ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ ވާހަކަ ތަކުރާރުކޮށް، އިހުސާން ވެސް ވިދާޅުވީ އަބްދުﷲ ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް ނެތްކަމަށް!

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް ނުވަތަ މައްސަލައެއް އޮތްކަން ފާހަގަ ނުކުރެވޭކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރަޝީދު ނިޔާވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ވެސް ސިއްހީ ހާލަތު ގޯސްވާކަމަށް ނުބެލެވޭކަމަށާއި އެއީ އެކްޓުކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައިވަނިކޮށެވެ. ލޯންޗުގައި އެވަގުތު ތިބި ބައެއް އާއްމުންނާއި، ބަނދަރު މަތީ ތިބި ރަށުގެ ރައްޔިތުންނާއި ހަވާލާ ދީ އާއިލާއިން މީޑީއާތަކަށް ބުނެފައި ވަނީ އަބްދުﷲ އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދި އާދޭސް ކުރި ކަމަށެވެ.

މީޑިއާތަކުގައި ވެސް ވަރަށް ބޮޑަށް ފެންމަތިވި މި މައްސަލައިގައި، އޭރު އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނެސް އާއިލާއަށް ނުދައްކައި މޯޗަރީގައި ބޭއްވުމަށް ފަހު ފުލުހުން ބޭނުންވީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އަބްދުﷲ ނިޔާވުމުގައި ފުލުހުންގެ އިހުމާލުވާކަމަށާއި، އޭނާއަށް އަނިޔާ ކުރިކަމުގެ ތުހުމަތުތައް ވެސް ކުރެވުނެވެ. އަދި އަބްދުﷲ ގެ މޫނު ދެއްކުމަށާއި، ހަށިގަނޑު ހަވާލުކޮށް ދޭން އެދި އާއިލާއިން މޯޗަރީ ކައިރީ އާދޭސް ކުރަމުން ދިޔައިރު ނޫސްވެރިން ވެސް ވަނީ އާއިލާގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

އަބްދުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވަނީ ފުލުހުން ބުނި ގޮތުގައި އެ އެ މުއައްސަސާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ހަގީގަތް އެނގެން ޖެހޭކަމަށް ބުނެ އެވެ. އެކަމަށް ދެކޮޅު ހަދައި އާއިލާއިން މައްސަލަ ކޯޓަށް ހުށަހެޅުމުން، ޝަރީއަތް ނިމުނީ އާއިލާއާއި ދެކޮޅަށެވެ.

މި މައްސލަައިގައި އޭރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އަބްދުﷲ ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި އެކަމުގައި ފުލުހެއްގެ އިހުމާލެއް ވާނަމަ ފުވަޅު އަޅާނެ ކަމަށެވެ.

އަބްދުﷲ ނިޔާވުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ނިންމައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމިކަން މީޑިއާތަކަށް ކަށަވަރު ކުރެވުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އެކަމުގެ އެއްވެސް މައުލޫމާތެއް ނޭނގެ އެވެ. މި މައްސަލައިގައި އެންއައިސީން ރިޕޯޓެއް ތައްޔާރު ކުރިތާ ވެސް ހަ މަސްވެފައިވާއިރު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެން ތޯ ސުވާލު ކުރީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.

ޖަވާބުގައި އިހުސާން ވިދާޅުވީ ތަހުގީގު ނިންމައި ދައުވާކޮށްދޭން އެދި ފޮނުވިކަން މީޑިއާތަކުން އެނގިފައިވާކަމަށެވެ. އަދި މައްސަލައިގެ ރިޕޯޓާއި ތަފްސީލު ހޯދުމަށް ކޮމިޝަނުގައި އެދިފައިވާނެކަމަށް އިހުސާން ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރޭގައި ފުލުހުންގެ އޮޕަރޭޝަނަލް މައްސަލައެއް ހުރިތޯ.. ފުލުހުންގެ ތެރެއިން ބަލާނަން އަޅުގަނޑުމެން.. މިހާތަނަށް ބެލިބެލުމުން އަޅުގަނޑުމެންނަކަށް.. ފާހަގަވެފައެއް ނެތް.. ފުލުހުން އެ އޮޕަރޭޝަނުގައި އެވަގުތު.. އަމަލުކޮށްފައި އެ އިން ގޮތުގެ.. މައްސަލަތަކެއް.. އެކަމަކު އެކަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މައްސަލައެއް ފާހާގަކުރާނަމަ އެކަން ރަނގަޅު ކުރުމަށް ވަގުތުން   ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން…

އެންއައިސީން އެ މައްސަލަ ޕީޖީއަށް ފޮނުވީ ކޮން ދުވަހަކުކަން ސާފެއް ނޫނެވެ. ދައުވާކޮށްދޭން އެދި ފޮނުވުމުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާންތައް ނަގައި، ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކާއި ވެސް ސުވާލުކޮށް ބަޔާން ނެގި އެވެ.

އާންމުކޮށް މިފަދަ މައްސަލަތަކުގައި ކުރާނީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތެވެ.

މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކުރިޔަށް ގެންދިޔައީ ޖިނާއީ ތަހުގީގެކެވެ. އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުންނާއި، އަދި ޕޯސްޓުމޯޓަމްގެ ނަތީޖާއާއި ގުޅޭ ތަފްސީލު ދޭން އެދި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރާނީ އެންއައިސީން ކަމަށެވެ. އަދި ފުލުހުންނަށް އެކަމުގައި ދެވޭނެ މައުލޫމާތެއް ނެތްކަމަށް ވިދާޅުވި އެވެ.

އެހެންވެ، އެންއައިސީއަށް ގުޅުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: