެތްކަމަށާއި، ސިފައިން ވަގުތުން ދާން އަންގަން ޖެހޭނެކަމަށެވެ.

ސިފައިން ފޮނުވާލުމަށް ފަހު، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެއްކަން އިންޑިއާގެ ސަރުކާރުން ވެސް ކަށަވަރުކޮށްދެ އެވެ. ރައީސް ޔާމީން ވިދާޅުވީ ޔުނިފޯމް ބަދަލު ކުރުމަށް ފަހު އެހެން އެއްވެސް ނަމެއްގައި ވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ.

ސަރުކާރުން ތާރީހެއް ކަނޑައަޅާފައި ބުނަންވީ ނޫންތޯ.. މިހާރު ތިއޮތް ހެލިކޮޕްޓަރާއި… ދުއްވަން ތިބި މީހުން ދާށޭ…. ކޮންމެހެން ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން މިތާ ތިބޭކަށް ނުޖެހޭ…

އިންޑިއާ ސިފައިންގެ މައްސަލައިގައި އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ، އައްޑޫގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކުގައި ތިބި އޮފިސަރުން މޭއި 14 ގައި ދާނެކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އައްޑޫއިން ފޭބީ ކިތަށް ސިފައިންކަމާއި އެ މީހުންގެ ބަދަލުގައި އައީ ކިތަށް ސިވިލިއަނުންކަމަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އެކަމުގަ މާބޮޑު ތަފްސީލެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 58%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: