ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު ދަނީ ދަށްވަމުން، މިއީ ރައީސްގެ ދުރު ވިސްނޭ ސިޔާސަތުގެ ކާމިޔާބީ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނޭ ސިޔާސަތުތަކުގެ ދަށުން ޑޮލަރުގެ ރޭޓު ދަށްވެ އާންމު ހާލަތަށް އެޅެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ދިމާވެ، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ރައީސް ގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ.

މި މައުޟޫއުގައި ވާހަކަ ދެކެވޭ މިންވަރު އިތުރުވީ، ސަރުކާރުން ބޮޑެތި ހަރަދުތައް ކުރާކަމުގެ ތުހުމަތުތަކާއި އެކު މާލީ ހާލަތު ގޯސްވެފައިވާކަމަށް ބުނެ ފެތުރުނު އަޑުތަކަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ޑޮލަރު ދައުރުވާ މިންވަރު ދަށްވެ، ޑޮލަރުގެ ބޮޑު ކަޅު ބާޒާރެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ. އެހެންވެ ޑޮލަރު ލިމިޓޭޝަނެއް ގެނައުމަށް ބޭންކާއި، ސަރުކާރުން މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އެ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގު ކުރިއެވެ.

އިގްތިސާދީ ވަޒީރު ސައީދު މިއަދު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ބުރަ މަސައްކަތުން އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅެމުން ދާކަމަށެވެ. ވެރިކަމާއި ހަވާލުވިއިރު އޮތީ އުނދަގޫ ހާލަތެއްގައި ނަމަވެސް އޭގެއިން އަރައިގަނެވިފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ޑޮލަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްގައި ވެސް އަގުތައް ދަށްވަމުން ދާކަމަށެވެ.

ސައީދު ވިދާޅުވީ އިމްޕޯޓު މުދަލާއި، އަދި އުމްރާގެ އަޅުކަމަށް ޑޮލަރު ބޭނުންވާ މިންވަރު އިތުރު ދުވަސްވަރަކާއި ދިމާވި ނަމަވެސް ޑޮލަރުގެ އަގު މިހާރު ހުރީ ދަށްކޮށް ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް އަގު ރަނގަޅު ވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޑޮލަރުގެ ތާށިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ  ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔާގިންކަން ރައްޔިތުންނަށް ދޭކަމަށް މިނިސްޓްރީން ބުންނެވެ.

ފިނޭންސްއިން ބުނެފައި ވަނީ އިގްތިސާދީ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރު ކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރުފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: